އަހަރެންގެ ކާފައަކީ މުޅި އާއިލާގެ އެންމެ އިސް މީހާއެވެ. ހަރުދަނާ ގޮތްތަކެއް ހުންނަ މީހެކެވެ. އެއް ގެއެއްގައި އެއް ތަށިމަތިން އާއިލާގެ މީހުން ކައިބޮއި ހެދުމަށް ނުހަނު ބާރު އެޅި މީހެކެވެ. ކާފަގެ ދަރިއަކު ކައިވެނިކޮށްގެން ވެސް އެހެން ގެއަކަށް ދާން ރުހޭ މީހެއް ނޫނެވެ.

އަހަރެންގެ އުމުރުން ފަނަރަ ފުރުނު ތަނާ ކާފަ ނިޔާވެއްޖެއެވެ. އޭރު އަހަރެން އުޅެނީ ނުވަވަނަ ކިލާހުގައެވެ. މުޅިގެއަށް މިކަމުން ފަޅުކަމެއް ވެރިވިއެވެ. ކުރިން ހުރި އުފާވެރިކަމާއި ޖޯޝް ގޭތެރެއިން ނެތި ދިޔަ ކަހަލައެވެ. މުޅިގެއަށް ފަޅުކަމެއް ވެރިވިއެވެ. ކާފަގެ ރަހުމަތްތެރިކަމުގައި ގެއަށް ވަދެއުޅުނު އަވަށުގެ ހަރުމީހުން ގެއަށް އައުން ހުއްޓިއްޖެއެވެ.

ކާފަ ނިޔާވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އާއިލާގެ އެންމެންގެ ފިޔަ ފެޅިހެން ހީވިއެވެ. ގޯތި ފޮތިފޮތި ކުރަން ބޭނުން ވެގެން މަންމައާއި އެއްބަޑު އެއްބަފާ މީހުން ތެޅިގަތެވެ. ދާދި އަވަހަށް މައްސަލަ ކޯޓަށް ވައްދައިފިއެވެ. ތަރިކަ މުދާބަހާ ގޯތި ބައިކުރުމީ ކިތަންމެ އެކުވެރި އާއިލާއެއްގެ ބައެއްގެ މެދުގައި ވެސް ނަފުރަތާއި ރުޅިވެރިކަން ފެށޭ ކަމެއްކަން އަހަރެންނަށް އިހުސާސް ކުރެވެން ފެށިއެވެ. ފުރަތަމަ ވައްބަހުން އެކިއެކި ބަސްތައް ރައްދުކުރަމުން ދިޔައެވެ. އެންމެ ދޮށީ މީހާއަށް އިސްކަން ދޭން ޖެހޭނެކަމުގެ އަޑުތަކެވެ. ދެމަގަށް ވާގޮތަށް ހުރިގެ ބަހާއިރު ކަންމަތީ ބައި ލިބެން ބޭނުން ވާކަމުގެ އަޑުތަކެވެ. ބޮޑުބޭބެއަށް އެތަން ލިބުން ލާޒިމުކަން އޭނާ ދިޔައީ ހާމަ ކުރަމުންނެވެ.

އަހަރެންގެ މަންމައަކީ ބަސްމަދު މީހެކެވެ. މުދަލާއި ފައިސާގެ ދަހިވެތިކަން ނެތް މީހެކެވެ. ގޯތި ބެހުމުގެ މައްސަލާގައި މަންމަގެ ދޮށްޓަށް ތިބި ދެ މީހުންގެ އަޑުލުންތަކަށް މަންމަ ދިޔައީ ބީރުކަންފަތެއް ދެމުންނެވެ. އަހަރެންނަކީ އެކަހަލަކަންތައް ދޫކޮށްލާ ހިތްވާ މީހެއް ނޫނެވެ. މަންމަގެ ކުދިންގެ ތެރެއިން އަހަރެންނަކީ އެންމެ ދޮށީ ކުއްޖާއެވެ. އަންހެން ކުއްޖަކަށް ވިއަސް މަންމަގެ ފަރާތުން ކޯޓަށް ދަނީ އަހަރެންނެވެ.

ކޯޓް މަރުހަލާ ނިމުނީ ދިހަ އަހަރުންނެވެ. އެހާ ދިގުމުއްދަތެއް ނެގީ މަންމަގެ އެއްބަޑު އެއްބަފާ ހަތް ކުދީންގެ ތެރެއިން މާލޭގައި ގޯތި ހުރި މީހުން މިގޯތިން ބިން ހޯދަން އުޅުމުންނެވެ. އެކަމުގައި އެކި ފަހަރު އެކިގޮތަށް ނިމެމުން ގޮސް އެންމެ ފަހުން އަހަރެމެން ބޭނުންވި ގޮތަށް އިންސާފުން ގޯތި ބައިކުރެވުނީ ތިން ބަޔަށެވެ. ނަސީބު ކަންދިމާކުރި ގޮތުން ގުރުއަތުން އަހަރެންގެ މަންމައަށް ލިބުނުބައި އޮތީ ދެމަގަށް ވާގޮތަށެވެ.

މަންމައަށް ލިބުނު ބަޔަކީ އަހަރެމެން އެއްބަޑު އެއްބަފާ ފަސްކުދިންނަށް ބައިބައި ކޮށްގެން ދިރިއުޅުވޭ ވަރުގެ ތަންކޮޅެއް ނޫނެވެ. ކިރިޔާ އެއްހާސް އަކަފޫޓު ހަމަވަނީއެވެ. ބައްޕަ އުމުރު ދުވަހު ކުރި މަސައްކަތުން އެއްކޮށްފައިހުރި ފައިސާކޮޅުން ތިން ކޮޓަރި ހަދައިގެން އުޅެން ފެށީއެވެ. އޭރު އަހަރެން ހުރީ ކައިވެންޏެއް ކޮށްގެންނެވެ. ދިރިއުޅެނީ ގޭގައެވެ. ދެން ތިބި ކުދިން ވެސް ކައިވެނި ކުރަން ބޭނުން ވެއެވެ. ނަމަވެސް ކޮންމެ ކުއްޖަކަށް ވަކި ކޮޓަރިއެއް ހެދޭކަށް ޖާގައެއް ނެތެވެ. ދެން އޮތް ހައްލަކީ އުސްކޮށް އިމާރާތެއް ހެދުމެވެ.

އަހަރެން ކައިވެނި ކުރީ އެދުވަސްވަރު މާލޭގައި ޚާއްސަކޮށް ކުޅިވަރުގެ ދާއިރާގައި ކްލަބެއް ހިންގުމުގެ މުގުލުގައި ހުރި މަސްހޫރު މީހަކާއެވެ. އޭނާގެ މަސައްކަތަކީ ކުލަބް ހިންގުމެވެ. ޚަރަދުކުރަނީ މުއްސަނދި ވިޔަފާރި ވެރިންނެވެ. އަހަރެންގެ ފިރިމީހާ ދިރިއުޅުމަށް ކުރާ މަސައްކަތަކީ ބޭރުން މުދާ ގެނެސްގެން ވިއްކުމެވެ. ދުވަސް ކޮޅަކުން ފިހާރައެއް ވެސް ހުޅުވައިފިއެވެ. ތިޔާގިކަން ދިޔައީ އިތުރު ވަމުންނެވެ.

ކުލަބް ހިންގުމަކީ ބައެއް މީހުންގެ ދެވަނަ ދިރިއުޅުންކަން އަހަރެންނަށް އިހުސާސް ވާން ފެށިއެވެ. ކުލަބްގެ ކަންކަމަށް ކުރިން ޚަރަދުކުރި މީހުން ޚަރަދު ކުރުން ހުއްޓައިލަން ފަށައިފިއެވެ. ކުލަބަށް ލިބޭ ކާމިޔާބީތައް މަދުވުމުގެ ސަބަބަބުންނެވެ. މި ދަނޑިވަޅުގައި ކުލަބު ހިފަހައްޓަން ޒިންމާ ނަގައިގެން ހުރީ އަހަރެންގެ ފިރިމީހާއެވެ. ކުލަބުގެ ރަން ޒަމާނުގައި އެހީވީ މީހުން ވެސް ބޭނުންވީ މަސްހޫރުކަމެވެ. އެކަން މިއަދު ވަނީ މާޒީއާ އެކުވެފައެވެ.

