ކެނެރީ އައިލެންޑްސްގެ ބީޗަކަށް ލެއްގި ބޮޑު މަހެއްގެ ބަނޑުތެރެއިން 9 ކިލޯގެ މާވަހަރެއް ފެނިއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުން މަރުވެގެން ލެއްގި 33 ފޫޓްގެ ބޮޑުމަހުގެ ބަރުދަނުގައި 10 ޓަނު ހުންނާނެއެވެ. މިމަސް ކެނެރީ އައިލެންޑްސްގެ ބީޗަށް ލެއްގިއިރު އޮތީ މަރުވެފައެވެ. އެހެންކަމުން މަސް މަރުވި ސަބަބެއް ބެލުމަށްޓަކައި އޮޓޮޕްސީއެއް ހެދިއެވެ.

މި އޮޓޮޕްސީ ކުރިއަށް ގެންގޮސްފައިވަނީ ޔުނިވަރސިޓީ އޮފް ލަ ޕަލްމާ ދު ގްރާން ކެނަރިއާއިންއިންނެވެ. އޮޓޮޕްސީއިން އެނގުނު ގޮތުގައި ބޮޑުމަސް މަރުވީ އޭގެ ބަނޑުގައި 9 ކިލޯގެ މާވަހަރެއް އޮތުމުންނެވެ.

މާވަހަރަކީ ދުނިޔޭގެ ބާޒާރުގައި އަގުހުރި އެއްޗެއް ކަމުން މަރުވެގެން ލެއްގި މާވަހަރުގެ އަގު ގާތްގަނޑަކަށް 2 ލައްކަ ޑޮލަރަށް އަރާނެކަމަށް ބެލެވެއެވެ.

ޔުނިވަރސިޓީން ބުނި ގޮތުގައި ސަރުކާރުން މި މާވަހަރު ވިއްކާލުމަށްފަހު 2021 ވަނަ އަހަރު އެ ހިސާބުތަގައި ހިނގި ފަރުބަދަ ގޮވުމުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް އެހީތެރިވެދޭނެ ކަމަށް ބެލެވޭ ކަމަށެވެ.

ދުނިޔޭގެ ބާޒާރުގައި މާވަހަރެއް އުޅެނީ ގްރާމެއް ގާތްގަނޑަކަށް 35 ޑޮލަރަށެވެ. އެއީ ކިލޯގެ ގޮތުން ބަލާނަމަ ކިލޯއެއް 35،000 ޑޮލަރެވެ. އެހެންކަމުން 9 ކިލޯގެ މާވަހަރުގެ އަގަކީ ގާތްގަނޑަކަށް 2 ލައްކަ ޑޮލަރު އެވެ. ސެންޓު ހެދުމަށް އާއްމުކޮށް މާވަހަރު ބޭނުންކުރާއިރު، ގްރާމެއްގެ އަގު 26 ޑޮލަރަށް އަރައެވެ.

މާވަހަރަކީ އަންބަރު މަސް ނުވަތަ އިނގިރޭސި ބަހުން ބުނާ ނަމަ ސްޕާމް ވޭލް ބޮޑުކަމުދިއުމުން ނުކުންނަ އެއްޗެކެވެ. މިހެން މިބުނީ ހަމަ ގަސްދުގައި އެއީ ނަޖިހޭ ނުބުނަން ވެގެންނެވެ. އަނެއް ބައި މީހުން ބުނާ ގޮތުގައި މާވަހަރަކީ، އަންބަރު މަހުގެ ހޮޑެވެ. ކޮންމެ ނަމެއް ދިން ނަމަވެސް ޔަގީންވާ ކަމަކީ، މާވަހަރަކީ އަންބަރު މަހުގެ ހަޖަމު ކުރާ ނިޒާމުގައި އުފެދޭ އެއްޗެއް ކަމެވެ.

މާވަހަރަކީ އަންބަރު މަހުން ލިބޭ އެއްޗެއްކަން އިންސާނުން އެނގުނީ، އެކި ބޭނުމަށް މާވަހަރު ބޭނުން ކުރާތާ އެތައް ސަތޭކަ އަހަރެއް ފާއިތުވި ފަހުންނެވެ. މާވަހަރުގެ ހަގީގަތްތައް އިންސާނުންނަށް އެނގެން ފެށީ މީގެ 200 ވަރަކަށް އަހަރު ކުރިން، ބޮޑުމަހުގެ ބޮލުގައި އުފެދޭ ތެލުގެ ބޭނުމަށް ފުޅާ ދާއިރާއެއްގައި އެ ސޮރުމުން ޝިކާރަކުރުން ފެށުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު