މަޝްހޫރު ރިއޯ ކާޓޫނުން ފެނިގެންދާ ނޫ ކުލައިގެ މަކާއުގެ ވައްތަރެއް ދުނިޔެއިން ނެތިގެން ގޮއްސި ކަމަށް ކަމާ ބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.

އަހަރުން އަހަރަށް ކޮންމެވެސް ބާވަތެއްގެ ދިރުމެއް އެއްކޮށް ނެތުމުން ދާއިރު މިހާރުވެސް ނެތެމުންދާ ލިސްޓުގައި އެތައް ޖަނަވާރެއް އަދި އެތައް ބާވަތެއްގެ ދޫންޏެއް ލިސްޓުކޮށްފައި އެބަ ހުއްޓެވެ.

މީގެ ހަތް އަހަރު ކުރިން ނެރުނު އެނިމޭޓެޑް ކާޓޫނެއް ކަމަށްވާ ރިއޯ ގައި ފެނިގެންދާ ނޫކުލައިގެ މަކާއު، ރިއޯ މިނެސޮޓާ އިން އުދުހިގެން ރިއޯ އަށް ދަނީ އެ ދޫނީގެ ނަސްލު ނެތި އެންމެ ފަހުގެ ދޫންޏަށް ވާތީ އެވެ. ނަމަވެސް ރިއޯ އިން ނޫކުލައިގެ އެ ސްޕީޝީސް ގެ އެހެން މަކާއު (ޖުވެލް) އަކާއި ބައްދަލު ވެއެވެ.

މީގެ ހަތް އަހަރު ކުރިން ނޫ މަކާއު ދުނިޔެއިން ނެތިގެން ގޮސްދާނެތީ ލިސްޓަށް ވަނީ ލާފައެވެ. އަދި މިއަހަރުގެ ޖެނުއަރީ މަހު ބާޑްލައިފް އިންޓަނޭޝަނަލް އިން ވަނީ މި ދޫނީގެ ނަސްލު ނެތިގެން ގޮސްފައިވާ ކަމަށް ހާމަކޮށްފައެވެ. މި ދޫނި އެއްވެސް ހިސާބަކުން ނުފެންނަތާ އެތައް ދުވަހެއް ވަނީ ވެފައެވެ.

ބޭރުގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި މި ދޫނި އާލާކުރުމަށް އެއްވެސް މަސައްކަތެއް ނުކުރެވޭ ކަމަށާއި މި ދޫނި ނެތިގެން ދާން ދިމާވި މައްސަލަ ތަކުގެ ތެރޭގައި ޖަންގަލިން ގަސްތައް ކެނޑުމާއި ދޫނި އުޅޭ ސަރަހައްދުގައި މީހުން އާބަދުވުން ހިމެނެއެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ނޫ މަކާއު ނެތިގެން ދާނެތީ މީހުން ހޭލުންރިކުރުވުމުގެ މަސައްކަތް 1980 ގެ އަހަރުތަކުން ފެށިގެން ކުރަމުން އައިސްފައިވެއެވެ. ނަމަވެސް މިފަދަ އިންޒާރުތައް ސީރިއަސްކޮށް ބަލާ ފަރާތްތައް މަދުކަމަށް އެފަރާތުން ވަނީ ބުނެފައެވެ.

ބާޑްލައިފް އިންޓަނޭޝަނަލް އިން ވަނީ އިތުރު ހަތް ވައްތަރެއްގެ ދޫންޏެއް ނެެތެން ކައިރިވެފައިވާކަން ހާމަކޮށްފައެވެ. އޭގެ ތެރެއިން ފަސް ދޫންޏަކީ ދެކުނު އެމެރިކާއަށް ނިސްބަތްވާ ދޫނީގެ ބާވަތްތަކެވެ.