އެންސީބީއިން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ބޮލީވުޑުގެ ސުޕަރ ސްޓަރ ޝާަހުރުކް ޚާންގެ ދޮށީ ދަރިފުޅު އާރްޔަން ޚާންގެ މައްސަލައިގައި އެ މީހުން ދިރިއުޅޭ ގެ ބަލައި ފާސް ނުކުރަން ނިންމައިފިއެވެ.

އެންސީބީއިން ވަނީ މި މައްސަލައިގައި އާރްޔަންއާއި އެކު ދިހަ މީހަކާއި ސުވާލުކޮށްފައެވެ. އަދި މި މީހުން ވަނީ އެއްދުވަހަށް ހައްޔަރު ކޮށްފައެވެ.

މި މައްސަލައާއި ގުޅިގެން އާރްޔަން ޚާން ދިރިއުޅޭ ޝާހުރުކް ޚާންގެ ގެ ''މަންނަތު'' ބަލައި ފާސް ކުރުމަށް އެންސީބީއިން ނިންމާފައިވާ ކަމަށް ރިޕޯޓްތަކުގައި ބުނެފައިވީ ނަމަވެސް އެންސީބީއިން ވަނީ އެކަން ދޮގު ކޮށްފައެވެ.

''ޓައިމްސް އޮފް އިންޑިޔާގައި'' ޝާއިޢު ކޮށްފައިވާ ރިޕޯޓެއްގައި އެންސީބީއާއި ހަވާލާދީ ބުނެފައިވަނީ ޝާހުރުކް ޚާންގެ ގެ ބަލައި ފާސް ކުރުމަށް އެންސީބީ މީހުން ނުދާނެ ކަމަށެވެ.

މުމްބާއީ ކުރޫޒަކުން މަސްތުވާތަކެތި ގެންގުޅޭ ކަމަށް ބުނެ ކުރިއަށްގެންދިޔަ އެ އޮޕަރޭޝަނާއި ގުޅިގެން އާރްޔަން ޚާންގެ ވަކީލު ކޯޓުގައި ބުނެފައިވަނީ އާރްޔަން ޚާނާއި ކުރޫޒުގައި މަސްތުވާ ތަކެތި ގެންގުޅުމާއި އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އާރްޔަން އެ ދަތުރުގައި ބައިވެރިވީ ހަމައެކަނި މެހެމާނެއްގެ ގޮތުގައި ކަމަށް ބުނެފަ ވެއެވެ.

ކޯޓުގައި ވާހަކަ ދައްކަމުން ވަކީލު އިތުރަށް ބުނެފައިވަނީ މަސްތުވާ ތަކެތީގެ އެއްވެސް ބާވަތެއް އާރްޔަންގެ އަތުން ފެނިފައި ނުވާ ކަމަށާއި މަސްތުވާ ތަކެތި ބޭނުން ކޮށްފައި ހުރި ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށެވެ.

އެއްދުވަހަށް އެންސީބީގެ ބެލުމުގެ ދަށުގައި އާރްޔަން ބެހެއްޓި ނަމަވެސް ވަރަށް އަވަހަށް ކަފާލާތުގެ ދަށުން އާރްޔަން ސަލާމަތް ކުރުމަށް ކޯޓަށް ހުށަހަޅާނެ ކަމަށް ވެސް ވަކީލު ބުނެފައިވެއެވެ.

މި މައްސަލައާއި ގުޅިގެން އެންސީބީގެ ޗީފް އެސްއެން ބުނެފައިވަނީ ވަރަށް ހަރުކަށި އަދި ފުންކޮށް މި މައްސަލަ ތަހުގީގު ކުރާނެ ކަމަށެވެ.