ސްރީލަންކަން އެއަރލައިން ވިއްކާލަން ބިޑަށް ހުޅުވައިފި ކަމަށް އެ ގައުމުގެ ސަރުކާރުގެ ޕޯޓްސް، ޝިޕިން އެންޑް އޭވިއޭޝަން މިނިސްޓަރު ނިމާލް ސިރީޕާލާ ޑި ސިލްވާ ވިދާޅުވެއްޖެއެވެ.

ލަންކާގެ ނިއުސްވޭވަށް ދެއްވި އިންޓަވިއުއެއްގައި ނިމާލް ވިދާޅުވީ، ސްރީލަންކަން އެއަރލައިން ވިއްކާލަން މިއަދުން ފެށިގެން ބިޑަށް ހުޅުވާލާފައިވާ ކަމަށެވެ. އިންވެސްޓަރުންނަށް ބީލަން ހުށަހެޅުމަށް މިއަދުން ފެށިގެން 45 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

ނިމާލް ވިދާޅުވީ ކޮވިޑާއި ގުޅިގެން އެ އެއަރލައިނަށް ބޮޑު ގެއްލުމެއް ކުރިމަތިވެފައިވާ ކަމަށާއި ފާއިތުވީ 8 މަސްދުވަހު އެ އެއާލައިން ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދެވުނު ކަމަށެވެ. އަދި މި ދުވަސްތަކުގައި 6،000 މުވައްޒަފުންގެ ވަޒީފާ ވެސް ގެއްލިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ މައްސަލާގައި ލަންކާގެ ސަރުކާރުން ވަނީ އެ އެއާލައިންގެ މާލީ ހާލަތުން އަރައިގަތުމުގެ ޕްލޭން އެކުލަވައިލާއި ކުންފުނި ރީސްޓްރަކްޗާ ކުރަން ވޯލްޑް ބޭންކްގެ އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) އާ ހަވާލުކޮށްފައެވެ.

ބީލަމުގެ މުއްދަތު ހަމަވުމުން ކުންފުނި ގަތުމަށް އެންމެ ރަނގަޅު ޕްރޮޕޯސަލެއް ހުށަހަޅާ ފަރާތަކަށް އެ އެއާލައިން ވިއްކާލަން ވަނީ ނިންމާފައެވެ.

މިއީ ލަންކާގެ އެންމެ ބޮޑު އެއާލައިނެވެ. އެހެންނަމަވެސް ބޭންކްތަކުން ނެގި ލޯނާއި އިންޓަނޭޝަނަލް ބޮންޑު ޕޭމެންޓްތަކާއި މަތިންދާބޯޓުތައް ލީސް ކުއްޔަށް ދައްކަން ޖެހޭ އަދަދުތައް ހިމެނޭހެން 1.2 ބިލިޔަން ޑޮލަރުން ދަރައި ކުންފުނި އޮތީ ބޮޑު އަޑިގަނޑަކަށް ވެއްޓިފައެވެ.

ރިޕޯޓްތައް ބުނާގޮތުން އެ ކުންފުނިން ތެލަށް ކުރި ބައެއް ޚަރަދުތަކަށް ވެސް އަދި ފައިސާ ނުދައްކައެވެ.

މީގެކުރިންވެސް ބޭރު ބަޔަކާ ހަވާލުކޮށްގެން މި ކުންފުނި ހިންގޭތީ އެ ކުންފުނިން ވަނީ މަސައްކަތްކޮށްފައެވެ. އެގޮތުން 1998 އިން 2008 އަށް ސްރީލަންކަން އެއާލައިން ހިންގން އެމިރޭޓްސް އާ ހަވާލުކުރެވުނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަޢީދު

    ސްރީލަންކަން އެއަރލައިން ގަނެވޭތޯ ބެންކް އެކައުންޓު ބަލާލިއިރު އުޅެނީ 13 ޑޮލަރ މައިނަސްގައި. އެހެންވެ އެ ޚިޔާލު ދޫކޮށްލައިފިން.

    11