ޔަހޫދީ ދައުލަތުގެ ސިފައިން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކާ ގުޅިގެން މިހާތަނަށް އައިއިރު ފަލަސްތީނުގެ 1،100 މީހަކު ޝަހީދުވެއްޖެއެވެ.

ފަލަސްތީނުގެ ހެލްތް މިނިސްޓްރީން ވިދާޅުވީ ޔަހޫދީން ދިން ވައިގެ ހަމަލާތަކުގައި ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު 1100 އަށް އަރާފައިވާ ކަމަށެވެ.

މީގެ ކުރިން އާންމުކުރި އަޕްޑޭޓެއްގައި ވަނީ ޝަހީދުވި މީހުންގެ އަދަދު 1000 އަށް އަރާފައިވާ ކަމެވެ.

ފޭސްބުކްގައި އާންމުކޮށްފައިވާ އާ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޣައްޒާގައި ޒަހަމްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 5،339 އަށް އަރާފައެވެ.

ހަމާސްގެ މުޖާހިދުން މިދިޔަ ހޮނިހިރު ދުވަހު ކުއްލިގޮތަކަށް ފުރަތަމަ ވަދެގަތީ ޣައްޒާގެ ވަށައިގެން އިސްރާއީލުން ބިނާކޮށް ޔަހޫދީން ވަޒަންވެރި ކުރުވާފައިވާ ޔަހޫދީ އަވަށްތަކަށެވެ. އެ ތަނަށް އެމީހުން ވަދެގަތީ އިސްރާއީލް އާއި ޣައްޒާ ގުޅޭ ބޯޑަރު ކައިރި އަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށް ފަހުގައެވެ.

އެގޮތުން އެއް ބަޔަކު ގޮވާ ޒާތުގެ އެއްޗެހިން ހަމަލާ ދިން އިރު، ޑްރޯން ބޭނުންކޮށްގެން އިސްރާއީލްގެ ޕޯސްޓުތަކަށް ހަމަލާދީ އެމީހުން ބަލި ކުރިއެވެ. އަދި އެ މީހުން އަމިއްލައަށް އުފައްދާފައިވާ ވައިކުޑަތަކުގެ އެހީގައި ވަނީ އިސްރާއީލްގެ ބެލުމުގެ ދަށުގައި ހުރި ތަންތަނަށް ވަދެގަނެ ހަމަލާދީފައެވެ.