ދިގު އިންތިޒާރަކަށްފަހު މެޓްރިކްސްގެ އާ ފިލްމެއް އުފައްދަން ތައްޔާރުވެއްޖެއެވެ.

މެޓްރިކްސްގެ ހަތަރުވަނަ ފިލްމެއް އުފެއްދުމުގެ މަސައްކަތް ފަށާފައިވާއިރު މިފަހަރު ނެރޭ ފިލްމަށް ކިޔަނީ ދަ މެޓްރިކްސް:ރިސަރެކްޝަންއެވެ. އެމެރިކާގެ ލަސް ވެގަސްގައި އޮތް ސިނެމާކޮން އިވެންޓުގައި މެޓްރިކްސްގެ އާ ފިލްމުގެ ނަން އިއުލާން ކުރީ ވާނާ ބްރޮސްއެވެ.

މީގެ އަހަރުތަކެއް ކުރިން ގިނަ ބައެއްގެ ތެރޭގައި މަގުބޫލުކަމެއް ހޯދާފައިވާ މެޓްރިކްސް އަކީ ސައިންސް ފިކްޝަން ސީރީސްއެކެވެ. މެޓްރިކްސްގެ އާ ފިލްމު ރިލީޒްކުރާނެ ތާރީހެއް ކަމަށް ބެލެވެނީ މި އަހަރުގެ ފަހުކޮޅުގައެވެ.

މެޓްރިކްސްގެ ފުރަތަމަ ފިލްމު ރިލީޒްކޮށްފައި ވަނީ 1999 ވަނަ އަހަރުގައި އެވެ. އޭގެ ފަހުން މެޓްރިކްސްގެ ދެ ފިލްމެއް ނެރެފައިވާއިރު އެދެފިލްމުވެސް ރިލީޒް ކުރީ 2003 ވަނަ އަހަރުގައި އެވެ. އޭގެ ފަހުން މި ފިލްމާއި ގުޅުވައިގެން އާ ފިލްމެއް ނުނެރި ހުއްޓާ 2010 ވަނަ އަހަރުވެސް އާ ފިލްމެއް ނެރެން އުޅޭކަމުގެ އަޑު ފެތުރުނެވެ.

މިފަހަރު ނެރޭ މެޓްރިކްސްގެ އާ ފިލްމުގެ ޓްރެއިލާވެސް މިހާރު ދައްކާލާފައިވާއިރު މި ފިލްމުން ފެނިގެންދާނެ ތަރިންނަކީ ކީނު ރީވްސް، ކެރީ އޭން މޮސް، ޖޭޑް ޕިންކެޓް ސްޕިތް އެވެ. އަދި އާ މޫނުތައްވެސް މިފަހަރުގެ ފިލްމުގައި ފެނިގެންދާނެ އެވެ. އޭގެ ތެރޭގައި ބޮލީވުޑްގެ ފިލްމީތަރި ޕްރިޔަންކާ ޗޯޕްޅާ، ޔަހްޔާ އަބްދުލް މަތީން، ނެއިލް ޕެޓްރިކް ހެރިސް އަދި އިތުރު ތަރިންވެސް ފެނިގެންދާނެ އެވެ.

މެޓްރިކްސްގެ މިފަހަރުގެ އާ ފިލްމަށްވެސް ބޮޑު ތަރުހީބެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. އަދި ގިނަ މޫނުތަކެއް މިފަހަރުގެ ފިލްމުން ފެނިގެންދިއުމުން މި ފިލްމަށް އިންތިޒާރުކުރެވޭމިންވަރުވެސް އިތުރުވާނެކަމަށް ބެލެވެއެވެ.