ނުރައްކާތެރި ކޮރޯނާވައިރަސް (ކޮވިޑް-19) ޖެހޭ ޒުވާނުންނަށް ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑުވާ ކަން ހޯދުންތަކުން ހާމަވެއްޖެއެވެ.

އެމެރިކާގެ ޑޮކްޓަރުން ހޯދި މި ހޯދުންތަކާއި ގުޅިގެން ނެރެފައިވާ ރިޕޯޓެއްގައި މިކަން ހާމަކޮށް ބުނެފައި ވަނީ، ކޮވިޑް-19 ޖެހޭ ޒުވާނުންގެ ތެރެއިން ސްޓްރޯކް ޖެހުމުގެ ފުރުސަތު އެންމެ ބޮޑުވަނީ އުމުރުން 30 އަހަރާއި 40 އަހަރާއި ދެމެދުގެ މީހުންނަށެވެ. އަދި އެ އުމުރުގެ މީހުންނަށް އިތުރު ބައްޔެއް ޖެހިފައި ނެތްނަމަވެސް ކޮވިޑް-19 އާއި ގުޅިގެން ސްޓްރޯކް ޖެހިދާނެ ކަމަށް ޑޮކްޓަރުން ބުނެފައި ވެއެވެ.

ޑޮކްޓަރުން ބުނެފައި ވަނީ، ކޮވިޑް-19 ޖެހުމުން ސްޓްރޯކް ޖެހުމުގެ ފުރުސަތު އޮންނަނީ މި ބަލީގައި ލޭ ދައުރުވާ ނާރުތަކުގައި "ބްލަޑް ކްލޮޓް" އުފެދި ލޭ ދައުރުވުމަށް ހުރަސް އެޅޭތީއެވެ. މިއީ ސްޓްރޯކް ޖެހެން އާންމުކޮށްވެސް މެދުވެރިވާ މައިގަނޑު ސަބަބު ކަމަށް އެފަރާތްތަކުން ބުނެއެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި ކޮވިޑް-19 ޖެހޭ ޒުވާނުންނަށް މި ހާލަތު މެދުވެރިވެ ސްޓްރޯކް ޖެހޭ މިންވަރު އިތުރުވެފައިވާކަން ވެސް ރެކޯޑުތަކުން ދައްކައެވެ.

މި ހޯދުންތަކާއި ގުޅޭގޮތުން ނިއުޔޯކުގެ މައުންޓް ސައިނާ ހެލްތު ސިސްޓަމްގެ ނާރުގެ ޑޮކްޓަރެއް ކަމަށްވާ، ޑރ. ތޯމަސް އޮޒްލޭ ވިދާޅުވެފައި ވަނީ، ކޮވިޑް-19 ގެ ސަބަބުން ބްލަޑް ކްލޮޓް އުފެދެނީ އެންމެ މައި ނާރުތަކުގައިކަން އެނގިފައިވާ ކަމަށެވެ. އާންމު ގޮތެއްގައި މި ނުރައްކާ ކުރިމަތިވަނީ ޒުވާނުންނަށްކަން ހާމަކޮށް އޭނާ ވިދާޅުވެފައި ވަނީ، ބަލީގައި ސްޓްރޯކް ޖެހެނީ އާންމު ގޮތެއްގައި ބަލި ޖެހޭތާ ދެވަރަކަށް ހަފްތާ ފަހުން ކަމަށެވެ.

"ޒުވާން އުމުރުގައި ސްޓްރޯކް ޖެހުމަކީ އާންމު ކަމެއް ނޫން. ޚާއްސަކޮށް ސިކުނޑި އާއި ގުޅިފައިވާ ބޮޑެތި ނާރުތަކުގައި ކްލޮޓް އުފެދުން އެއީ ޒުވާނުންނަށް މަދު ފަހަރުތަކުގައި ނޫނީ ދިމާނުވާ ހާލަތެއް. ނަމަވެސް ކޮވިޑް-19 ޖެހޭ ޒުވާނުންނަށް މިކަމުގެ ނުރައްކާ އޮވޭ،" ޑރ. ތޯމަސް ވިދާޅުވިއެވެ.

ސިކުނޑިއާއި ގުޅިފައިވާ ނާރުތަކުގައި ބްލަޑް ކްލޮޓް އުފެދި ސްޓްރޯކް ޖެހުމަކީ ނުރައްކާތެރި ހާލަތަކަށް މަގުފަހި ވެދާނެ ކަމެކެވެ. އަދި އެއީ އެކަމުގެ ސަބަބުން އަވަހަށް ފަރުވާ ނުދެވިއްޖެ ނަމަ ފުރާނައަށް ވެސް ނުރައްކާ ވެދާނެ ހާލަތެކެވެ.

ސްޓްރޯކެއް ޖެހުމުގެ އަލާމާތްތަކުގެ ތެރޭގައި ކުއްލިއަކަށް ވަކި ސަބަބަކާއި ނުލައި ވާގިދާހެން ހީވުމާއި، އަތް ވަރުބަލިވުމާއި ވާހަކަދައްކަން އުނދަގޫވުން ފަދަ ކަންކަން ހިމެނެއެވެ. މިފަދަ އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ސިއްޙީ ފަރުވާ ހޯދަން ޖެހެއެވެ.