ޑެންގީ ޖެހިގެން ބަންގުލަދޭޝްގައި ހާހަކަށްވުރެ ގިނަ ބަޔަކު މަރުވެފައިވާ ކަމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.

ބަންގުލަދޭޝްގައި މިހާތަނަށް މި ބަލި ޖެހިގެން ވަނީ 1.017 މީހަކު މަރުވެގެން ރިޕޯޓުކޮށްފައެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު އިތުރު އަދަދެކެވެ.

މި އަހަރުގެ ފުރަތަމަ ނުވަ މަސް ދުވަހުގެ ތެރޭގައި މިހާ ގިނަ ބަޔަކު މަރުވެފައިވާއިރު، ގާތްގަނޑަކަށް 209،000 މީހުންނަށް ބަލި ޖެހިފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ. މިދިޔަ ވަނަ އަހަރު ބަންގްލަދޭޝްގައި ޑެންގީ ހުން ޖެހިގެން މަރުވެފައި ވަނީ 281 މީހުންނެވެ.

މިއީ 2000 ވަނަ އަހަރު ފުރަތަމަ ފަހަރަށް ފެތުރުނު ޓެލައިޑް ބަލިމަޑުކަމަށްފަހު މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލި އެންމެ ބޮޑަށް ފެތުރެމުންދާ އަހަރުކަމަށް އެގައުމުގެ ސިއްހަތާބެހޭ ވުޒާރާއިން ހާމަކޮށްފައިވެއެވެ. މަރުވި މީހުންގެ ތެރޭގައި 15 އަހަރުން ދަށުގެ 112 ކުއްޖަކު ހިމެނޭއިރު އޭގެ ތެރޭގައި ތުއްތު ކުދިން ވެސް ހިމެނެއެވެ.

ޑެންގީއަކީ މަދިރީގެ ޒަރީއާއިން ފެތުރޭ ނުރައްކާތެރި ބައްޔެކެވެ. އިންސާނުންނަށް މި ބަލި ފަތުރަނީ އީޑީސް ޢާއިލާގެ މަދިރިއެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ގަދަ ހުން ހިމެނެއެވެ. އަދި، ޑެންގީގެ އެންމެ ނުރައްކާތެރި ވައްތަރު ކަމުގައިވާ "ޑެންގީ ހެމޮރެޖިކް ފީވަރ"ގެ އަލާމާތްތަކުގެ ތެރޭގައި ހަށިގަނޑުގެ ގުނަވަންތަކުން ލޭއައުމާއި، ކުއްލިއަކަށް ލޭގެ ޕްރެޝަރު ދަށްވުން ހިމެނެއެވެ. މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅެން އޮތް އެންމެ ރަނގަޅު ފިޔަވަޅަކީ މަދިރި އާލާވާ ތަންތައް ނައްތައިލުމެވެ. އަދި، މަދިރި ހެފުމުން ދުރުކޮށްދޭނެ ފިޔަވަޅުތައް އެޅުމެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ޑެންގީ އާއި މަދިރީގެ ޒަރިއްޔާއިން ފެތުރޭ ވައިރަސްތައް ކަމަށްވާ ޗިކުންގުންޔާ، ޔެލޯ ފީވާ އަދި ޒިކާ ފަދަ ބަލިތައް ހަލުވިކަމާއެކު ފެތުރެމުންދާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ރިޕޯޓުކޮށްފައެވެ.