ރޭލު އެކްސިޑެންޓެއްގައި އިންޑިއާއިން ގިނަބަޔަކު މަރުވެއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން އޮޑިޝާގެ ބަލަސޯރުގައި މިއަދު ދެ ރޭލެއް ޖެހި ހިނގި އެކްސިޑެންޓްގައި 38 މީހުން މަރުވެ 400 އެއްހާ މީހުން ވަނީ ޒަހަމްވެފައެވެ.

އޮފިޝަލުން ވިދާޅުވީ، މި އެކްސިޑެންޓްގައި ގިނަ ބަޔަކު ތާށިވެފައިވާ ތިބެދާނެ ކަމަށާއި އެހެންކަމުން މަރުވި މީހުންގެ އަދަދު އިތުރުވެދާނެ ކަމަށެވެ.

އޮޑިޝާގެ ޗީފް ސެކްރެޓަރީ ޕްރަދީޕް ޖެނާ އެންޑީޓީވީއަށް ވިދާޅުވީ މި އެކްސިޑެންޓުގައި ތިން ވަނަ މުދާ އުފުލާ ރޭލެއް ވެސް ހިމެނޭ ކަމަށެވެ.

މިއީ ފާއިތުވި ދުވަސްތަކުގައި އެގައުމުގައި ހިނގާދިޔާ ރޭލު އެކްސިޑެންޓްތަކުގެ ތެރެއިން އެންމެ ނުރައްކާތެރި އެކްސިޑެންޓް ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

އިއްޔެ ރޭ އެގައުމުގެ ގަޑިން 7 ޖަހާކަންހާއިރު ހިނގި މި އެކްސިޑެންޓްގައި މަރުވި މީހުންގެ އަދަދު ބޮޑު ތަނުން އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ރޭލު އެކްސިޑެންޓާއި ގުޅިގެން މީޙުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ އެ މަސައްކަތް ފަށާފައެވެ.