ނިރުބަވެރި އިސްރާއީލުން ހުއްޓުމެއް ނެތި ރޭ ދެމުންގެންދިޔަ ރޮކެޓް ހަމަލާތަކާއި ގުޅިގެން ފަލަސްތީނުގެ ޣައްޒާ އޮތީ "އަލިފާން ބޯޅަ"އަކަށް ބަދަލުވެފައިވާ ކަމަށް ސިއްހަތާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ހުއްޓެމެއް ނެތި ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގެ ތެރެއިން ރެއަކީ ބިރުވެރި އަދި އެހާމެ ނުރައްކާތެރި އެއް ރެއެވެ. ރޭ ޣައްޒާގެ އެތަންމިނަތަނަށް ބޮން އަޅާ ހަމަލާތައް ދިންއިރު، މުވާސަލާތުގެ ހިދުމަތް ގާތްގަނޑަކަށް މުޅިން ވަނީ މެދުކަނޑައިލާފައެވެ.

މިޑިއާ ރިޕޯޓްތައް ބުނާގޮތުގައި އެ ނިރުބަވެރިން ރޭ ޣައްޒާއަށް ހަމަލާތައް ދިނުމަށް 100 އާ ގާތް ކުރާ އަދަދެއްގެ އަސްކަރީ ޖެޓް ބޭނުންކޮށްފައިވެއެވެ. އަދި ހުއްޓުމެއް ނެތި، އިސްރާއީލުން ދިޔައީ ޣައްޒާގެ އެތަން މިތަނަށް ބޮން އަޅަމުންނެވެ.

ރޭގެ ހަމަލާތަކުަގައި ޣައްޒާއިން ޝަހީދުވި އަދަދުވެސް އަދި ރަނގަޅަށް ސާފެއް ނުވެއެވެ. ސަބަބަކީ ބައެއް ހިސާބުތާއި ގުޅުން ކެނޑި، އަދަދުތައް ކަށަވަރުވަމުން ނުދާތީއެވެ.

ޣައްޒާގެ ޞިއްޙީ ވުޒާރާގެ ތަރުޖަމާނު އަޝްރަފް އަލްޤުދްރާ ނޫސްވެރިންނާ މުޚާޠަބުކުރައްވައި ވަނީ ޝަހީދުވި އަދަދާއި ގުޅޭގޮތުން އެ މީހުންނަށް ލިބެން ހުރި މައުލޫމާތުތައް ހިއްސާ ކުރައްވާފައެވެ.

އޭނާ ވިދާޅުވީ ނިރުބަވެރި އިސްރާއީލުން ދިން ބޮމުގެ ހަމަލާތަކުގެ ސަބަބުން ޣައްޒާ "އަލިފާނުގެ ބޯޅައަކަށް" ބަދަލުވެފައިވާ އިރު، ފަލަސްތީނުގެ އިތުރު 377 މީހެއްގެ ފުރާނަ ވަނީ ރައްކާތެރި ސަރަހައްދުތަކުގައި ޝަހީދުވެފައެވެ.

އަލްޤުދްރާ އިތުރަށް ވިދާޅުވީ އިސްރާއީލުގެ އަމަލުތަކުގެ ސަބަބުން ޣައްޒާގެ ސިއްހީ ނިޒާމާއި މެޑިކަލް ޓީމްތަކާއި އެމްބިއުލާންސްތައް މުޅިން ޕެރަލައިޒްވެފައިވާ ކަމަށެވެ.

މީގެ އިތުރުން އޭނާ ވަނީ ބައިނަލްއަޤްވާމީ އެހީއަށް ގޮވާލެއްވުން ތަކުރާރުކުރައްވާފައެވެ. އަދި މެޑިކަލް ކިޔަވާ ދަރިވަރުންނާއި ރިޓަޔަރޑް ނަރުހުން ވެސް ކުރިއަށް ވަޑައިގެން އެހީތެރިކަން ފޯރުކޮށްދެއްވުމަށް ގޮވާލެއްވިއެވެ.