ބޮލީވުޑްގެ މަޝްހޫރު ތަރި އާލިއާ ބަޓް ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

''ހިންދުސްތާން ޓައިމްސް'' އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އާލިއާ ވަނީ ކޮވިޑަށް ފައްސިވެ ގޭގައި ކަރަންޓީންކޮށްފައެވެ. މިކަން އޭނާ ވަނީ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކުރި ޕޯސްޓެއްގައި ހާމަކޮށްފައެވެ.

ދާދި ފަހުން އާލިއާގެ ލޯބިވެރިޔާ ރަންބީރް ކަޕޫރުވެސް ވަނީ މި ބައްޔަށް ފައްސިވެފައެވެ. ނަމަވެސް އޭރު އާލިއާ ވަނީ ބައްޔަށް ނައްސިވެފައެވެ. މިއީ އޭނާ މި ބައްޔަށް ފައްސިވި ފުރަތަމަ ފަހަރެވެ.

އާލިއާ ބުނެފައި ވަނީ ކޮވިޑަށް ފައްސިވުމާއެކު އޭނާ ވަނީ އަމިއްލައަށް ހޯމް ކަރަންޓީން ވެފައި ކަމަށާއި، އަދި މިހާރު އަންނަނީ ޑޮކްޓަރުންގެ ލަފަޔާއެކު ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުން ކަމަށެެވެ.

އާލިއާ ކޮވިޑަށް ފައްސިވެފައި ވާއިރު ބޮލީވުޑްގެ އެހެން ބައެއް ތަރިން ވެސް މިހާތަނަށް ވަނީ ކޮވިޑަށް ފައްސިވެ ފަރުވާ ހޯދައިފައެވެ.އޭގެ ތެރޭގައި ކުރީގެ މަޝްހޫރު ތަރި އަމީތާބް ބަޗަން އާއި އައިވާރިއާ ރާއީ އަދި އާމިރް ޚާން ވެސް ހިމެނެއެވެ.

އިންޑިއާ އިން ކޮވިޑަށް މީހުން ފައްސިވާ އަދަދު އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.