އެމެރިކާގެ ވާޖީނިއާގެ ފިރިހެނަކު ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަންހެން މީހާ ކައިރި މާގިނައިން ލޯބިވާ ވާހަކަ ބުނަން އަންހެން މީހާ މަޖުބޫރު ކުރުވާތީ އޭނާ އަށް ހަމަލާދީ މަރާލައިފިއެވެ.
30 އަހަރުގެ ޖޯސެފް ވަނީ އޭނާގެ ލޯބިވެރިޔާ އެލީ އަށް ހަމަލާދީ މަރާލި ކަމަށް އެއްބަސްވެފައެވެ.
ޖޯސެފް އެލީ އަށް ހަމަލާ ދިނީ އެލީ ދިރިއުޅެމުން ދިޔަ ގޭގެ ކައިރިންނެވެ. އެލީ އަށް ހަމަލާ ދިނުމަށް ފަހު ޖޯސެފް ވަނީ އެލީގެ ގަޔަށް ވިހަ އިންޖެކްޝަނެއް ވެސް ޖަހާފައެވެ.
ޖޯސެފް ކޯޓުގައި ބުނީ އެލީ މަރާލަން ޖެހުނީ އެލީ ދެކެ ލޯބިވާ ވާހަކަ ކޮންމެ ދުވަހަކު އެތައް ފަހަރަކު ބުނަން އެލީ މަޖުބޫރު ކުރުވާތީ ބޮލަށް އުނދަގޫ ވެގެންނެވެ.
ޖޯސެފްގެ އަމިއްލަ އިއުތިރާފުން އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ފަނޑިޔާރު ވަނީ ނިންމަވާފައެވެ. ނަމަވެސް އޭނާގެ މައްޗަށް އަދި ޙުކުމެއް ނީއްވައެވެ.