އަހަރެންގެ ފިރިމީހާގެ އަތުން ކޮންމެ މަހަކު ބޮޑު ޚަރަދެއް ކުލަބު ހިންގުމަށް ޚަރަދު ވާންފަށައިފިއެވެ. ހިންގަމުންދިޔަ ފިހާރަ ހުލިވެ ބަންދުކޮށްފިއެވެ. މީހުންގެ އަތުން ދަރަންޏަށް ފައިސާ ނަގަން ފަށައިފިއެވެ. އަހަރެންނަށް މިކަން އެނގުނީ އެތަކެއް ދުވަސް ވީ ފަހުންނެވެ. އޭރު އެތައް ލައްކަ ރުފިޔާއަކަށް އޭނާ ވަނީ ދަރާފައެވެ. އަހަރެން ނަސޭހަތް ދިނީމެވެ. އެކަމަކު ފުޓްބޯޅައިގެ ފޯރި ހިފާފައި ހުރިވަރުން ކުލަބު ދޫކޮށްލާކަށް އޭނާ ބޭނުމެއް ނުވިއެވެ. އަބަދު ވެސް އޭނާ ބުނަނީ މާދަން ރަނގަޅު ވާނެއެވެ.

އަހަރެންނަކީ ފެށުނީންސުރެން ވަޒީފާ އަދާކުރަމުންދާ މީހެކެވެ. އަހަރެންގެ ދާއިރާއަކީ އެކައުންޓްސްއެވެ. ވަޒީފާ އަދާކުރާ އޮފީހަކީ އެތައް ސަތޭކަ މުވައްޒަފުން އުޅޭ ތަނެކެވެ. މަސައްކަތް ބުރަ ތަނެކެވެ. ޒިންމާ ވެސް ބޮޑެވެ. ހިސާބުގެ ތެރެއަށް ވެދެވިފައި ހުރުމުން ފައިސާގައި މީހުންނަށް ޖެހޭ ދަންތުރަތަކުން ނެއްޓުމީ އުދަނގޫ ދަތި ކަމެއްކަން އަހަރެންނަށް ލިބިފައި ހުރި ތައުލީމާއި ތަޖުރިބާއިން އެނގެއެވެ. އަހަރެން އުޅޭ ކުންފުންޏަށް ވެސް އެތައް ބަޔަކު އޮންނަނީ އަބަދު ދަރާފައެވެ. ކޯޓްގައި ވެސް މައްސަލަތައް ހިނގަމުން ދެއެވެ.

ފައިސާއާއި މުދަލަކީ އިންސާނުން ދުވަހަކު ވެސް ހިތްފުރޭ އެއްޗެއް ނޫނެވެ. ހަމަ އެގޮތަށް ކުޅިވަރާ މަޖަލަކީ ވެސް މީހުން ގޯޅި އަޅުވާ ވާވައްދާ އެއްޗެކެވެ. އެކަން ދަންނަނީ މަދު ބަޔަކެވެ.

މީހެއްގެ އަތުން ނެނގި ފައިސާތަކެއްގެ މައްސަލާގައި މަކަރާއި ހީލަތް ހެދުމުގެ ކުށުގައި ފިރިމީހާ ޖަލުގައި ބަންދު ކޮށްފިއެވެ. އަހަރެންނަށް މިކަމުން ވަރަށް ފުން އަސަރެއް ކުރިއެވެ. ރައްޓެހިން ކުރާ ސުވާލުތަކުން ލަދުވެސް ގަނެއެވެ. ދޭނެ ޖަވާބެއް ނޭނގެއެވެ. އަހަރެންގެ ދެ ކުދިން ވެސް މިހާރު ތިބީ ބޮޑު ވެފައެވެ. އެ ކުދިން ވެސް އަހަރެންނާ އެތަކެއް ސުވާލު ކުރަމުންދިޔައެވެ. މި ކަންކަމާހެދި އޮފީހަށް ދާހާ ހިތްވަރު ނެތިގެން ޗުއްޓީއެއް ނެގީމެވެ.

