އިންޑިއާގައި ލޯބިވެރިޔާގެ ރޭޕްގެ ޝިކާއަރަކަށްވި ކުޑަ އަންހެން ކުއްޖަކު، އޭނާގެ އަމިއްލަ ގައިގައި އަލިފާން ޖަހައިފިއެވެ.

އެ ގައުމުގެ ސިޓީއެއް ކަމަށް ރެވާގައި މި ހާދިސާ ހިނގިއިރު، އެ ކުއްޖާ ރޭޕްކޮށްފައި ވަނީ 18 ނުފުރޭ ކުޑަ ފިރިހެން ކުއްޖެއް ކަމަށް މިޑިއާ ރިޕޯޓްތައް ބުނެއެވެ.

އެ ގައުމުގެ ފުލުހުން މިއަދު ބުނެފައި ވަނީ އޮކްޓޯބަރު ހަތް ވަނަ ދުވަހު މިކަން ހިނގިއިރު، އެ ކުއްޖާގެ މައިންބަފައިން ދިން މައުލޫމާތަށް އެ ކުއްޖާ ރޭޕް ކުރި މީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ.

މީީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ރޭޕްގެ ޝިކާއަރަކަށްވި ކުއްޖާ އާއި، އޭނާ ރޭޕް ކުރި ކުއްޖާ އުޅުނީ ލޯބީގެ ގޮތުން ގުޅިގެންނެވެ. އަދި އެ ކުއްޖާ ގައިގައި އަމިއްލައަށް އަލިފާން ޖެހީ، ރޭޕް ކުރުމަށްފަހު ކަމަށްވެސް ބުނެފައި ވެއެވެ.

"ދެ މީހުންވެސް އުޅުނީ ލޯބީގެ ގޮތުން ގުޅިގެން، އެ ކުއްޖާ ރޭޕްކޮށްފައިވާ ކަން ޑޮކްޓަރުންގެ ރިޕޯޓްތަކުންވެސް އިނގޭ. އެ ކުއްޖާ މިހާރު ވަނީ ހައްޔަރުކޮށްފައި، އަދި ޖުވެނަލް ކޯޓަށް އެ ކުއްޖާ ހާޒިރު ކުރުމަށް ވަނީ ނިންމާފައި". އިސް ފުލުހަކާއި ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެ ކުއްޖާއަށް މިހާރު ދަނީ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ.

މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.