އެޕަލް ކުންފުނިން ނެރެމުން އަންނަ އައިފޯންގެ އާމޮޑެލް އައިފޯން-12 ނެރޭނެ ދުވަސް އެޕަލް ކުންފުނިން މިރޭ އިއުލާން ކޮށްފިއެވެ. އެޕަލް އިން މިރޭ މީޑިއާތަކަށް ފޮނުވި ދައުވަތެއްގައި ވަނީ އޮކްޓޯބަރ 13 ވަނަ ދުވަހު އެޕަލް ކުންފުނީގެ ހާއްސަ އިވެންޓެއް އޮންނާނެކަމަށް ބުނެފައެވެ.

އާއްމުކޮށް އެޕަލް ކުންފުނިން އައިފޯންގެ އާ މޮޑެލްތައް ސެޕްޓެމްބަރ މަހު ނެރެއެވެ. ސެޕްޓެމްބަރ މަހު ފޯނު ނުނެރޭނަމަ ދެން އައްމުކޮށް ފޯނު ނެރެނީ އޮކްޓޯބަރ 23 ގައެވެ. ނަމަވެސް މިއަހަރު ވަނީ ބައެއް ތާރީޚްތަކަށް ބަދަލުތައް ގެނެސްފައެވެ.

އެޕަލް އިން ފޮނުވި ދައުވަތުގައި އައިފޯން ލޯންޗް ކުރާ ވާހަކައެއް ސާފުކޮށް ބުނެފައެއް ނުވެއެވެ. ބުނެފައި ވަނީ "ހައި ސްޕީޑް" އިވެންޓެއްގެ ވާހަކައެވެ. މީޑިއާތަކުން ބުނާ ގޮތުގައި އެއީ އަލަށް ނެރޭ އައިފޯންގައި 5ޖީ ހިމެނޭކަން ހާމަކުރުމަށް އެޕަލް އިން ލިޔެފައިވާ މެސެޖެކެވެ. އަދި އެއީ އަލަށް ނެރޭ އައިފޯންގެ ޗިޕްގެ ފެންވަރު ވަރުގަދަކޮށް އިންޓާނަލް ކެޕޭސިޓީ އިތުރު ކޮށްފައިވާކަން ދަލީލް ކޮށްދޭ ދައުވަތެއް ކަމަށް ވެސް ބައިނަލްއަޤުވާމީ މީޑިއާތަކުން ބުނެއެވެ.

މީގެ ކުރިން ވެސް އެޕަލްގެ އުފެއްދުންތައް ނެރުމުގެ ކުރިން އެޕަލް އިން އެއްވެސް އުފެއްދުމުގެ އެއްވެސް މައުލޫމާތެއް ރަސްމީކޮށް ހާމައެއް ނުކުރެއެވެ. ނަމަވެސް މިރޭ އެޕަލް އިން ފޮނުވި ދައުވަތާއި ހަވާލާދީ ދުނިޔޭގެ ބޮޑެތި ހުރިހާ މީޑިއާތަކުން ވެސް ކަށަވަރު ކޮށްދީފައިވާ ގޮތުގައި އަންނަ ހަފްތާގައި އޮތީ އައިފޯން ނެރުމަށް ބާއްވާ އިވެންޓެކެވެ.

އަންނަ ހަފްތާގައި ބާއްވާ އެޕަލް އިވެންޓްގައި އައިފޯންގެ އިތުރުން އެއާޕޮޑްގެ އާއުފެއްދުމަކާއި ހޯމްޕޮޑްގެ އާއުފެއްދުމުގެ އިތުރުން އަދިވެސް އެޕަލްގެ ބައެއް އިތުރު އުފެއްދުންތައް ދައްކާލާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެޕަލް އިން އަންނަ ހަފްތާގެ އިވެންޓް ވެސް ކުރިއަށް ގެންދާނީ އޮންލައިންކޮށެވެ.