މަނީ ހައިސްޓުގެ ކުރިއަށް އޮތް ސީޒަންގެ އިންތިޒާރުގައި ފޭނުން ތިބި އިރު މަނީ ހައިސްޓްގެ ފޯރި އެކި އިންޑަސްޓްރީތަކުން ދަނީ ފެންނަމުންނެވެ. މަނީ ހައިސްޓް ސީޒަން ފަހެއް ރިލީޒްކުރަން މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށް ބޮލީވުޑް އާއި މަނީ ހައިސްޓުގެ ފޭނުންނަށް މިވަނީ ރަނގަޅު ހަދިޔާ އެއް ލިބިފައެވެ.

ނެޓްފްލިކްސް އިންޑިއާ އިން ވަނީ މަނީ ހައިސްޓްގެ އެންތެމް ލަވައެއް ރިލީޒްކޮށްފައެވެ. މި ލަވައިން އިންޑިއާގެ މަޝްހޫރު ތަރިން ފެނިގެންދެއެވެ. އޭގެ ތެރޭގައި އަނިލް ކަޕޫރް، ރާދިކާ އާޕްޓޭ، ރާނާ ދަގުބަޓީ އަދި ޝްރޫތީ ހަސަން ފާހަގަކޮށްލެވެއެވެ.

މި މިއުޒިކް ވީޑިއޯ އިން މަނީ ހައިސްޓާއި ގުޅުން ހުރި ބައެއް ކަންކަން ފެނިގެންދެއެވެ. އޭގެ ތެރޭގައި ޝްރުތީ ފެންނަ މަންޒަރުން ފެންނަނީ އޭނާ ނައިރޯބީ އާއި އެއްގޮތަށް މަލެއް ހިފައިގެން ހުންނަ މަންޒަރެވެ. އެއީ އެ ކެރެކްޓަރ މަރުވުމަށް ފަހު ފެންނަ ގޮތެވެ. އެ މަންޒަރު ފެންނަނީ އެ ސީރީޒްގެ ހަތަރު ވަނަ ސީޒަންގައެވެ.

އެ ލަވައިން ޑެންވާ އާއި އެއްގޮތަށް އަނިލް ކަޕޫރު ނަށާ މަންޒަރު ވެސް ފެށިގެންދެއެވެ. ރާދިކާ އާއި ވިކްރާންތް މަސޭ އެ ވީޑިއޯ އިން ފެނިގެން ދާއިރު އެ މީހުން އަރްތޫރޯ މަރުވާން ބޭނުންވާކަން ފާހަގަކުރެއެވެ. އެއީ ޝޯގެ ގިނަ ފޭނުން ބޭނުންވާ ކަމެކެވެ.

ސްޕެނިޝް ކްރައިމް ޑްރާމާ ލަ ކަސަ ޑަ ޕަޕެލް ނުވަތަ މަނީ ހައިސްޓްގެ ޓްރެއިލާ ވަނީ އާއްމުކޮށްފައެވެ. އަދި ފޭނުން ތިބީ މި ސީރީޒް ބަލާ ހިތުން ކެތްމަދު ވެފައެވެ.

ސީޒަން 5 ގެ ފުރަތަމަ ބައި ސެޕްޓެމްބަރު މަހުގެ ތިން ވަނަ ރިލީޒް ކުރާ އިރު، ދެ ވަނަ ބައި ގެނެސްދޭން ތާވަލް ކޮށްފައިވަނީ އޭގެ ތިން މަސް ދުވަސް ފަހުން ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހު ކަމަށެވެ. މިއިން ކޮންމެ ބައެއްގައި ހިމެނެނީ ފަސް އެޕިސޯޑެވެ.

މި ސީރީޒުން ފެނިގެން ދަނީ، ޕްރޮފެސަރެއްގެ މާސްޓާ ޕްލޭންގެ ދަށުން ކުށްވެރިންތަކެއް ފައިސާ ހޯދައި، އޭގެ ފަހުން ފުލުހުންނާއި ދެމެދު ހިނގާ ކަންކަމެވެ. މި ސީރީޒްގެ ތަރިންނަށް ނަން ދީފައި ވަނީ ދުނިޔޭ އެކި ގައުމުތަކުގެ ސިޓީތަކަށް ކިޔާ ނަމެވެ. މަނީ ހައިސްޓުގައި ގިނަ ބަޔަކު ދަހިކޮށްލާ ކަމަކީ ކޮންމެ ސީރީޒް އެއްވެސް ނިމޭއިރު ދެން ވާނެ ގޮތެއް އާދަޔާ ޙިލާފަށް ބޮޑަށް ބަލަން ބޭނުންވެފައި ތިބުމެވެ.

ތަފާތު އެކި އިހުސާސްތައް ދައްކުވައިގެން އުފައްދާފައިވާ މަނީ ހެއިސްޓް ނުވަތަ ލަ ކަސާ ޑެ ޕަޕެލް ގެ ފަސްވަނަ ސީޒަން އަދި އެންމެ ފަހުބައި ނެރޭނެ ކަމަށް ބެލެވެނީ 2021 ގެ މެދުތެރޭގައިއެވެ. ފަހު ސީޒަންގައި 10 އެޕިސޯޑް ހިމެނޭއިރު މި އެޕިސީޑްތައް ކުޅެފައި ވަނީ ސްޕެއިން، ޕޯޗުގަލް އަދި ޑެންމާކުގައިއެވެ. މި ސީރީޒް އަކީ އެލެކްސް ޕިނާ ލިޔެފައިވާ އަދި އޭނާ ޑައިރެކްޓުކުރާ ސީރީސްއެކެވެ.

ސްޕެނިޝް ސީރީސްއެއް ކަމަށްވާ މަނީ ހެއިސްޓްގެ ފުރަތަމަ ސީޒަން ރިލީޒް ކުރީ 2017 ވަނަ އަހަރުގެ މެއި 2 ގައިއެވެ. ބެލުންތެރިންގެ ސަމާލުކަން ލިބިގެންދާގޮތަށް ކުޅެފައިވާ މި ސީރީސްއަށް މިހާތަނަށް ގިނަ އެވޯޑުތަކެއް ލިބިފައިވާ އިރު އޭގެ ތެރޭގައި އެމީ ގެ ބެސްޓް ޑްރާމާ ސީރީޒް 2018 ފަދަ އެވޯޑްތައް ހިމެނެއެވެ.