ޖަލުގައި ފަނަރަވަރަކަށް ދުވަސް ވީ ފަހުން ފިރިމީހާ ގެއަށް ބަދަލު ކުރިއެވެ. އަހަރެން އޭނާއަށް ވިސްނާ ދެވޭތޯ ވަރަށް ގިނަ ނަސޭހަތް ދިނީމެވެ. ދެން ވެސް އެހެން ކަމެއްގައި އުޅުމަށެވެ. ދަރަންޏަށް ފައިސާ ނުނެގުމަށެވެ. ދިރިއުޅުން ފުނޑުފުނޑުވެ ބިކަވެ ހަލާކުވެދާނެ ކަމުގައެވެ. މި ގޮތަށް އަހަރެން އޭނާއަށް ނަސޭހަތް ދިނީ އޯގާތެރިކަމާއި ލޯތްބާ ކުލުނާ އެކު ގައެވެ. މިފަހަރު އަހަރެން ދެއްކި ވާހަކަތައް ކަނުލާ އަޑު އެހިއެވެ. އަދި އިސްލާހު ވީކަމަށް ބުނެ ވައުދުވިއެވެ.

ބަންދުން ސަލާމަތް ވެގެން އޭނާ ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ކުޑަ ގްރޫޕެއް ހެދިއެވެ. އެ މަސައްކަތުން އާންމު ދަނީ އިތުރުވެ ދިރިއުޅުން ފުދުންތެރި ވާންފެށިއެވެ.

އަހަރެންގެ މައިފުނަގެ ގިނަދުވަސްވެ ބާވެފައި ވާތީއާއި އެއްބަޑު އެއްބަފާ ކުދިން ގެ ހަދަން ބޭނުންވާ ވާހަކަ ދައްކަން ފަށައިފިއެވެ. އަދި އަހަރެންގެ ފިރިމީހާ ކޮންސްޓްރަކްޝަން މަސައްކަތް ކުރާތީ އޭނާ ލައްވާ ގެ ހެދުމަށް ވާހަކަ ދައްކާ ދިނުމަށް އެދުނެވެ. އަހަރެން މިކަމާއި ވަރަށް ވިސްނީމެވެ. ސަބަބަކީ ލޯނު ނަގައިގެން ގެ ހެދުމީ ވަރަށް ވިސްނާންޖެހޭ ކަމަކަށް ވާތީއެވެ.

އަހަރެންގެ އާއިލާގެ އެންމެންގެ ގަބޫލުގައި ބޭންކް ލޯނެއް ނެގުމުގެ ކަންކަން ފުރިހަމަ ކުރީމެވެ. އަދި އެކަމުގައި ފިރިމީހާ ވަރަށް ފޯރިއާ އެކުގައި އުޅުނެވެ. ލޯނު ލިބި މަސައްކަތް ފަށައިފިއެވެ. އެއްޝީޓް އަޅާ ދެވަނަ ސީޓްގެ ތަނބުތައް ޖެހިފަހުން މަސައްކަތް ހުއްޓިއްޖެއެވެ. ކުރިއަކަށް ނުދެއެވެ. އަހަރެންގެ އެއްބަޑު އެއްބަފާ ކުދިން އެކަމާއި ސުވާލު ކުރެއެވެ. އަހަރެން ފިރިމިހާއާއި އެކަމުގައި ވާހަކަދައްކަން އުޅުމުން މާބޮޑު ސަމާލުކަމެއް ނުދެއެވެ. އަބަދުވެސް ބުނަނީ ކުރިއަށް ދާނެއެވެ. ކޮންމެވެސް ބަހަނާއެއް ދައްކައެވެ. މަސައްކަތް ހުއްޓިފައި ހުންނަތާ ހަތަރު މަސް ފާއިތުވެއްޖެއެވެ. މިހާރު އެކަމުގެ ވާހަކަ ދައްކަން ފަށާއިރަށް އަންނަނީ ރުޅިއެވެ.

