އުތުރު ކޮރެއާއިން މިދިޔަ ބުދަ ދުވަހުގެ ރޭ ވަނީ އެގައުމުގެ ހަތިޔާރުތަކާއި، މިސައިލްތައް ދައްކާލުމަށްޓަކައި، އެގައުމުގައި މިހާތަނަށް ކުރިއަށް ގެންދެވުނު އެންމެ ބޮޑު އަސްކަރީ ޕެރޭޑް، ވެރިރަށް ޕްރޮންގްޔަންގް ގައި ކުރިއަށް ގެންގޮސްފައެވެ. ނަމަވެސް އުތުރު ކޮރެއާގެ ރައީސް ކިމް ޖޮން އުންގެ މި ހަތިޔާރު ޕެރޭޑްގައި ފާހަގަވެގެން ދިޔައީ ހަމަ އެކަނި މިސައިލުތަކެއް ނޫނެވެ. މިސައިލުތަކުގެ ތެރެއިން މި ޕެރޭޑްގައި ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ ކިމް ގެ ދަރިކަނބަލުންނެވެ.

އުތުރު ކޮރެއާގެ ލީޑަރު، އާދައިގެ މަތިން ޕެރޭޑްތަކުގައި ހުންނަވާ މަގާމު ކަމަށްވާ ބެލްކަނީގެ މެދުގައި ހުންނެވި އިރު، ކިމް އާއި އެކުގައި ހުރީ ކަޅު ހެދުމެއްގައި ހުރި ކުޑަ އަންހެން ކުއްޖެކެވެ. ގަބޫލު ކުރެވޭ ގޮތުގައި އެއީ ކިމްގެ ދޮށީ ދަރިފުޅެވެ. އެކުއްޖާގެ އުމުރަކީ 10 ވަރަކަށް އަހަރު ކަމަށް ލަފާ ކުރެވޭ އިރު، ނަމަކީ ކިމް ޖޫ އޭ ކަމަށް ބުނެވެއެވެ.

މިއީ ފާއިތުވި ތިން މަސް ތެރޭގައި ޖޫ އޭ އާންމުންގެ ތެރޭގައި ފެނިގެންދިޔަ 5 ވަނަ ފަހަރެވެ. މި ކުޑަ ވަގުތު ކޮޅުގެ ތެރޭގައި ޖޫ އޭ ގެ ފަރާތުންވެސް ވަރަށް ބޮޑެތި ބަދަލުތަކެއް ވަނީ ފެނިގެން ގޮސްފައެވެ. ބައެއް ފަރާތްތަކުން ގަބޫލުކުރަނީ އުތުރު ކޮރެއާގެ މުސްތަގުބަލުގެ ލީޑަރު ކަމަށް ޖޫ އޭ ހޮވާފައި ވާކަމަށެވެ.

ޖޫ އޭ އެންމެ ފުރަތަމަ ފެނުނީ މިދިޔަ ނޮވެމްބަރު މަހު --- ފޮޓޯ: ކޭސީއެންއޭ

އެންމެ ފުރަތަމަ ޖޫއޭ ފެނިގެން ގޮސްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އުތުރު ކޮރެއާ އިން އިންޓަރކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް (އައިސީބީއެމް) އެއް ލޯންޗު ކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައެވެ. އެދުވަހު ހުދު ކުލައިގެ ބޯ ޖެކެޓަކާއި، ރަތް ބޫޓަކާއި އެކު، އިސްތަށިގަނޑު ޕޮނީޓެއިލްއަކަށް އައްސާލައިގެން، ބައްޕަގެ އަތުގައި ހިފައިން ހުރި ޖޫއޭ ފެނުނީ ވަރަށް ޅަ ކޮށެވެ، ނަމަވެސް ޖޫ އޭ ދެން ފެނިގެން ދިޔަ ކޮންމެ ފަހަރަކުވެސް ފެނުނީ އެ ޅަކަން ކެނޑެމުން ދިޔަ ތަނެވެ.

މިސައިލް ޕެރޭޑްގެ ކުރިން އަންގާރަ ދުވަހުގެ ރޭ، އުތުރު ކޮރެއާގެ އަސްކަރިއްޔާގެ އިސް އޮފިޝަލުންނަށް ބޭއްވި ކެއުމުގައިވެސް ޖޫ އޭ ވަނީ ބައިވެރިވެފައެވެ. އުތުރު ކޮރެއާގެ ވަރަށް ގިނަ މީހުންނަށްވެސް އެރޭގެ ފޮޓޯތަކުން ވަނީ ހައިރާންކަން ގެނުވާފައެވެ. ކޮންމެ ފޮޓޯއަކުވެސް ޖޫ އޭ އިންނަނީ އަސްކަރީ އޮފިޝަލުންނާއިގެން ވަށާލެވިފައި، މަންމަ އާއި ބައްޕަގެ ދޭތެރޭގައި، ފޮޓޯގެ މެދުގައެވެ.

ކިމްގެ ދަރިފުޅު ތައާރަފް ކޮށްދޭ ގޮތްވެސް މިވަނީ ކުރިއާއި ތަފާތުވެފައެވެ. ކުރިން ދައުލަތުގެ މީޑިއާއިން ކިމްގެ ދަރިފުޅު ތައާރަފް ކޮށްދީފައިވަނީ ކިމް ޖޮން އުން ގެ "ލޯބިވާ" ދަރިފުޅުގެ ގޮތުގައެވެ. އެންމެ ފަހުން ޖޫ އޭ ތައާރަފް ކޮށްފައިވަނީ ކިމް ޖޮން އުން ގެ "އިހުތިރާމް ލިބިގެންވާ" ދަރިފުޅުގެ ގޮތުގައެވެ. އެ މަގާމަކީ އެގައުމުގެ ވަރަށް އިސް ފަރާތްތަކަށް ދެވޭ މަގާމެކެވެ.

އަސްކަރީ ޕެރޭޑްގެ ކުރިން ބޭއްވި ކެއުމުގެ ތެރެއިން --- ފޮޓޯ: ކޭސީއެންއޭ

އުތުރު ކޮރެއާގައި ކިމް ގެ އާއިލާގެ ތިން ޖީލުން ވަނީ ވެރިކަން ކޮށްފައެވެ. ޖޫ އޭ ވާނީ ވެރިކަމާއި ހަވާލު ވެއްޖެނަމަ އެގައުމުގައި ވެރިކަން ކުރާ ކިމްގެ އާއިލާގެ 4 ވަނަ ޖީލަށެވެ. ނަމަވެސް ޖޫ އޭ އަކީ މުސްތަގުބަލުގައި ވެރިކަމާއި ހަވާލުވާނެ ފަރާތް ކަމަށްވީ ނަމަވެސް، އެހާ އަވަހަށް އޭނާ ތައާރަފް ކުރީ ކީއްވެތޯވެސް ބައެއް ފަރާތްތަކުން ސުވާލު އުފައްދައެވެ. ކިމް ޖޮން އުން އަށް އަދި އެންމެ 39 އަހަރު ފުރިފައިވާ އިރު، ޖޫ އޭ އަކީ އަދި ކުޑަ ކުއްޖެކަށް ވާތީއެވެ.