އަލްޖަޒީރާ އަރަބިގެ ނޫސްވެރިއެއް ކަމަށްވާ މޮމިން އަލްޝްރަފީގެ އާއިލާއިން ހިޔާވަހިކަން ހޯދަމުންދިޔަ ދެމުން ދިޔަ ގެއަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި އެ އާއިލާގެ ގިނަބަޔަކު ޝަހީދުވެއްޖެއެވެ.

ޣައްޒާގެ އުތުރުގައި ހުންނަ ޖަބާލިއާ ރެފިއުޖީ ކޭމްޕަށް ރޭ ދިން މި ހަމަލާގައި އަލްޝްރަފީގެ އާއިލާގެ 21 މީހަކު ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި އޭނާގެ މައިންބަފައިން ކަމަށްވާ މަހުމޫދާއި އަމީނާ އާއި އޭނާގެ އެއްބަނޑު އެއްބަފާ މީހުންނާއި އެމީހުންގެ އަނބިންގެ އިތުރުން އެ މީހުންގެ ދަރިން ހިމެނެއެވެ.

އަލްޖަޒީރާއަށް ދިން އިންޓަވިއުއެއްގައި އަލްޝްރަފީ ބުނީ އެ ގެއަށް ބޮމުގެ ހަމަލާ އަމާޒުވުމުން ވަރަށް ބޮޑު ވަޅެއް އެގޭގެ ތެރޭގައު އުފެދިފައިވާ ކަމަށެވެ.

"ސިވިލް ޑިފެންސްގެ އެއްވެސް މީހަކު އެމީހުންގެ ހަށިގަނޑާއި ހަމައަށް ވާސިލްވެވެން ނެތް. ލޯބިވާ މީހުންނަށް އަލްވަދާއު ކިޔަން މި ޖެހެނީ ދުރުގައި، އެމީހުންނަށް އެކަށީގެންވާ ގޮތަށް ވަޅުލުމުގެ ފުރުސަތުވެސް ނުލިބޭ.". އޭނާ ބުނެފައި ވެއެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު އިސްރާއީލުން ދިން ހަމަލާއެއްގައި ޣައްޒާގައި ހުންނަ އަލްޖަޒީރާ އަރަބިކްގެ ޗީފް ކޮރެސްޕޮންޑެންޓް ވައިލް ދަހްދޫހްގެ އާއިލާގެ ބައެއް މީހުން ވަނީ ޝަހީދުކޮށްލާފައެވެ.