ފަލަސްތީނުގެ ޣައްޒާގައި ހުރި އަލް-ޝިފާ ހޮސްޕިޓަލްގައި ތިބި މީހުންނަށް އިންސާނީ އެހީ ނުލިބި ދިގުލައިގެން ހިނގައްޖެ ނަމަ، އެ ހޮސްޕިޓަލްގެ ތެރޭގައި ތިބި އެންމެން ދުނިޔެއާ ވަކިވެގެން ހިނގައިދާނެ ކަމަށް ހޮސްޕިޓަލްގެ ޑިރެކްޓަރު މަހްމޫދު އަބޫ ސަލްމިޔާ މިއަދު ވިދާޅުވެއްޖެއެވެ.

ޣައްޒާގައި މިވަގުތު ހުރި އެންމެ ބޮޑު ހޮސްޕިޓަލްގައި ޒަހަމްވެގެން ގެނައި މީހުންނާއި ބަލި މީހުންނާއެކުގައި 650 އަށް ވުރެ ގިނަ މީހުން އެބަތިބިއެވެ. އަދި އަމިއްލަ ގެދޮރު ދޫކޮށް ހިޔާވަހިކަން ހޯދުމަށް 5،000 އަށް ވުރެ ގިނަ ރައްޔިތުން ޝިފާ ހޮސްޕިޓަލް ތެރޭގައި އާއި ގޯތިތެރޭގައިި މިވަގުތު ވެސް އެބަތިބިއެވެ. ތެޔޮ ހުސްވުމުގެ ސަބަބުން ޝިފާ ހޮސްޕިޓަލުން ކަރަންޓު ކެނޑި، އެ ހޮސްޕިޓަލުން ދޭ މުހިންމު ހުރިހާ ހިދުމަތެއް ހެން ވަނީ ހުއްޓުމަކަށް އައިސްފައެވެ.

މުހައްމަދު ވިދާޅުވީ އިސްރާއީލުން ޝިފާ ހޮސްޕިޓަލް ހިސޯރުކޮށްފައި އޮތުމުން އެއްވެސް މީހަކަށް އެ ހޮސްޕިޓަލަށް ނުވަދެވޭ އިރު، އެ ހޮސްޕިޓަލް ދޫކޮށް އެއްވެސް މީހަކު ދިއުމުގެ ފުރުސަތު ވެސް ނުދޭ ކަމަށެވެ. އެހެންވެ، އެހީ ނުލިބޭ ނަމަ، ހޮސްޕިޓަލް ތެރޭގައި ތިބި މީހުން ދުނިޔެއާ ވަކިވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ހޮސްޕިޓަލް ތެރޭގައި ތިބި މީހުން މަރުވާނެ އެހީ މި ހިސާބަށް ނުފޯރައިފި ނަމަ. އަދި ބަލި މީހުން މިހާރު ވެސް ބޭނުންވޭ ސިއްހީ ހިދުމަތް. ކުއްލި ސިއްހީ ފަރުވާ ނުލިބިއްޖެ ނަމަ، އެމީހުން ވެސް ދުނިޔެ އިން ވަކިވެދާނެ،" އޭނާ ވިދާޅުވިއެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނީ ޑައިލަސިސް މެޝިން ހުއްޓުމުގެ ސަބަބުން ކިޑްނީ ބަލީގައި ވޭން ތަހަންމަލް ކުރަމުން އަންނަ މީހަކު ޝަހީދުވެފައިވާ ކަމަށެވެ. އަދި ޝިފާ ހޮސްޕިޓަލް ހުންނަ ސަރަހައްދަކީ ހަނގުރާމައިގެ މައިދާނެއް ގޮތުގައި ސިފަކޮށް އިސްރާއީލުން ރެއިޑް ޖަހަމުންދާ ކަމަށް ވެސް ބުނެފައިވެއެވެ. ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި އެ ސަރަހައްދު މިހާރު އޮތީ ވަރަށް ނުރައްކާތެރި ހާލަތެއްގައެވެ.

އިސްރާއީލް ސިފައިން މިހާރު ވަނީ ޝިފާ ހޮސްޕިޓަލްގެ ޕާކިން ޒޯންގައި ހުރި ހުރިހާ ކާރުތަކަކަށް ވެސް ހަމަލާ ދީފައެވެ. އަދި އިސްރާއީލުން ޝިފާ ހޮސްޕިޓަލްގެ އެކި ސަރަހައްދުތައް ކޮންނަމުންދާ ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން ވަނީ ޝިފާ ހޮސްޕިޓަލްގެ އަޑީގައި ހަމާސްގެ ބިންގަރާސްތަކާއި ކޮމާންޑް ސެންޓަރުތައް ހިންގަމުންދާ ކަމަށް ބުނެފައެވެ. އަދި ހަމާސްގެ ތަންތަން ހޯދުމަށް ކަމަށް ބުނެ، އިސްރާއީލްގެ ގިނަ އަދަދެއްގެ ސިފައިން މިހާރު ތިބީ ޝިފާ ހޮސްޕިޓަލްގެ ތެރޭގައެވެ.

ނަމަވެސް އިސްރާއީލްގެ ތުހުމަތުތައް ހަމާސް އިން ދޮގުކުރެއެވެ.