އިންޑިއާގެ މަހަރަޝްތާގައި ބަހެއްގައި ރޯވެ 25 މީހުން މަރުވެއްޖެއެވެ.

އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ޕޫނޭއަށް ދިޔަ އެ ބަހުގައި ގާތްގަނޑަކަށް 33 މީހުން ތިއްބެވެ. އެ ބަހުގައި ރޯވެފައިވަނީ އެކްސިޑެންޓެއް ހިނގުމުގެ ސަބަބުން ރޭ މެންދަމު 1:30 ހާއިރު ސަމްރުއްދީ މަހާމާގް އެކްސްޕްރެސްވޭގައި ކަމަށް ރިޕޯޓްކޮށްފައި ވެއެވެ.

ފުލުހުންނާއި ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި ބަސް އެކްސިޑެންޓްވީ މަގުގައި ހުރި ހޮޅި ދަނޑިއެއްގައި ޖެހިގެން ކަމަށެވެ. ހޮޅި ދަނޑީގައި ޖެހި ބަސް ފުރޮޅާލައި އަލިފާން ރޯވީ ކަމަށް ރިޕޯޓްކޮށްފައި ވެއެވެ.

އެކްސިޑެންޓްގައި ބަސް ފުރޮޅުމުގެ ސަބަބުން ދޮރުތައް ތާށިވެ ގިނަ ބަޔަކު ބަހުގައި ނުނިކުމެވި ތިބި ކަމަށް ފުލުހުންނާއި ހަވާލާދީ ރިޕޯޓްކޮށްފައި ވެއެވެ. އަދި ބަހުގެ އިންޖީނަށް ލިބުނު ގެއްލުމުގެ ސަބަބުން އަލިފާން ރޯވީ ކަމަށްވެއެވެ.

އެ ހާދިސާގައި 25 މީހުން މަރުވެފައިވާއިރު އޭގެ ތެރޭގައި ތިން ކުޑަކުދިން ހިމެނެވެ. އަދި އަށް މީހަކަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ.

ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހާދިސާއާއި ގުޅިގެން އިންޑިއާ ފުލުހުންވަނީ ތަހުގީގް ފަށާފައެވެ. އަދި މިހާރު އިސްކަމެއް ދީގެން ކުރިއަށްދަނީ އަނދާފައިވާ ހަށިގަނޑުތައް ދެނެގަނެ އާއިލާއާއޮ ހަވާލުކުރުމުގެ މަސައްކަތް ކަމަށް ވެސް ރިޕޯޓްކޮށްފައި ވެއެވެ.

އެ ހާދިސާއާއި ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ހާދިސާގާއި ވާހަކަ އަޑުއެހީ ހިތާމައާއި އެކުގައި ކަމަށެވެ. އަދި މަރުވި މީހުންގެ އާއިލާތަކަށް ކެތްތެރިކަން ދެއްވުމަށްއެދި ދުއާ ކުރާ ކަމަށާއި އަނިޔާވި މީހުނަށް އަވަސް ޝިފާއަކަށް މޯދީ އެދިވަޑައިގަތެވެ.

ކިޔުންތެރިންގެ ހިޔާލު