ބޭންކުން ނެގި ލޯނުގެ ގްރޭސް ޕީރިއަޑް ހަމަވެ ލޯން ދައްކަން އަންގައިފިއެވެ. ލޯނު ދައްކާނެ ފައިސާއެއް އަހަރެމެން އަތަކު ނެތެވެ. އިމާރާތް ކުއްޔަށް ދޭނަމޭ ބުނެ އެކި މީހުން އަތުން ފިރިމީހާ ވަނީ އެޑްވާންސަށް އެތައް ލައްކަ ރުފިޔާއެއް ނަގައިފައެވެ. އެމީހުން އަހަރެންގެ ފިރިމީހާ ގޮވައިގެން ފުލުހަށް ހިނގައްޖެއެވެ. ފުލުހުން ބަޔާން ނަގާފައި ދޫކޮށްލުމުން އޭނާ ރާއްޖެއިން ބޭރަށް ފުރައިފިއެވެ. އަހަރެންނަށް ޚަބަރެއް ނުވެ އެއްމަސް ދުވަސް ދިޔައެވެ.

ބޭންކުން އަހަރެމެންގެ ގޭގެ މައްސަލަ ކޯޓްގައި ހިންގަން ފަށައިފިއެވެ. ޒިންމާވަނީ އަހަރެންނާއި އާއިލާގެ މެންބަރުންނެވެ. ގޮތް ހުސްވެ އެންމެ ފަހުން ބޭންކުން ގެ ވިއްކައިލައިފިއެވެ.

އެ ދުވަހު ހަތަރުދަމު އަހަރެން ރުއީމެވެ. މިއަދު އަހަރެމެން އުފަންވި ރަށުގައި ބީރައްޓެހިންނަށް ވީއެވެ. ވަންނާނޭ ގެދޮރެއް ނެތެވެ. ކާފަ އެދުވަހު ދިން ނަސޭހަތް މިއަދު އަހަރެންގެ ސިކުނޑީގައި ގުގުމާލައެވެ. އަހަރެމެންގެ އާއިލާގެ އެންމެންގެ ނަފުރަތު އޮތީ އަހަރެންނަށެވެ. ފިރިމީހާގެ ވިޔާނުދާ ދިރިއުޅުމުން އަހަރެމެން އާއިލާގެ މުޅި ދިރިއުޅުން އެކޮޅުކޮޅުން ޖެހުނީއެވެ. ކާފައާއި މަންމަގެ ފަރާތުން ވާރުތަވި އަގުބޮޑު ބިންކޮޅު ވެސް ގެއްލުނީއެވެ. އަބަދަށް މައިފުނަގެއާއި ވަކިވީއެވެ. ގެ ހުންނަ މަގަށް އެރުނަސް މިއަދު ކުރަނީ އަސަރެވެ. އެގެ އެވަނީ މުޅިން އެހެން ބަޔެއްގެ މިލްކަކަށް ވެފައެވެ. ރީތި މޮޅު ރެސްޓޯރަންޓަކާއެކު އެތަކެއް ފަންގިފިލާގެ ރީތި އިމާރާތެކެވެ. ހަލާލު މުދަލެއް ބީވެގެން ދިޔައީ ހަމަ އެންމެ ކަމަކާ ގުޅިގެންނެވެ. މާއްދިއްޔަތަށް ގޮސް ހުސްވި މީހެއްގެ ސަބަބުންނެވެ. ދުރުމީހެއް ނޫނެވެ. އަހަރެންގެ ދެ ކުދިންގެ ބައްޕައެވެ. އަހަރެންގެ ފިރިމީހާއެވެ.

އަހަރެންގެ މައިފުނަގެ އަބަދަށް އަހަރެންމެންގެ އާއިލާއާ ވަކިވީއެވެ.