ސައުދި އަރަބިއްޔާގެ މައްކާގެ ހޮޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ޕާކިސްތާނުގެ އަށް އުމްރާވެރިން ނިޔާވެ، ހަ މީހަކު ޒަހަމްވެއްޖެއެވެ.

މި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ މިއަދުގެ ވަގުތެއްގައި މައްކާގެ އިބްރާހިމް ޚަލީލް މަގުގައި ހުންނަ ހޮޓަލެއްގައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ފުރަތަަމަ އަލިފާން ރޯވެފައި ވަނީ ހޮޓަލުގެ ތިން ވަނަ ފަންގިފިލާގެ ކޮޓަރިއެއްގައެވެ. އެތަނުގައި އަލިފާން ރޯވާން މެދުވެރިވީ ކަރަންޓް ޝޯޓެއް ވެގެންނެވެ. އެ ކޮޓަރީގައި ރޯވެ އެހެން ކޮޓަރިތަކަށް އަލިފާންގަނޑު ފެތުރުނީއެވެ.

ޕާކިސްތާންގެ ފޮރިން އޮފީހުން ބުނީ، މި ހާދިސާގައި އަށް މީހަކު ނިޔާވެ، ހަ މީހުން ޒަހަމްވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"ޖިއްދާގައި ހުންނަ އަޅުގަނޑުމެންގެ މިޝަނުން ދަނީ ހާލުގައި ޖެހުނު މީހުންނަށާއި އެމީހުންގެ އާއިލާތަކަށް ލުޔެއް ހޯދައިދިނުމަށް ކަމާބެހޭ ފަރާތްތަކާއެކު މަސައްކަތް ކުރަމުން.".

މި ހާދިސާއާ ގުޅިގެން ޕާކިސްތާންގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަނީ މި ހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފައެވެ.

އަދި ބޮޑުވަޒީރު ވަނީ މި ހާދިސާގައި ޒަހަމްވި އުމްރާވެރިންގެ ހާލު ބެލުމަށާއި ހާލުގައި ޖެހުނު އާއިލާތަކަށް ވެދެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ދީނީ ކަންކަމާއި ގުޅޭ މިނިސްޓްރީ އަށް އަންގަވާފައެވެ.

ޖިއްދާގައި ހުންނަ ޕާކިސްތާނުގެ މިޝަނުން ބުނެފައިވާގޮތުގައި، މި އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންނާއި އެމީހުންގެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކޯޑިނޭޓް ކުރުމަށް ސައުދީގެ ކަމާބެހޭ ފަރާތްތަކާއެކު ދަނީ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު