ސޫދާންގައި ކުރިއަށްދާ ހަމަނުޖެހުންތަކުގެ ސަބަބުން ގޮތްހުސްވެ، އެގައުމުގައި ތާށިވެފައި ތިބި އެތައް ގައުމެއްގެ މީހުން ސައުދީ އަރަބިއްޔާގެ އެހީގައި ރައްކާތެރިކަމާއިއެކު ސައުދީ އަރަބިއްޔާ އަށް ގެންގޮސްފިއެވެ.

އޭޕްރީލް 15 ވަނަ ދުވަހުން ފެށިގެން ސޫދާންގެ ސިފައިންނާއި، ސޫދާންގެ ސިފައިންގެ ތެރޭގައި އޮންނަ ވަކި ލަޝްކަރެއް ކަމަށްވާ ރެޕިޑް ސަޕޯޓް ފޯސް (އާރްއެސްއެފް) އާއި ދެމެދު އަންނަނީ ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރަމުންނެވެ. އެހަމަލާތަކުގެ ސަބަބުން ސޫދާންގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓްރީން މިއަދު ބުނީ ސޫދާންގައި ތާށިވެފައި ތިބި އެ ގައުމުން ބޭރުގެ މީހުންގެ ތެރެއިން 26 ވުރެ ގިނަ ގައުމުގެ 350 އަށް ވުރެ ގިނަ މީހުނަށް ސައުދީ އަރަބިއްޔާ އިން ރައްކާތެރިކަން ފޯރުކޮށްދީ، އެ ގައުމުގެ ޖިއްދާ އަށް ގެންގޮސްފައިވާ ކަމަށެވެ.

ޖިއްދާއަށް ގެންދިޔަ މީހުންގެ ތެރޭގައި ސައުދީ އަރަބިއްޔާގެ ރައްޔިތުންގެ އިތުރުން އެމެރިކާ، އިނގިރޭސިވިލާތް، ސްވިޑެން، އިޓަލީވިލާތް، ޤަތަރު، ސީރިއާ، ނެދަލޭންޑްސް، އިރާގު، ތުރުކީވިލާތް، ޓެންޒޭނިއާ، ލުބުނާން، ލީބިއާ، ޔޫއޭއީ، މިސްރު، ޓިއުނޭޝިއާ، ޕާކިސްތާން، އިންޑިއާ، ބަލްގޭރިއާ، ފިލިޕީންސް އަދި ކެނެޑާ ރައްޔިތުން ވެސް ހިމެނެއެވެ.

ސޫދާންގައި ތިބި މީހުންގެ ތެރެއިން ސައުދީ އަރަބިއްޔާއަށް މިއަދު ގެންދިޔަ ފުރަތަމަ ގްރޫޕްގެ މީހުން ސައުދީ އަރަބިއްޔާ އަށް ގެންދިޔައީ ކަނޑު ބޯޓެއްގައެވެ. ޖިއްދާގެ ކިންގް ފައިސަލް ނޭވަލް ބޭސް އަށް އެބޯޓު ބަނދަރު ކުރިއިރު މީހުންނަށް މަރުހަބާ ކިޔުމަށް ފޮރިން މިނިސްޓަރުގެ ނައިބު ވަލީދު ބިން އަބްދުލްކަރީމް ވެސް ވަޑައިގެން ހުންނެވިއެވެ.

ވަލީދު ވިދާޅުވީ ގައުމުން ބޭރުގައި ތިބި ނަމަވެސް ސައުދީ އަރަބިއްޔާގެ ރައްޔިތުންނަށް ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރު ކޮށްދިނުން އެއީ ސައުދީ އަރަބިއްޔާ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭކަންތައް ކަމަށެވެ.

އަދި ސޫދާންގައި ތިބި އެކުވެރި ދައުލަތްތަކުގެ ޑިޕްލޮމެޓުންނައި، އާއްމު ރައްޔިތުން ރައްކާތެރިކަމާއިއެކު ޖިއްދާއަށް ގެނައުމުގައި އެހީތެރިކަން ފޯރުކޮށްދިނުން އެއީ ލިބިވަޑައިގެންނެވި އުފަލެއް ކަމަށް ވެސް ވަލީދު ވިދާޅުވިއެވެ.

ސޫދާންގައި ތިބި މީހުން ރައްކާތެރިކަމާއިއެކު ޖިއްދާއަށް ގެންދިއުމުގައި ސައުދީ އަރަބިއްޔާގެ ސިފައިން އަދާކުރި ދައުރު ފާހަގަ ކުރައްވައި، ސިފައިންނަށް ވަލީދު ޝުކުރު އަދާކުރެއްވެވިއެވެ.

ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓްރީން ވިދާޅުވީ ޖިއްދާ އަށް ގެނެސްފައިވާ އެހެން ގައުމުތަކުގެ ރައްޔިތުން އެމީހުން ބޭނުންވާ ގައުމުތަކަށް ފޮނުވަން ހަމަޖައްސަން ޖެހޭ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ފޮރިން މިނިސްޓްރީން ކުރަމުން ގެންދާ ކަމަށެވެ.

ސައުދީ އަރަބިއްޔާ އިން ބުނާ ގޮތުގައި ސޫދާންގައި ތިބި އެކި ގައުމުތަކުގެ ރައްޔިތުން ރައްކާތެރިކަމާއިއެކު އެގައުމުން ބޭރު ކުރަން ކުރިއަށް ގެންދާ އޮޕަރޭޝަން އަދިވެސް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެއެވެ.

ސޫދާންގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި މިހާތަނަށް 400 އަށް ވުރެ ގިނަ މީހުން މަރުވެ 4000 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ހަމަލާތަކުން ރައްކާތެރިވުމަށް ސޫދާންގެ ވަރަށް ގިނަ ބަޔަކު އަންނަނީ އަވައްޓެރި ދެކުނު ސޫދާނަށާއި ޗާޑަށް ހިޖުރަ ކުރަމުންނެވެ.

ހަމަލާތައް ބަދަލު ކުރުން ހުއްޓާލަން ދެފަހަރެއްގެ މަތިން އެއްބަސްވި ނަމަވެސް އެއްބަސްވުމަށް އަމަލު ނުކުރެވި، ހަމަލާތައް ބަދަލު ކުރުން ކުރިއަށްދާ ކަމަށް ސޫދާންގައި ތިބި ނޫސްވެރިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދިރާސާ

    ހުޅަނގުގެ އެޖެންޑާގެ ދަށުން އަރަބި އިސްލާމީ ސަގާފަތް އޮންނަ ، އާބާދީގައި މުސްލިމް މެޖޯރިޓީ އޮންނަ ގައުމުތައް ހަލާކުކޮށް ،ސުންނާފަތި ކުރުމުގެ ސިލްސިލާގެ ދަށުން އެންމެ ފަހުން ސޫދާން ހަލާކު ވަނީ.. ކޮންމެ ގައުމެއްގައިވެސް ފުރަތަމަ އުފައްދަނީ ދާހިލީ ހަމަނުޖެހުން ، ދެން ދާހިލީ ހަނގުރާމައަކަށް ބަދަލުވަނީ އޭގެ ފަހުން ހުޅަނގުގެ ގައުމުތަކުން ފާޅުގައި ވަދެ ސުލްހައިގެ ފައުޖުތައް ކަމަށް ބުނެ ސިފައިން ފޮނުވައި އިސްލާމީ ގައުމުތައް ހަލާކު ކުރަނީ.. ފަލަސްތީން ، އިރާގު ، ސީރިޔާ ، ލީބިޔާ ، އަފްގާނިސްތާން ، މީހަމަ އެ މަގުން ސުންނާފަތި ކުރި ގައުމުތައް.. ހުޅަނގުން ދެން އެންމެ ބޮޑަށް ލޯ އަޅަނީ މި ކުޑަ ދިވެހިރާއްޖެއަށް . މިހާރުވެސް އެތެރޭގެ ދާހިލީ ހަމަ ނުޖެހުމަށް ހިތްވަރުދެމުން އެދަނީ.. ރާއްޖޭގައި އިސްލާމް ދީނުގެ ކަންކަމުގައި އޮޅުވައިލުމާއި ، އިސްލާމީ މުޖުތަމައު ތަކުގައި ހިލާފް އުފައްދައި ، މީހުންގެ ބޯ ކާލުން މީހުޅަނގުން ވަރަށް ބޮޑަށް ފަންޑުކޮށްގެން ކުރާ ކަމެއް . މިކަން ކުރަން ސައުދީގައި ޔުނިވަރސިޓީތައް އެބަ ހިންގާ ހުޅަނގުން ފަންޑުކޮށްގެން . މި ޔުނިވަރސިޓީތަކަށް އިސްލާމީ ގައުމުތަކުގެ ކުދިންނަށް އެޑްމިޝަންދީ ކުދިންގެ ސިނކުޑިތައް ދޮވެ ލޭ އޮހޮރުވުމަށް ހިތްވަރު ލިބޭ ގޮތަށް ކިޔަވައިދީ އެކުދިން ގުރެޖުއޭޓުވެ އަމިއްލަ ގައުމަށް ގޮސް ފަތުވާދީ މި އެޖެންޑާ ފަތުރާ.. މި ކުދިންނަކަށް ނޭނގޭ އަސްލު ހުޅަނގުން މީގެ 100 އަހަރު ކުރިން ފެށިގެން ހިނގާ އެޖެންޑާއެއް ކަމެއް މީ.. މިކަމަށް މިގައުމުގެ އިލްމުވެރިންނާއި މަސްއޫލުވެރިން ވިސްނާ ހޭލާ ތިބެންޖެހޭ..