ފޯޅަވަހި އަނބުރާ މޮރިޝަސްއާ ހަވާލުކުރުމުގެ ޕްލޭން އިނގިރޭސިވިލާތުން ދޫކޮށްލައިފިއެވެ. ގްރާންޓް ޝަޕްސް އެކުލަވާލަމުންދާ އާ ސްޓްރެޓެޖީއެއްގެ ދަށުން ފޯޅަވަހި (ޗަގޯސް އައިލެންޑްސް) އަނބުރާ މޮރިޝަސްއާ ހަވާލުކުރުމުގެ ޕްލޭންތައް އިނގިރޭސިވިލާތުން ދޫކޮށްލާނެކަމަށް ހަބަރުތަކުން ވަނީ ބުނެފިއެވެ.

1814 ވަނަ އަހަރުން ފެށިގެން އިނގިރޭސިންގެ މިލްކުވެރިކަމުގައި އޮތް ޗަގޯސް އައިލެންޑްސް މޮރިޝަސްއާ ހަވާލުކުރުމަށް "ސައިޕްރަސް ސްޓައިލްގެ" އެއްބަސްވުމެއް ހަދަން ފޮރިން އޮފީހުން ރާވާފައިވާކަން ޑިފެންސް ސެކްރެޓަރީއަށް ވަނީ މައުލޫމާތުލިބިފައިކަމަށް އެ ފަރާތުން ބުނެއެވެ.

ދިވެހި ރާއްޖޭގެ ދެކުނުން 310 މޭލު ދުރުގައި، އިންޑިއާ ކަނޑުގައި އޮންނަ ފޯޅަވަހީގެ ރަށްތަކުގައި ހުންނަނީ އިނގިރޭސިވިލާތުން އެމެރިކާއަށް ކުއްޔަށް ދީފައިވާ "ޑިއޭގޯ ގާސިއާ" އަސްކަރީ މަރުކަޒެވެ. އިނގިރޭސިވިލާތުގައި މި ޖަޒީރާ ރަށްތަކުގެ ނަން މަޝްހޫރުވެފައިވަނީ އިނގިރޭސިވިލާތުގެ "އިންޑިއަން އޯޝަން ޓެރިޓަރީ" ގެ ނަމުންނެވެ.

އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ކެމަރަން މިދިޔަ މަހު މަގާމާއި ހަވާލުވެވަޑައިގަތުމަށް ފަހު ބޮޑުވަޒީރު ޝެނެކް އާއި ބޮޑުވަޒީރުގެ ނައިބު އޮލިވަރ ޑައުޑެން އާއި ގުޅުއްވައި ފޯޅަވަހި ދިނުމަށް ރާވާފައިވާ ޕްލޭންތައް އުވާލުމަށް ވަނީ އިލްތިމާސް ކުރައްވާފައިކަމަށް ހަބަރުތަކުން ބުނެއެވެ.

ޗައިނާއާ ގުޅިފައިވާ މޮރިޝަސްއަށް އެމީހުން ދޫކޮށްލުމުން އެމެރިކާއާ އިނގިރޭސިވިލާތުގެ "ޚާއްޞަ ގުޅުމާއި އިންޑޯ ޕެސިފިކް ސަރަހައްދުގައި އޮތް ދިފާއީ މަސްލަހަތު" އަށް ނުރައްކާވެދާނެތީ ތިން މިނިސްޓަރުން ވެސް ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް ވަނީ އަޑު ފެތުރިފައެވެ.

އދ އިން އިނގިރޭސިވިލާތުން "އޯވާ ސީސް" ހިފެހެއްޓުމަކީ "ގާނޫނާ ހިލާފު" ކަމެއް ކަމަށް ބުނެ ވަނީ މި ރަށްތައް އަނބުރާ ދިނުމަށް ގޮވާލާފައެވެ.

މި ރަަށްތަކަކީ މޮރިޝަސްއާ އެކު ދިގު ޒަމާންތަކެއް ވަންދެން މައްސަލަތަކެއް އުފެދިފައިވާ ޖަޒީރާތަކެކެވެ. އަދި 2019 ވަނަ އަހަރު އިންޓަނޭޝަނަލް ކޯޓުން އިނގިރޭސިވިލާތުގެ މިލްކުވެރިކަން ގާނޫނާ ހިލާފު ކަމަށް ކަނޑައަޅައި، އެ ޖަޒީރާތައް "ވީހާވެސް އަވަހަކަށް" އަނބުރާ ދިނުމަށް ވަނީ ހުކުމްކޮއްފައެވެ.

