ބޮލީވުޑް އާއި މަސްތުވާތަކެއްޗާއި ގުޅުން އޮތް މިންވަރު މިއީ މިހާރު އާ ވާހަކައެއް ނޫނެވެ. އަރަމުން އައި ބޮލީވުޑްގެ ތަރި ސުޝާންތު ސިންގ ރާޖްޕޫތްގެ މަރާއި އެކު ހިލިގެން އައި ބޮލީވުޑްގެ އަނދިރިފަރާތުގެ ތެރެއިން ގިނަ ބަޔަކަށް އެންމެ ބޮޑު ހައިރާންކަމެއް ލިބުނު ކަމަކީ ޑްރަގްގެ ބޮޑެތި ވިއުގަތަކާއި ބޮލީވުޑާއި ގުޅުން އޮތް މިންވަރެވެ. އެގޮތުން ސައިފް އަލީހާންގެ ދަރިފުޅު ސާރާ އަލީ ހާން އާއި ސުޝަންތް ސިންގގެ ލޯބިވެރިޔާ ރިޔާ ޗަކްރޮބަތީގެ އިތުރުން ދިޕިކާ ޕަޑުކޯން ފަދަ ފުންނާބު އުސް ފަންނާނުންވެސް ޑްރަގްގެ މައްސަލަ އާއި ގުޅިގެން ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައިވެއެވެ.

ދުވަސްކޮޅަކަށް ފަހު މި މައްސަލައިގެ ތަހުގީގު ފިނިވެފައި ވަނިކޮށް ބޮލީވުޑްގެ މަސްތުވާތަކެތީގެ "ޑްރާމާ"ގެ ވާހަކަ އަނެއްކާވެސް ވަރަށް ބާރަށް މިވަނީ ދެކެވެން ފަށާފައެވެ. ސަބަބަކީ ބޮލީވުޑަށް ނުކުންނަން ފައި ނަގައިގެން ހުރި އާރްޔާން ޚާން އާއި މަގްބޫލު އާއިލާތަކަށް ނިސްބަތްވާ އޭނާގެ ބައެއް އެކުވެރިން މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރުމެވެ. ބޮލީވުޑްގެ ރަސްގެފާނު ކިންގްހާންގެ ދަރިފުޅު އާރްޔަން ހައްޔަރު ކުރި ޚަބަރު އިންޑިއާގެ މީޑިއާތަކުގެ ފަލަ ސުރުހީތަކަށް އަރާފައި ވާއިރު މި ހާލަތުގައި ޝާހު އަށް އެންމެ ފުރަތަމަ އެހީވާން އަތްދިއްކޮށްލި މީހަކީ ބޮލީވުޑްގެ އެންމެ މަގްބޫލު އެއް ޝަހުސިއްޔަތުކަމަށްވާ ސަލްމާން ހާންއެވެ.

ސަލްމާން ވަނީ އާރްޔަން ހައްޔަރު ކުރި ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ޝާހުގެ ގެއަށް ގޮސްފައެވެ. ދެން ފެނުނު މަންޒަރަކީ އާރްޔާންގެ ދިފާއުގައި މަޝްހޫރު ލޯޔަރު ސަތީޝް މަނީޝިންޑޭ ހަރަކާތްތެރިވާ މަންޒަރެވެ. ބެލެވޭ ގޮތުން އާރްޔަން އަށް ވަކީލަކު ހަމަޖައްސާ ދިނުމުގައި އެހީތެރިވެދިނީ ސަލްމާންއެވެ.

ސަތީޝް އަކީ ބޮލީވުޑްގެ ތަރިން ކުރާ ކުށްތަކުން އެ މީހުން ދިފާއު ކޮށްދިނުމުގެ މާޒީ އެއް އޮތް ވަކީލެކެވެ. އެގޮތުން މަސްތުވާތަކެއްޗާއި ނިރުބަވެރިކަމުގެ ތުހުމަތުކުރެވުނު މަޝްހޫރު އެކްޓަރ ސަންޖޭ ދަތް އަށް އޭނާ ވަނީ މީގެ ކުރިން ވަކާލާތުކޮށްދީފައެވެ. އަދި މަސްތުގެ ހާލަތުގައި ހުރެ ސަލްމާން އޭނާގެ ކާރު ދުއްވާފައި ދަނިކޮށް އެ ކާރުން ޖެހި މީހަކު މަރުވި މައްސަލައިގައި ސަލްމާންގެ ވަކީލަކީ ވެސް ސަތީޝްއެވެ. ނުވިތާކަށް ޑްރަގްގެ މައްސަލަ އާއި، ފައިސާ އަށް ހިޔާނާތްތެރިވުމާއި، ސުޝާންތުގެ މަރުގެ މައްސަލައިގައި ސީރިއަސް ތުހުމަތުތަކެއް ކުރެވޭ ރިޔާގެ ވަކީލުންގެ ޓީމުގައި ވެސް ސަތީޝް ހިމެނެއެވެ.

މި ސަބަބާއި ހުރެ ބައެއް އާއްމުން ދަނީ ސަތީޝް އަށް ވަރަށް ފާޑުކިޔަމުންނެވެ. އަދި ނިކަމެތިންނަށް ކުދި ކުށްތަކުގައި ބޮޑެތި އަދަބުތައް ލިބޭ އިރު ފައިސާ ހުރި، ނުފޫޒު ގަދަ މީހުން ކުރާ ބޮޑެތި ކުށްތަކަށް އަދަބު ނުލިބެނީ ސަތީޝް ފަދަ އަހުލާގެއް ނެތް، ނަޒާހަތްތެރިކަމެއް ނެތް ވަކީލުންގެ ސަބަބުން ކަމަށް ބުނެ މީޑިއާ އާއި އާއްމުންގެ ފާޑުކިޔުން ވަނީ އޭނާ އަށް އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަނީ ޝިންޑޭ

    އެހެންތާވާނީ ނަންވެސް އެއޮތީ ރިޝްވަތާ ގުޅިލާމެހިފަ

    3
    1
  2. އުންސުރު

    ތިޔަވައްތަރުގެ މީހަކު މިގައުމުގަވެސް އެބައުