އިސްރާއީލުގެ ނިރުބަވެރި އަސްކަރިއްޔާއިން ޣައްޒާގެ އެންމެ ދުވަސްވީ އަދި އެންމެ ބޮޑު މިސްކިތް ކަމަށްވާ ގްރޭޓް އޮމަރީ މިސްކިތަށް ބޮން އަޅައިފިއެވެ.

ފަލަސްތީނުގެ އެންމެ ދުވަސްވީ އަދި އެންމެ ބޮޑު އެއް މިސްކިތް ކަމަށްވާ މި މިސްކިތް ދަރާޖް އަވަށުގައި ހުންނަ އިރު، އެ މިސްކިތަކީ 650 އަހަރަށް ވުރެ ކުރީގެ ތާރީހެއް އޮތް މިސްކިތެކެވެ.

ޣައްޒާ ސިޓީގެ އިރުމަތީގައި އޮންނަ ޒައިތޫން އަވަށުގައި އޮންނަ މި މިސްކިތަށް އިއްޔެ ނިރުބަވެރިން ވަނީ ބޮން އަޅާފައެވެ.

ޣައްޒާއަށް ހަމަލާދޭން ފެށި ފަހުން އިސްރާއީލުން ވަނީ ފަލަސްތީނުގެ ސަގާފީ ތަރިކައަށް އަމާޒުކޮށް، ތާރީޚީ އެތައް ތަނަކާއި ޒަމާންވީ ގެތައް ހަލާކުކޮށްލާފައެވެ.

ކަލްޗާ މިނިސްޓްރީން ބުނާގޮތުގައި، އިސްރާއީލުގެ މަތިންދާ ބޯޓުތަކުން ވަނީ ރަފާ މިއުޒިއަމާއި ޚާން ޔުނިސް މިއުޒިއަމް އަދި ކަރަރާ މިއުޒިއަމް ހިމެނޭ ގޮތަށް އަށް މިއުޒިއަމަކަށް ބޮން އަޅާފައެވެ. ޣައްޒާ ސިޓީގެ ތާރީޚީ ޑިސްޓްރިކްޓްގެ ގިނަ ސަރަހައްދުތަކެއް ހަލާކުވެފައިވާއިރު، އޭގެ ތެރޭގައި ތާރީހީ އިމާރާތްތަކާއި، ފައްޅިތަކާއި، މިސްކިތްތަކާއި، މިއުޒިއަމްތަކާއި އާސާރީ ތަންތަން ހިމެނެއެވެ.

އިސްރާއީލް ސިފައިން އިއްޔެ ވަނީ ޣައްޒާގެ އުތުރުގެ ޖަބާލިއާ ރެފިއުޖީ ކޭމްޕްގައި ހުންނަ އަލްއަވްދާ މިސްކިތަށް ހަމަލާދީފައެވެ.