އިނގިރޭސިވިލާތުގެ ނޫހެއް ކަމަށްވާ ޓެލެގްރާފްއިން ހާމަކުރި ގޮތުގައި ފޮރިން އޮފީހުން އެކުލަވާލީ "ސައިޕްރަސް ސްޓައިލްގެ" އެއްބަސްވުމެކެވެ. އަދި އެއީ މޮރިޝަސްއަށް 60 ރަށުގެ އިސްތިގުލާލު ދިނުމާއި އެކު އިނގިރޭސިވިލާތުން އެތަނުގެ އަސްކަރީ މަރުކަޒުގެ ކޮންޓްރޯލް ކުރުމުގައި ދެމިއޮތުމަށެވެ.

1960 ވަނަ އަހަރު ސައިޕްރަސްގައި ހުރި ދެ އަސްކަރީ މަރުކަޒަކާ ގުޅޭ ގޮތުން އިނގިރޭސިވިލާތާއި ގްރީސް، ސައިޕްރަސް އަދި ތުރުކީއާ ދެމެދު ވަނީ އެއްބަސްވުމެއް ހެދިފައެވެ.
އަދި މި އެއްބަސްވުމުގައި އިނގިރޭސިވިލާތުން އަސްކަރީ މަރުކަޒު ބޭނުންކުރުމުގެ ބަދަލުގައި ސައިޕްރަސް ސަރުކާރަށް ދެ ބިލިއަން ޕައުންޑްގެ ފައިސާއެއް ވެސް ވަނީ ދައްކާފައެވެ.

މަޝްވަރާ ކުރަމުންދާ އަނެއް ޕްލޭނަކީ ހުރިހާ ސަރަހައްދެއް މޮރިޝަސްއަށް ދިނުމާއި، އެ ބޭސް އަބުރާ އިނގިރޭސިވިލާތާއި އެމެރިކާއަށް ވަކި މުއްދަތަކަށް ކުއްޔަށްދިނުމެވެ.
އެހެން ނަމަވެސް އޮގަސްޓް މަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ޝެނެކް ވަނީ ބައިނަލްއަގްވާމީ ކޯޓުގެ ހުކުމާ ދެކޮޅު ހައްދަވައިފައެވެ.


އެމީހުންގެ ކަންބޮޑުވުންތައް ދައްކުވައިދެނީ މޮރިޝަސްއަށް ޖަޒީރާތަކުގެ ކޮންޓްރޯލް ލިބިއްޖެ ނަމަ ރަނގަޅަށް ބެހެއްޓިފައިވާ ބިންގަލަށް ގެއްލުން ލިބިދާނެ ކަމަށް އެމެރިކާއިން ގަބޫލުކުރާ ކަމަށް ބެލެވެއެވެ.

މޮރިޝަސްގެ އެކުވެރި ޗައިނާ އޮތީ އިންޑޯ ޕެސިފިކް ސަރަހައްދުގައި އެމެރިކާ ސިފައިންނާ ވާދަވެރިކަމުގެ ތެރޭގައެވެ.

ކޮންމެ ކަހަލަ ހައްލެއް ހޯދިނަމަވެސް، ޕެންޓަގަން އިން ފާސް ނުކުރާހާ ހިނދަކު އެއީ ބޭކާރުކަމެއްކަމަށް ދިފާއީ މަސްދަރަކުން ދަ ޓެލެގްރާފް އަށް ކިޔައިދިނެވެ. "އެއާ ބޭސްގެ މިހާރުގެ ހާލަތަށް ނުރައްކާވާ އެއްވެސް ކަމެއް އެމީހުން ބޭނުމެއް ނޫން." އޭނާ ކިޔާދިނެވެ.

2001 ވަނަ އަހަރުގެ 11 ސެޕްޓަމްބަރުގެ ހަމަލާތަކަށް ފަހު އަފްޣާނިސްތާނަށް، އަދި 2003 ވަނަ އަހަރުން ފެށިގެން އިރާގަށް އަރާ އެ ގައުމުތައް ހިފުުމުގެ މިޝަންތަކަށް އުދުހުމަށް އެމެރިކާއިން "ޑިއޭގޯ ގާސިއާ" ވަނީ ބޭނުންކޮށްފައެވެ. އަދި 2006 ވަނަ އަހަރުން ފެށިގެން މެދުއިރުމަތީގައި މަސައްކަތްކުރާ ސިފައިންނަށް ސަޕްލައި ކުރުމަށް މި ތަން ބޭނުންކުރެވުނެވެ.