ކަޝްމީރުގެ މައި ސިޓީ ކަމަށްވާ ސްރީނަގަރް އަންނަ އަހަރު ޖޫން މަހާ ހަމައަށް ދާއިރު، ސްމާޓް ސިޓީއަކަށް ބަދަލު ކުރާނެ ކަމަށް އިންޑިއާ އިން ބުނެފިއެވެ.

ސްމާޓް ސިޓީއަކީ ޓެކްނޮލޮޖީގެ އެހީގައި ސިޓީގެ ހިންގުމާއި ރަށްވެހިންނަށް ފަހި ދިރިއުޅުމެއް އުޅެވޭފަދަ މާހައުލެއް ބިނާ ކުރުމެވެ. ސްމާޓް ސިޓީތަކުގައި ފެނާއި ކަރަންޓް އެންމެ އިސްރާފު ކުޑަގޮތައް ބޭނުންކުރުމަށް ބޭނުންވާ ސްމާޓް ޓެކްނޮލޮޖީސް ބޭނުން ކުރާނެއެވެ.

އަދި މަގު ބައްތި ފަދަ ވަސީލަތްތައް ލެޑް ޓެކްނޮލޮޖީގެ ރިއަލް ޓައިމް ޑޭޓާގެ އެހީގައި ވަކި ގަޑިތަކަކަށް ނިވި، ދިއްލޭނެ ގޮތް ހަމަޖެއްސޭނެއެވެ. ގޭބިސީ ތަކުގައި ވެސް ސްމާޓް އެނަޖީ މީޓަރު ބޭނުންކޮށް ހަކަތަ އަށް ކުރާ ހަރަދު ކުޑަކުރުމަށް ބޭނުންވާ ވަސީލަތްތައް ސްމާޓް ސިޓީއެއްގައި ހުންނާނެއެވެ.

އިންޑިއާ ސަރުކާރުން އެ ސިޓީގައި އެކަނި ވެސް 125 ޕްރޮޖެކްޓު ކުރިއަށް އެބަގެންދެއެވެ. އިންޑިއާގެ ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގާ މި ޕްރޮޖެކްޓުތަކުގެ އަގު 930 ކްރޯ ރުޕީސް އަށް އަރައެވެ.

ސްރީނަގަރް ސްމާޓް ސިޓީ ލިމިޓެޑްގެ ސީއީއޯ އަދި ސްރީނަގަރްގެ މުނިސިޕަލްގެ ކޮމިޝަނަރު އަތަރް އާމިރް ހާން ވިދާޅުވީ މިހާރު ހިނގަމުން އަންނަ 125 މަޝްރޫއުގެ ތެރެއިން 56 މަޝްރޫއެއް ނިމިފައިވާ ކަމަށެވެ. އެއީ 320 ކްރޯ ރުޕީސްގެ މަޝްރޫއު ކަމަށް ވެސް މުނިސިޕަލް ކޮމިޝަނަރު ވިދާޅުވިއެވެ.

ބާކީ ހުރި 69 ޕްރޮޖެކްޓުތައް ހިނގަމުން އަންނަ އިރު ބައެއް ޕްރޮޖެކްޓުތަކުގެ 80-90 އިންސައްތަ ނިމިފައިވާ އިރު، އެހެން ބައެއް މަޝްރޫއުތައް އޮތީ ފެށުމުގެ މަރުހަލާގައި ކަމަށް އޭނާ ވިދާޅުވިއެވެ.

"ގިނަ މަޝްރޫއުތައް މި އަހަރުގެ ޑިސެމްބަރު މަސް ނިމެންވާ އިރަށް ނިމޭނެ. މިހާރު ހިނގަމުން އަންނަ 16 މަޝްރޫއެއް ޖޫން 2024 އަށް ނިމޭނެ،" ހާން ވިދާޅުވިއެވެ.

ސްރިނަގަރް ސްމާޓް ސިޓީއަކަށް ބަދަލުވުމުން ދުނިޔޭގެ އެކިކަންކޮޅުތަކުން އެ ސިޓީ އަށް އަންނަ ފަތުރުވެރިން ޝައުގުވެރިވާ ފަދަ ތަނަކަށް ސިޓީ ވާނެއެވެ. މި މަޝްރޫއުގެ ދަށުން ފަތުރުވެރިންގެ މެދުގައި މަގުބޫލު ބައެއް ތަންތަން ވެސް ތަރައްގީ ކުރުމަށް ހަމަޖެހިފައިވެއެވެ.

އޭގެ ތެރޭގައި ސިޓީގެ މަޝްހޫރު ޕޯލޯ ނިއު މާކެޓް، ލަލް ޗޯކް ސަރަހައްދު ފަދަ ތަންތަން ތަރައްގީ ކުރާނެއެވެ.