އިންޑިއާ ކަނޑަށް މިއަދު އައި ބާރުގަދަ ބިންހެލުމުގެ ލޮޅުން އަވަށްޓެރި ސްރީލަންކާ އަށް ވެސް އިހްސާސް ކުރެވުނު ކަމަށް ލަންކާގެ ބައެއް މީޑީއާތަކުން ބުނެފިއެވެ.

ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނި ގޮތުގައި ބިންހެލުން އައިސްފައި ވަނީ މާލެއާ 1748 ކިލޯމީޓަރު ދުރުން 6.0 މެގްނެޓިއުޑްގެ ބާރުމިނުގައެވެ. އެކަމަކު، އިންޑިއާގެ ނޭޝަނަލް ސެންޓަރ ފޯ ސެއިސްމޮލޮޖީން ބުނީ، މި ބިންހެލުން އައިސްފައި ވަނީ 5.8 މެގްނެޓިއުޑް ބާރުމިނުގައި ކަމަށެވެ.

މައިންސް ބިއުރޯއާ ހަވާލާދީ ލަންކާގެ މީޑިއާތަކުން ބުނި ގޮތުގައި ބިންހެލުން އައިސްފައި ވަނީ ލަންކާގެ 1،260 ކިލޯމީޓަރު ދުރުން ކަމަށެވެ. މި ބިންހެލުމުގެ ލޮޅުން ސްރީލަންކާގެ ބައެއް ސަރަހައްދުތަކަށް ކުރި ކަމަށް ވެސް ލަންކާގެ ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

އޭގެ ތެރޭގައި ކޮލަމްބޯ އާއި ބަޓަރަމުއްލާ އާއި އަކުރެސާ އަދި ގޯލް ސަރަހައްދު ހިމެނެއެވެ.

މި ބިންހެލުމާ ގުޅިގެން އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ވެސް ލަންކާ އިން ބުނެއެވެ.

އިންޑިއާގެ ނޭޝަނަލް ސެންޓަރ ފޯ ސެއިސްމޮލޮޖީން ބުނީ މި ބިންހެލުން އައިސްފައި ވަނީ ޑަންޑަމެން އެންޑް ނިކޯބާ އައިލެންޑްގެ ކެމްޕްބެލް ބޭއާ ހުޅަނގު ދެކުނުން 967 ކިލޯމީޓަރު ދުރަށް ކަަމަށެވެ.

މި ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރެއް ވެސް ދީފައެއް ނުވެއެވެ. އަދި ބިންހެލުމާ ގުޅިގެން ރާއްޖެ އަށް ވެސް ނުރައްކަލެއް ނެތް ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު