ބޮލީވުޑްގެ އެކްޓަރ އިމްރާން ހާޝިމީގެ ދަރިފުޅު އަޔާން, ކެންސަރު ބަލިން ސަލާމަތްވެއްޖެއެވެ.
އިމްރާން ހާޝިމީ މިއަދު އެކަން ހާމަކުރީ އޭނާގެ ޓްވިޓާގައެވެ. މީސް މީޑިއާ މެދުވެރިކޮށް އެކަން ހާމަކޮށް ދަރިފުޅާއެކު ނަގާފައިވާ ފޮޓޯއެއްވެސް ވަނީ ހިއްސާކޮށްފައެވެ.
އަޔާންގެ އުމުރުން އެންމެ ތިން އަހަރުގައި އޭނާ ކެންސަރު ބަލީގެ ޝިކާރައަކަށްވިއެވެ. އޭނާއަށް ޖެހުނީ ވަރަށް މަދުން ނޫނީ ނުފެންނަ ކެންސަރުގެ ބާވަތެކެވެ. ކިޑްނީ ކެންސަރު ބަލީގައި އަޔާން އުޅެމުން ދިޔައީ ވަރަށްް ހިތްދަތި ދުވަސްތަކެކެވެ. އެ ދުވަސްތަކާ ގުޅިގެން ބައްޕަގެ އެކްޓިން ކެރިއަރަށްވެސް ވަނީ މަޑު ޖެހުމެއް އައިސްފައެވެ.
ޓްވިޓާ މެދުވެރިކޮށް މިއަދު އިމްރާން ހާޝިމީ ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، ކެންސަރު ބައްޔާއި ފަސް އަހަރުވަންދެން ހަނގުރާމަކޮށް ދަރިފުޅު އަޔާން ކެންސަރު ބަލިން ސަލާމަތްވެއްޖެ ކަމަށެވެ.
"ހުރިހާ އެންމެން ދަރިފުޅަށްކޮށްދިން ހެޔޮ ދުއާތަކަށް ޝުކުރުވެރިވަން. އަދި ކެންސަރު ބައްޔާއި ހަނގުރާމަ ކުރަމުންދާ މީހުން އެ ބަލިން ސަލާމަތްކޮށްދޭތޯ ދުއާ ކުރަން. އަދި އެ ބަލިން ސަލާމަތްވެވިދާނެ.". އިމްރާން ބުންޏެވެ.
ދަރިފުޅަށް ކެންސަރު ޖެހިފައި ހުރިކަން އެނގުނު އިރު އެ ބަލި ޖެހުނުތާ މާގިނަ ދުވަހެއް ނުވާކަމަށް އިމްރާން ބުންޏެވެ. އަދި ދަރިފުޅު ކުރަމުންދާ އެ ހަނގުރާމައާ ގުޅޭގޮތުން އޭނާ ވަނީ ފޮތެއްވެސް ލިޔެފައެވެ.
އިމްރާން ދެން އެންމެ އަވަހަށް ފެނިގެން ދާނީ ވައި ޗީޓް އިންޑިއާ އިންނެވެ. އެ ފިލްމް އަންނަ ހުކުރު ދުވަހު ރިލީސް ކުރާނެއެވެ.
އަލްޙަމްދުލިﷲ !
އަލްހަމްދު ލިﷲ. މާޝާﷲ