މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 1.3 މިލިއަން މުސްލިމުން މައްކާއަށް ޖަމާވެފަވާކަމަށް ސައަުދީ އަރަބިއްޔާގެ ހައްޖާބެހޭ މިނިސްޓްރީން ހާމަކޮށްފިއެވެ.

ސައަުދީ އަރަބިއްޔާގެ ހައްޖާބެހޭ މިނިސްޓްރީން ހާމަ ކުރި ގޮތުގައި ސައުދީ އަރަބިއްޔާގައި ހިންގާ އެކިއެކި ޕްރޮގްރާމްތަކުގައި ހިމެނިގެން މިއަހަރުގެ ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށް ދެލައްކަ މުސްލިމުން ރަޖިސްޓަރީ ކޮށްފައިވެއެވެ.

އޭގެ އިތުރުންވެސް ހަނގުރާމަތަކުގައި ދުނިޔެ ދޫކޮށްފައިވާ މިސްރު ސިފައިންނާއި، ފުލުހުންގެ ފައުޖުގެ މެމްބަރުންގެ އާއިލާތަކުގެ އެއްހާސް މެމްބަރުން ވެސް މިއަހަރުގެ ހައްޖުގެ އަޅުކަމަށް އަންނާނެ ކަމަށްށެވެ.

ހައްޖުގެ އަޅުކަމަށް ސައުދީ އަރަބިއްޔާ ތައްޔާރުވެފައިވާ މިންވަރާއި ބެހޭގޮތުން ސައުދީ އަރަބިއްޔާގެ ޑެޕިއުޓީ މިނިސްޓަރ އޮފް ހައްޖު އެންޑް އުމްރާ، އަބްދުލްފައްތާހް މަޝްއަތު ވިދާޅުވީ، މިއަހަރުގެ ހައްޖު މޫސުން ފެށެންވާއިރަށް، ހައްޖަށް އަންނަ މުސްލިމުންނަށް އެންމެ މަތީ ފެންވަރުގައި ޚިދުމަތް ދިނުމަށް މަސައްކަތްކޮށް އެކަމަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށެވެ.

އެގޮތުން ހައްޖަށް އަންނަ އެންމެނަށް ހިތްހަމަޖެހުމާއި، ރައްކާތެރިކަމާއެކު ހައްޖުގެ މަތިވެރި އަޅުކަން އަދާކޮށް ފުރިހަމަ ކުރެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށްވެސް ޑެޕިއުޓީ މިނިސްޓަރ ވިދާޅުވިއެވެ.

މިއަހަރު މައްކާ އަށް ދާ ހައްޖާޖީންނަށް ލުއިފަސޭހަ ކޮށްދިނުމަށް ސައުދީގެ ހައްޖާ ބެހޭ މިނިސްޓްރީއިން ވަނީ ހާއްސަ އިންތިޒާމްތަކެއް ހަމަޖައްސާފައެވެ. އެގޮތުން މޮބައިލް ހޮޓެލް ކެޕްސޫލްތަކެއް ވެސް ވަނީ ގާއިމްކޮށްފައެވެ. މިއީ، ވަރަށް ކުޑަކުޑަ ޖާގައެއްގައި ނިދޭނެގޮތާއި، ރޫމް ސާރވިސް ލިބޭނެ އިންތިޒާމު ވެސް ހަމަޖެހިފައިވާ ކެޕްސޫލްތަކެއް ކަމަށް، މި ޚިދުމަތް ގާއިމްކުރި ގިފްޓް ޗެރިޓަބްލް އެސޯސިއޭޝަނުން ހާމަކޮށްފައި ވެއެވެ.

މޮބައިލް ހޮޓެލް ކެޕްސޫލްތަކަކީ، އެކަތި އަނެއްކައްޗާ ޖެހިގެން، ނުވަތަ އެކަތި މަތީގައި އަނެކަތި ބެހެއްޓޭގޮތަށް ފަރުމާކޮށްފައިވާ ޔުނިޓްތަކެކެވެ.

ސައުދީ އަރަބީއާއިން އިއުލާން ކުރި ގޮތުގައި މިއަހަރުގެ ޒުލްހިއްޖާ މަހުގެ ފުރަތަމަ ދުވަހަކީ މި އޮގަސްޓްމަހުގެ 19 ވަނަ ދުވަހެވެ.