ޕާކިސްތާނުގެ ޕަންޖާބު ޕްރޮވިންސަށް ބޯކޮށް ވާރޭވެހި 11 މީހުން މަރުވެ ލާހޯރު ސިޓީގެ މަގުތަކުގައި ފެންބޮޑުވެއްޖެއެވެ.

އެ ގައުމުގެ އޮފިޝަލުން ބުނާގޮތުގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ލާހޯރުގައި 30 އަހަރުވީ ވިއްސާރައިގެ ރެކޯޑް ވަނީ މުގުރާލައިފައެވެ.

ލާހޯރުގެ ކޮމިޝަނަރު މުހައްމަދު އަލީ ރަންދަވާ ވިދާޅުވިގޮތުގައި 10 ގަޑިއިރުގެ ތެރޭގައި އެ ސިޓީއަށް 291 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ.

އޭނާ ވިދާޅުވިގޮތުގައި ލާހޯރުގެ އެކި ހިސާބުތަކަށް 200 މިލިމީޓަރަށްވުރެ ގިނައިން ވަނީ ވާރޭ ވެހިފައެވެ.

މިއާއެކު ކޮމިޝަނަރުގެ އޮފީހުން ވަނީ ފެން ހިންދުމުގެ މަސައްކަތް އަވަސް ކުރުމަށް ޑިޕާޓްމަންޓްތަކަށް އަންގާފައެވެ.

ނަމަވެސް 30 އަހަރުގެ ތެރޭގައި ލާހޯރަށް މިހާ ބޯކޮށް ވާރޭ ވެހިފައި ނުވާ ކަމަށް ކޮމިޝަނަރާއި ވޯޓާ އެންޑް ސެނިޓޭޝަން އެޖެންސީ (ވާސާ) އިން ބުނުމުން މެޓް އޮފީހުން ވަނީ އެއީ ދޮގެއް ކަމަށް ބުނެފައެވެ.

މެޓް އޮފީހުން ޖުލައި މަހުގެ 6 ވަނަ ދުވަހު ނެރުނު ރަސްމީ ބަޔާނެއްގައި ބުނެފައިވަނީ ލާހޯރުގެ ލަކްޝްމީ ޗޯކް އަވަށަށް މިމަހުގެ ފަސްވަނަ ދުވަހު 150 މިލިމީޓަރުގެ ވާރޭ ވެހުނުއިރު، އެއީ އެންމެ ގިނައިން މިފަހަރު ވާރޭ ވެހުނު ދުވަސް ކަމަށެވެ.

ޖުލައި މަހުގެ 5 އަދި 6 ވަނަ ދުވަހު ކުރި ވިއްސާރައިގައި ލާހޯރާއި ޕަންޖާބުގެ އެހެން ސަރަޙައްދުތަކަށް މޫސުމާ ގުޅުންހުރި ހާދިސާތަކުގައި 13 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

ކިޔުންތެރިންގެ ހިޔާލު