ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަސް (ކޮވިޑް-19)ގެ ނުރައްކާ ކުޑަކުރުމުގެ ގޮތުން ޤައުމުތަކުގައި ކާފިއު އިއުލާނުކޮށް ހަރުކަށި ފިޔަވަޅުތައް އެޅުމުން އެކަމުގެ ދަތިތަކާއި ގިނަ ބަޔަކަށް ދަނީ ކުރިމަތިވަމުންނެވެ. މި ދަނޑިވަޅުގައި ދުނިޔެއަށް ކުރިމަތުވެފައިވާ ބަލިމަޑުކަމުން އަރައިގަތުމަށް އަޅާ މިފަދަ ކޮންމެ ފިޔަވަޅަކުންވެސް ގިނަ ބަޔަކަށް އެކަމުގެ އަސަރު ކުރާއިރު، ދުބާއީގެ އޮފިޝަލުން މިވަނީ އެޤައުމުގައި އިއްވާފައިވާ ކާފިއުއާއި ގުޅިގެން އާންމު މީހަކު ކުރި ޝަކުވާއެއްގެ ވާހަކަ ނޫސްތަކުގައި ދައްކާފައެވެ.

ދުބާއީގެ ޓްރެފިކް ޑިޕާޓްމަންޓުގެ އޮފިޝަލުންނާއި ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ، ކާފިއު އާއި ގުޅިގެން ތަފާތު ގިނަ ކޯލްތައް އެ ޑިޕާޓްމެންޓަށް އަންނަމުންދާ ކަމަށެވެ. އެގޮތުން އެންމެ ފާހަގަކުރެވޭ އެއް ހާދިސާއަކީ، ދެ މީހަކާއި ކައިވެނިކޮށްގެން އުޅޭ ފިރިހެނަކު އޭނާގެ ދެ އަނބިންގެ ގާތަށް ދަތުރު ކުރުމަށް ހުއްދައަށް އެދި ހުށަހެޅި ކުރި ކޯލެއް ކަމަށް އެފަރާތްތަކުން ބުނެއެވެ.

"މި ޝަކުވާ ހުށަހެޅި ވަގުތު އަޑުއަހަން ހުރިން. ކުރިންވެސް ކާފިއު އާއި ގުޅިގެން ގިނަ ޝަކުވާތައް އާދޭ. ތަފާތު އެކި ބޭނުންތަކުގައި ހުއްދައަށް އެދި މީހުން ގުޅާ. އެކަމަކު މިފަދަ މައްސަލައެއް އަޑުއިވުނީ އެދުވަހު. އަހަރެން ވަގުތުން އެ ކޯލަށް އެޓެންޑްވެ ބުނިން، ހުއްދަ ނުލިބިއްޖެއްޔާ އެއީ ދެވަނަ އަނބިމީހާގެ ގާތަށް ދާން ބޭނުން ނުވާ ހާލަތެއްގައި އޮތް އުޒުރެއް ނޫންހޭ. އަހަރެން ވެސް ސަމާސަ ކޮށްލަން އެގޮތަށް ބުނީ،" ދުބާއީގެ ޓްރެފިކް ޑިޕާޓްމަންޓުގެ ވެރިޔާ، ބްރިގޭޑިއާ ސައިފް މުހައިރު އަލް މަޒޫރީ ބުންޏެވެ.

ބްރިގޭޑިއާ ސައިފް ބުނިގޮތުގައި، ކާފިއުގެ ވަގުތުތަކުގައި ވެސް ކޮންމެހެން ކުރަންޖެހޭ މުޙިންމު ކަންކަން ކުރުމަށް ޚާއްސަ ހުއްދަތަކަށް އެދި ގިނަ ބަޔަކު ގުޅާ ކަމަށެވެ. އާންމު ގޮތެއްގައި މިގޮތަށް ހުއްދަ ދެނީ ވަރަށް މަދު ފަހަރެއްގައިކަން ފާހަގަކޮށް ސައިފް ބުނެފައި ވަނީ، މި ފިޔަވަޅުކުގެ ހަޤީޤީ ބޭނުމަކީ މިހާރު ކުރިމަތިވެފައިވާ ބޮޑު ނުރައްކަލުން އެ އެންމެންވެސް ރައްކާތެރި ކުރުންކަން ޤަބޫލުކުރަން ޖެހޭނެ ކަމަށެވެ.

ކާފިއު އާއި ގުޅިގެން އަނބިންގެ ގާތަށް ދަތުރުކުރުމުގެ ހުއްދައަށް އެދި ގުޅި މީހާއަށް އެ ހުއްދަ ދިންކަމެއް ނުވަތަ ހުއްދަ ނުދޭކަމެއް ބްރިގޭޑިއާ ސައިފް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެޤައުމުގައި އިއުލާނުކޮށްފައިވާ ކާފިއުގެ ދަށުން، ކޮންމެ މީހަކަށްވެސް ޒަރޫރީ ބޭނުންތަކުގައި ބޭރަށް ނިކުތުމުގެ ހުއްދަ އެޤައުމުގައި ވަކި "ލިމިޓެއް" ގެ ތެރެއިން ލިބެއެވެ.

ކޮވިޑް-19 ގެ ނުރައްކަލާއި ގުޅިގެން ދުބާއީ ފުރަބަންދު ކޮށްފައިވާއިރު، ބޭރަށް ނިކުމެ އުޅުމުގެ ހުއްދަ އެޤައުމުގައި ދޭ މީހުންގެ އަދަދުވެސް ވަނީ ހިފަހައްޓާފައެވެ. މިގޮތުން އެކި ވަގުތުތަކުގައި ހުއްދައަށް އެދޭ އެކި ފަރާތްތަކަށް މި ހުއްދަ ދެމުންދާއިރު، ބޭރަށް ނިކުންނަ ހުރިހާ ފަރާތަކުންވެސް މޫނު ނިވާކޮށް އަންގީ އާއި އެނޫންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވުމަށް އަންގާފައި ވެއެވެ.

އެގޮތުން އެއްތަނެއްގައި ގިނަ ބަޔަކު ނުތިބުމާއި، ގިނަ ވަގުތު ވަންދެން ބާޒާރު ކުރުމުގައި އުޅުންފަދަ ކަންކަން މަނާކޮށްފައި ވާއިރު، ބާޒާރުކުރަން ބޭރަށް ނިކުތުމުގެ ހުއްދަ އެޤައުމުގައި ދެނީ، ކޮންމެ އާއިލާއަކުން ވެސް އެންމެ މީހަކަށެވެ. އަދި ޚާއްސަ ގޮތެއްގައި ފުރަ ބަންދުގެ މުއްދަތުގައި ކުޑަކުދިން ގެއިން ބޭރަށް ގެންދިއުން އެޤައުމުގައި ވަނީ މަނާކޮށްފައެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ދުބާއީގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި އެއަށް އަމަލު ކުރަމުންދާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ވައިރަސް ފެނިފައިވާ އެނޫންވެސް ގިނަ ޤައުމުތަކުގައި މިފަދަ ފިޔަވަޅުތައް އަޅާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބުުއްޅަ އެކުސް

    4މީހުން ތިބިނަމަ ތަންކޮޅެއް ގިނައިން ދުވެލެވުނީސް ދޯ?

    27
    3
  2. ޑަމީ

    މާށާﷲ. ތިބާ އަށް ގިނަ ސަވާބުދެށްވާނދެ.

    3
    1