ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ގެއަކަށް ހަމަލާދީ 18 މީހަކު ޝަހީދު ކޮށްލައިފިއެވެ.

ގުދުސް ނިއުސް ނެޓްވޯކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ނިރުބަވަރިން ޝަހީދު ކޮށްލާފައިވަނީ ރަފާހްގެ މެދު ތެރޭގައި އޮންނަ ޝަބޫރާ ކޭމްޕުގައި ހުންނަ ގެއެއްގައި ދިރިއުޅެމުން ދިޔަ ބައެކެވެ. ނިރުބަވެރިން އެ މީހުން ޝަހީދު ކޮށްލާފައިވަނީ އެމީހުން ދިރިއުޅެމުން ދިޔަ ގެއަކަށް ބޮމުގެ ހަމަލާ ދީގެންނެވެ.

ނިރުބަވެރިން ޝަބޫރާ ކޭމްޕަށް ދިން ހަމަލާއެއްގައި 18 މީހަކު ޝަހީދު ކޮށްލާފައިވާއިރު، މުޖާހިދުންނާއި ނިރުބަވެރިންނާއި ދެމެދު ވެވުނު އެއްބަސްވުން ނިމުނު ފަހުން ނިރުބަވެރިން އަންނަނީ ޣައްޒާގެ ގިނަ ސަރަހައްދުތަކަށް ހަމަލާދެމުންނެވެ.

އެގޮތުން ޣައްޒާގެ ޚާން ޔޫނިސް ސަރަހައްދު ހިމެނޭހެން ގިނަ ސަރަހައްދުތަކަށް އަންނަނީ ހަމަލާދެމުންނެވެ.

ނިރުބަވެރިން ބުނެފައިވާ ގޮތުގައި އެމީހުންގެ މަގުސަދަކީ ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތް ނައްތާލުމެވެ. ނަމަވެސް މުޖާހިދުން އަންނަނީ އެ މަސައްކަތް ވިޔަ ނުދީ ނިރުބަވެރިންނާއި ވަރުގަދަ ހަނގުރާމަ ކުރަމުންނެވެ. މި ހަނގުރާމައިގެ ތެރޭގައި ޣައްޒާގެ ތެރޭގައި ހަރަކާތްތެރިވެފައިވާ 80 އާއި ގާތްކުރާ ނުވަތަ އެއަށްވުރެ ގިނަ ސިފައިން މަރާލާފައިވާ ކަމަށް މުޖާހިދުން ވަނީ ބުނެފައެވެ.