ޗައިނާގައި ކުދިން އުފަންވާ މިންވަރު މަދުވަމުން އަންނާތީ އެމައްސަލަ ހައްލު ކުރަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތައް އެހީތެރިވާން އެގައުމުގެ ކުންފުންޏަކުން ނިންމައިފިއެވެ.

ދުނިޔޭގެ އެންމެ ބޮޑު އޮންލައިން ޓްރެވަލް އެޖެންސީތަކުގެ ތެރޭގައި ހިމެނޭ ޗައިނާގެ ޓްރިޕް.ކޮމް އިން ވަނީ ދަރިން ހޯދާ އެކުންފުނީގެ މުވައްޒަފުންނަށް އެއްބިލިއަން ޔުއާން ދޭން ނިންމާފައެވެ. އެއީ އެމެރިކާ ޑޮލަރުން ބަލާނަމަ 138 މިލިއަން ޑޮލަރެވެ. ދިވެހި ރުފިޔާ އިން ބަލާނަމަ ގާތްގަނޑަކަށް 2.1 ބިލިއަން ރުފިޔާ އެވެ.

ޓްރިޕް.ކޮމް އިން ބުނާ ގޮތުގައި މިނިންމުން ނިންމި ސަބަބަކީ އެކުންފުނީގެ 32000 މުވައްޒަފުން ދަރިން ހޯދަން ހިތްވަރު ދިނުމެވެ.

ކުންފުނީގެ މިނިންމުމުގެ ދަށުން ކުންފުނީގައި ތިން އަހަރު މަސައްކަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން ކޮންމެ މުވައްޒަފަކު ވެސް ހޯދަ ކޮންމެ ދަރިއަކަށް 10000 ޔުއާންގެ ބޯނަސް އެއް ލިބޭނެއެވެ. އެއީ ދިވެހި ރުފިޔާ އިން ބަލާނަމަ ގާތްގަނޑަކަށް -/21000 ރުފިޔާ އެވެ. ކޮންމެ ކުއްޖަކު ވެސް ފަސް އަހަރު ވަންދެން ކޮންމެ އަހަރަކު އެއްފަހަރު މި ބޯނަސް ފައިސާ ލިބޭނެއެވެ.

ޓްރިޕް.ކޮމްގެ އެގްޒެކެޓިވް ޗެއާމަން ޖޭމްސް ލިއަންގް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ދަރިން ހޯދާ މުވައްޒަފުންނަށް ފައިސާ ދޭން ނިންމުމުން ދަރިން ލިބުމުން އިތުރު މީލާ ބުރައެއް އުފުލަން ނުޖެހި، އަދި އަމިއްލައަށް ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލް ކުރަން ފަސޭހަ ވެގެން ދާނެއެވެ.

ޗައިނާގެ އާބާދީ އިތުރުވަމުންދާ މިންވަރު މަދުވެ، ކުރިއަށް އޮތްތަނުގައި އެކަމުގެ ގެއްލުން ގައުމަށް ކުރިމަތިވާނެތީ ޗައިނާ ސަރުކާރުން އަންނަނީ އާބާދީ އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެމަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ޗައިނާގެ ބައެއް ކުދިކުދި ކުންފުނިތަކުން ވެސް އަންނަނީ ދަރިން ހޯދާ މުވައްޒަފުންނަށް އެލަވަންސްތަކާއި ބޯނަސްތައް ދެމުންނެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު ޗައިނާގައި އުފަންވީ ކޮންމެ 1000 މީހަކަށް 6.77 ކުދިންނެވެ. މިދިޔަ އަހަރަކީ 1949 ވަނަ އަހަރު ކޮމިއުނިސްޓް ޗައިނާ އުފެދުނު ފަހުން ތާރީޚްގައި ވެސް އެންމެ މަދު އަދަދެއްގެ ކުދިން އުފަންވި އަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    އެންމެފަހުން ތިޖެހުނީ ކޮންތާކު؟ ނޭނގިތިބެގެން ވެސް ތިކުރަނީ އިސްލާމްދީނުގައި އަންގަވާފައިވާ ކަންތައް ދޯ. އިސްލާމީ އުންމަތުގެ މީހުންނަށް ކީރިތި ރަސޫލާ އެންގެވީ ގިނަ ދަރިން ހޯދަން. ރާއްޖޭގެ މީހުން އެކަން ކޮށްކޮށް ތިއްބާ އެކަން ހުއްޓުވީ މައުމޫނު ކަމަށް މުއައްރިޚުން ލިޔެފައިވެއެވެ.

    13