ހުޅަނގު އުތުރު ސީރިއާގެ ޖިންދީރަސް ގައި އޮތް ހުސް ބިމެއްގައި އެތައް ސަތޭކަ ފިރިހެނުންނެއް ދިޔައީ ހަރަކާތްތެރި ވަމުންނެވެ. އެމީހުން ދިޔައީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން، އެކަކު އަނެކަކަށް ގޮވަމުން، އެއްޗެހިތަކެއް އުފުލަމުންނެވެ.

މިކަމުގެ ހިތި ހަގީގަތް ހާމަވެގެން ދަނީ ކައިރިން، ފަރުވާތެރިކަމާއި އެކު ބަލާލުމުންނެވެ. އެ ހުސް ބިމަކީ، ފެބުރުއަރީ 6 ވަނަ ދުވަހު ހުޅަނގު އުތުރު ސީރިއާ އަށާއި، ދެކުނު ތުރުކީއަށް އެތައް ގެއްލުމެއް ދިން ބިންހެލުންތައް އައުމުގެ ކުރިން މާ ބޮޑަށް ބޭނުން ނުކޮށް އޮތް ގަބުރުސްތާނެކެވެ.

ނަމަވެސް މިހާރު އެ ބިން ވެފައިވަނީ ކޮންމެ ދުވަހަކު އެތަކެއް ކަށްވަޅުތަކެއް ކޮނެވެމުންދާ ތަނަކަށެވެ. އެ ގަބުރުސްތާނުގައި ދިގު ވަޅުތައް ކޮނެވެމުން ދަނީ ބިންހެލުމުގައި މަރުވި އެތައް ސަތޭކަ މީހުން ވަޅުލުމަށެވެ.

ޖިހާދު އާއި އޭނާގެ އާއިލާ ބިންހެލުން އައި އިރުވެސް ދިރިއުޅެމުން ދިޔައީ ޓެނެޓުތަކުގައި --- ފޮޓޯ: އަލް ޖަޒީރާ

ކަފުނުގައި އޮޅާލެވިފައިވާ ހަށިގަނޑު ތަކާއި، ބޮޑީ ބޭގް ތަކުގައި ބަންދު ކޮށްފައިވާ ހަށިތައް އުޅަނދުތަކުން ބާލައި، ދުވާލަކު އެތައް ސަތޭކަ ބަޔަކު ވަޅުލުމަށް ވަޅު ކޮންނަމުންދާ މީހުންގެ އަތަށް ދިނުމުގައި، މީހުންތައް ދެކޮޅަށް ހަރަކާތްތެރި ވަމުން ދިޔައެވެ.

ބައެއް ހަށިތައް އުފުލުމުގައި ދެމީހުން ހަރަކާތްތެރި ވާތަން ފެެނެއެވެ. ނަމަވެސް އަނެއްބައި ގިނަ ހަށިގަނޑުތަކަކީ ކުދި ކުދި ހަށިތަކެވެ. ކަށްވަޅުތަކާއި ދިމާލަށް އެ ކުދި ކުދި ހަށިތައް އަތް މައްޗަށް ލައިގެން ދާ މީހުންގެ މޫނު މަތިން ފެންނަނީ ހިތާމައާއި، ބިރުވެރިކަމެވެ.

21 އަހަރުގެ ޖިހާދު އަހުމަދު އަލް އިބްރާހީމީ ވެސް ދިޔައީ ކޮންނަމުން ދިޔަ ވަޅުތަކުގައި ޖައްސަން ސިމެންތި ގާ އެއްކުރަމުންނެވެ. ހަށިތައް ބާއްވަމުން ދިޔައީ އެ ގާ ތައް ވަޅުގެ ދެ ފަރާތުން ޖައްސުމަށް ފަހުގައެވެ. އަދި އެއަށްފަހު ވަޅަށް ފަސް އަޅައި ފޮރުވާލުމުގެ ކުރިން، ހަށިގަނޑުތަކުގެ މަތީގައި ގާ ގަނޑުތަކެއް ބާއްވައެވެ.

ވަޅުތަކުގައި ތިބި މީހުންގެ އަތަށް ކަފުން ކޮށްފައިވާ ހަށިތައް ދެނީ --- ފޮޓޯ: އަލް ޖަޒީރާ

ޖިހާދު ދަނީ މީހުން ވަޅުލުމުގައި އެހީތެރިވުމަށް ކޮންމެ ދުވަހަކު އެތަނަށް އަންނަމުންނެވެ.

"އަހަރެން ދިރިއުޅެނީ އާޒާޒް ގެ ކޭމްޕުތަކުގައި، އަހަރެންނާއި އަހަރެންގެ އާއިލާ އަކީ ގެދޮރު ގެއްލިފައިވާ ބަޔަކީމު." އޭނާ އާއި އޭނާގެ އާއިލާ މިހާރުވެސް ދިރިއުޅެނީ ޓެންޓުތަކުގައި ކަމަށްވާތީ، ބިންހެލުމުގައި އެމީހުންނަށް މާބޮޑު ގެއްލުންތަކެއް ނުވާކަން ހާމަ ކުރަމުން ޖިހާދު ބުނެފައިވެއެވެ.

" އެކަމަކު ތެދަށް ބުނަންޏާ، އަހަރެމެންވެސް ވަރަށް ބިރުގަތް، އެއީ ބިރުވެރި ކަމެއް. ދެން އަހަރެމެންނަށް ވިސްނެން ފެށުނީ ސިޓީތަކުގައި އުޅޭ މީހުންނަށް އަދި މިކަން ކިހާ ބިރުވެރިވާނެ ބާއޭ. އަދި ސިޓީތަކުގައި ދިރިއުޅޭ އަހަރެމެންގެ މީހުންނާއި މެދު އަހަރެމެން ވަރަށް ބޮޑަށް ކަންބޮޑުވި. އެންމެ ބޮޑު ގެއްލުންތަކެއް ވާނީ އެތަނަށްކަން އަހަރެމެންނަށް އެނގޭ."

"އަހަރެމެންނަށް އަޑުއިވުނު އެންމެ ބޮޑަށް ގެއްލުންވީ ޖިންދީރަސް އަށް ކަމަށް، އެހެންކަމުން އަހަރެންނާއި، 30 ނުވަތަ 40 އަކަށް އިތުރު ފިރިހެނުން ކޮންމެ ދުވަހަކު ހެނދުނު މިތަނަށް އަންނަމުން މި ދަނީ މި ގަބުރުސްތާނުގައި މީހުން ވަޅުލުމުގެ މަސައްކަތް ކުރާ މީހުންނަށް އެހީވުމަށް." ޖިހާދު ބުނެފައިވެއެވެ.

ވަޅުތަކުގައި ހށިތައް ބާއްވަނީ ދެފރާތުން އެޅިގާ ޖައްސާފައި، އަދި ހަށިތައް މަތިން ސިމެންތި ގާ ބާއްވާ --- ފޮޓޯ: އަލް ޖަޒީރާ

ޖިހާދު ބުނެފައިވަނީ އެމީހުން ހެނދުނު ޖިންދީރަސް އަށް އައުމަށް 40 ކިލޯމީޓަރުގެ ރާސްތާއެއް ކަޑައްތު ކުރުމަށާއި، އަދި ރޭގަނޑު ވުމުން އާޒަޒް އަށް އެނބުރި ދިއުމަށްވެސް ބޭނުންކުރަނީ އެމީހުންގެ އަމިއްލަ ކާރުތައް ކަމަށެވެ. މިއީ ހަމަ ގައިމުވެސް 12 އަހަރުގެ ހަނގުރާމައިގައި، ހިދުމަތްތަކާއި، ވަސީލަތްތައް ވެސް ލިބެންނެތް، ސުންނާފަތިވެފައިވާ ސަރަހައްދެއްގައި ފަސޭހަ ކަމަކަށް ނުވާނެއެވެ. އަދި ބިންހެލުމާއެކު އެ ސަރަހައްދުގެ ހާލަތު ވަނީ އިތުރަށް ގޯސްވެގެން ގޮސްފައެވެ.

ވީ ވަރަކުން މަރުވެފައިވާ މީހުންގެ ނަންތައް ހޯދައި، ވަޅުލެވިފައިވާ މީހުންގެ ކަށްވަޅުގެ ކައިރީގައި، އެމީހުންގެ ނަން ފެންނާނެ ހެން ލިޔެވިފައި ހުރެއެވެ.

"އަހަރެމެން މަރުވެފައިވާ މީހުންގެ މައްޗަށް ކަށުނަމާދު ކޮށް، އެމީހުން ވަޅުލަނީ." ޖިހާދު ބުނެފައި ވެއެވެ. "އަހަރެމެން މިތާ މި ތިބީ ބަދަލުގައި އެއްޗެއް ހޯދާކަށް ނޫން، އަހަރެމެން މި ކަން މި ކުރަނީ ހެއްދެވި ފަރާތަށް ޓަކައި."

މީހުން ވަޅުލުމަމަށްފަހު ވަޅަށް ފަސް އަޅަނީ --- ފޮޓޯ: އަލްޖަޒީރާ

"އަހަރެން ހަމްދު ކުރަން އަހަރެންގެ އާއިލާގެ ގިނަ މީހުންނާއި، ލޯބިވާ މީހުން ސަލާމަތުން ތިބީތީ، އަހަރެމެން ތިބީ އޭރުވެސް ގެދޮރު ގެއްލިފައި، އަދި އަހަރެމެން ދިރިއުޅެމުން ދިޔައީ ޓެންޓުތަކުގައި. އެކަމަކު އަހަރެމެން މިތަނަށް އައިސް، މި މަސައްކަތް ކުރަމުން މި ދަނީ، މިތަނުގައި މަރުވި މީހުންނަކީވެސް އަހަރެމެންގެ އާއިލާ އަށް ވާތީ. އަހަރެމެންނަށް މިތަނަށް އަންނަން މަޖުބޫރު ކުރުވި ކަމަކީ އެއީ." ޖިހާދު ބުނެފައިވެއެވެ.