ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި އެޅި ފިޔަވަޅުތަކާއި އެކު އޮންލައިންކޮށް ކިޔަވައިދިނުމުގެ ސަޤާފަތެއް ވަނީ އަށަގަނެފައެވެ. ގޭގައި ތިބެގެން ކިޔަވަން ޖެހުމުން ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް އެންމެ ބޮޑު ތަކުލީފަކާއި ކުރިމަތިލާން ޖެހުނީ ފަގީރު ދަރިވަރުންނަށެވެ. ޚާއްސަކޮށް އިންޓަނެޓް އާއި ނެޓްވޯކް ނުލިބޭ ހިސާބުތަކުގައި ތިބި ކުދިންނާއި މޯބައިލް ފޯނު ނެތް ކުދިންނަށް އުގެނެން އުނދަގޫވެ ފަގީރު ހާލަތުގައި ދިރިއުޅޭ ކުދިންނަށް ތައުލީމު އުނގެނުމުގައި ވަނީ އެތައް ދަތިތަކެއް ދިމާވެފައެވެ.

މިފަދަ އުނދަގޫތަކާއި އެންމެ ބޮޑަށް ދިމާވާ އެއް ގައުމަކީ އަވަށްޓެރި އިންޑިއާއެވެ. އިންޑިއާގެ ދަރިވަރުންނަށް އޮންލައިންކޮށް ކިޔެވުމުގައި ދިމާވި ދަތިތައް ހައްލުކޮށްދިނުމަށް މުދައްރިސުން ދަނީ މަސައްކަތްކުރަމުންނެވެ. އަދި ދަރިވަރުންވެސް ދަނީ އެ އުނދަގޫތަކުން އަރައިގަތުމަށް ތަފާތު އެކި އުކުޅުތައް ހޯދަމުންނެވެ.

އެންމެ މަޝްހޫރުވި ވާހަކައަކީ އިންޑިއާގެ ހަރިޔަނާގެ މޯރނީގައި ދިރިއުޅެމުންދާ މީހުންނަށް އިންޓަނޭޓް ލިބުމުގައި ދަތިތައް ދިމާވުމުން، އެ މީހުންގެ ދަރިން ކިޔަވަން ވެގެން ގަހަށް އަރާ ވާހަކައެވެ. ދުވާލަކު އެތައް ފަހަރު ގަހަށް އަރައިގެން އިންޓަރނެޓް ހޯދައިގެން އެސައިންމެންޓްތައް ސަބްމިޓްކުރުން ކަހަލަ ކަންކަން އެ ދަރިވަރުން ދަނީ ކުރިއަށް ގެންދަމުންނެވެ.

މިފަހަރު ވެސް މިއޮތީ އެފަދަ އެހެން ވާހަކައެކެވެ. މިފަހަރު މިއޮތީ ދަރިވަރުންނަށް ކިޔަވައިދޭން މުދައްރިސުން ކުރާ މަސައްކަތުގެ މިސާލެކެވެ. ރަޖަސްތާން ހިސާބުގައި މުދައްރިސުން ދަނީ ދޮރުން ދޮރަށް ގޮސް އުނގަންނައިދެމުންނެވެ. މިގޮތަށް އުނގަންނާދޭން ދަނީ ޖަމަލުގައެވެ.

މިކަން ތަފާތުކަމަކަށް ވެގެން އެ ވާހަކަތައް މީޑިއާގެ ސަމާލުކަމަށް ވެސް ވަނީ އައިސްފައެވެ. ސްކޫލްތައް ބަންދުވެފައިވާ މި ހާލަތުގައި ސްމާޓް ފޯނު ނެތް ދަރިވަރުންނަށް އުގެނުން ވެފައި ވަނީ ރަޖަސްތާނުގައި ވެސް ވަރަށް ދަތިކަމަކަށް ވެފައެވެ.

ސަހަރާގައި މުދައްރިސުން ދަނީ ޖަމަލުގައި ދަތުރުކޮށްފައި ގޮސް ވަކިވަކި ދަރިވަރުންނަށް ކިޔަވާދިނުމުގެ މަސައްކަތް ކުރާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު