ބޭވޮޗުގެ ތަރި ޖާރމީ ޖެކްސަންގެ ކުރީގެ އަންހެނުން ލޮނީ "ގެއްލިފައި" ހުންނަތާ ދެ އަހަރު ފަހުން ފެނިއްޖެއެވެ. ލޮނީ ފެނުނުއިރު އޭނާއަކީ ވަންނާނެ ގެދޮރެއް ނެތިފައެވެ.

އުމުރުން 37 އަހަރުގެ ލޮނީއަކީ ކުރީގެ މޮޑެލްއެކެވެ. ލޮނީއާއި ޖާރމީ ކައިވެނި ކޮށްފައިވަނީ 2012 ވަނަ އަހަރުއެވެ. ނަމަވެސް 2014 ވަނަ އަހަރު ޖެހުނު މައްސަލައެއްގައި މި ދެމީހުންވަނީ ވަކިވެފައެެވެ.

''ދަ ސަން''އަށް ދިން އިންޓަވުއެއްގައި ލޮނީ ބުނެފައިވަނީ މިހާތަނަށް ޖާރމީއާއި އެއްވެސް މުޢާމަލާތެއް ކޮށްފައި ނުވާނެކަމަށާއި އެއްވެސް ރަހުމަތްތެރިއަކާއި ވެސް ވާހަކަ ދައްކަން ބޭނުންނުވާ ކަމަށެވެ.

ޖާރމީ ޖެކްސަންގެ ކުރީގެ އަންހެނުން ލޮނީއާއެކު

އަދި އޭނާގެ ހުރިހާ ކަމެއް ވެސް އެންމެ ރަނގަޅުކަމަށާއި އެއްވެސް މީހެއްގެ އެހީތެރިކަމެއް ބޭނުންނުވާ ކަމަށް ވެސް ލޮނީ ފާހަގަ ކޮށްފައިވެއެވެ.

އިތުރަށް ލޮނީ ބުނެފައިވަނީ އޭނާ ބޭނުންވާ ހުރިހާ އެއްޗެއް ހުރިކަމަށާއި އެއްވެސް މީހަކު އޭނާއާއި އަޅާނުލާކަމަށާއި އަދި އެއިން އެއްވެސް މީހަކަށް އޭނާ ފެންނަން، އަދި އޭނާ ވެސް އެ މީހުންނަށް ފެންނަން ބޭނުން ނުވާކަމަށެވެ.

ލޮނީގެ ހާލަތު އިތުރަށް ބުނެދެމުން އޭނާ ބުނެފައިވަނީ އޭނާގެ އަތުގައި ފޯނެއް ނެތް ކަމަށާއި ކާނާއާއި ނިދާނެ ތަނެއް އެބަ ހުރި ކަމަށެވެ. އޭނާ ބުނީ ޑަސްބިންތަކުގައި ކާ އެއްޗެތި ހުންނާނެ ކަމަށާއި އެތަން މިތަނުން ކޮންމެވެސް ގޮތަކުން ފައިސާަ ލިބޭ ކަމަށެވެ.

ލޮނީ ގެއްލިފައިވަނީ 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހުއެވެ. ލޮނީ ފިލާފައި ވަނީ އޭނާގެ ރަހުމަތްތެރިއަކު އޭނާ ރިހެބަށް ފޮނުވާލަން އުޅުމުން އެކަމާއި ހިތްހަމަ ނުޖެހިގެންނެވެ. ރިހެބަށް ފޮނުވާލަން ޖެހުނީ މަސްތުވާތަކެތި ބޭނުންކުރާތީއެވެ.

ލޮނީ އެންމެ ފަހުން އަދާކޮށްފައިވާ ވަޒީފާއަކީ އެލްއޭ ކޮސްމެޓިކް ސާޖަރީ ސެންޓަރގެ އެސިސްޓެންޓެއްގެ ވަޒީފާއެވެ. ނަމަވެސް 2016ގައި ކުރިމަތިވި ''މެންޓަލް ބުރޭކްޑައުން''އެއްގެ ސަބަބުން އޭނާގެ ވަޒީފާއާއި އޭނާގެ ގެ ވެސް ގެއްލުނެވެ.