އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ ނިރުބަވެރި ސިފައިން ފަލަސްތީނުގެ ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލް، އަލް-ޝިފާ ހޮސްޕިޓަލަށް ހަމަލާދީ 13 މީހުން ޝަހީދުކޮށްލައިފިއެވެ.

ފަލަސްތީނުގެ ސަރުކާރުން ބުނެފައިވަނީ އިސްރާއީލް ސިފައިން ރެއާއި މިއަދުގެ އެކި ވަގުތުތަކުގައި ޝިފާ ހޮސްޕިޓަލްގެ ގޯތިތެރެއަށް ހަމަލާދީފައިވާ ކަމަށެވެ. އަދި މިހާތަނަށް އައިއިރު، 13 މީހުން ޝަހީދުކޮށްލާފައިވާ އިރު، ބައެއް މީހުންނަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ބުނެފައިވެއެވެ.

"13 މީހަކު ޝަހީދުވެ، އެތައް ބަޔަކު ވަނީ ޒަހަމްވެފައި އިސްރާއީލް ސިފައިން ޝިފާ ހޮސްޕިޓަލަށް މިއަދު ދިން ހަމަލާގައި،" ސަރުކާރުން ނެރުނު ބަޔާނުގައިވެއެވެ.

މިއަދުގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ތަރުޖަމާނު ބުނެފައި ވަނީ ޝިފާ ހޮސްޕިޓަލަށް ބޮން އަޅަން ފެށިއިރު، މިހާތަނަށް އައިއިރު 20 ހޮސްޕިޓަލެއްގެ ހިދުމަތްތައް އެއްކޮށް ހުއްޓިފައިވާ ކަމަށެވެ. އިސްރާއީލުން ތުހުމަތު ކުރާ ގޮތުގައި ޝިފާ ހޮސްޕިޓަލްގެ އަޑީގައި ހަމާސްގެ ކޮމާންޑް ސެންޓަރެއް ހުންނަ އިރު، ހަމާސްގެ މައިގަނޑު އޮޕަރޭޝަންތައް ހިންގަމުން ދަނީ އެ ތަނުގައެވެ. އެކަމަކު، ހަމާސް އާއި ހޮސްޕިޓަލުން ވަނީ އެކަން ދޮގުކޮށްފައެވެ.

ހަމާސްގެ އޮޕަރޭޝަންތައް ހިންގަނީ ޝިފާ ހޮސްޕިޓަލް އަޑީގައި: އިސްރާއީލް

އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ ޔަހޫދީ ސިފައިން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކުގައި އެންމެ ބޮޑު ބިރުވެރިކަމެއް އުފެދިފައި ވަނީ ޣައްޒާގެ ހޮސްޕިޓަލްތަކުގައި މިހާރު ދިރިއުޅެމުން އަންނަ ރައްޔިތުންނަށެވެ. ހޮސްޕިޓަލްތަކުގެ ތެރޭގައި އާއި ހޮސްޕިޓަލްގެ ބޭރުގައި ޓެންޓުތައް ޖަހައިގެން ވަރަށް ގިނަ ރައްޔިތުން ދިރިއުޅެމުން ދިޔަ ނަމަވެސް އެ މީހުންނަށް ވެސް އެއްވެސް ރައްކާތެރި ކަމެއް މިހާރު ނުފެނެއެވެ.

ޝިފާ ހޮސްޕިޓަލް ބޭނުމެއް ނުކުރަން، އެއީ ދޮގެއް: ހަމާސް

އިސްރާއީލުން ރޭގައި އެންމެ ގިނަ ހަމަލާތަކެއް އަމާޒުކޮށް ފޮނުވާލާފައި ވަނީ ޣައްޒާގެ ހޮސްޕިޓަލްތައް ކައިރިއަށެވެ. އަލް-ޝިފާ ހޮސްޕިޓަލާއި އިންޑޮނޭޝިއަން ހޮސްޕިޓަލާއި އަލް-ގުދުސް ހޮސްޕިޓަލް ފަދަ ތަންތަނަކީ އިސްރާއީލް ސިފައިންގެ އަމާޒަށް ހަދައި ބައެއް މީހުން ޝަހީދުކޮށްލި އިރު، ގިނަ ބަޔަކު ޒަހަމް ވެސް ކޮށްލިއެވެ.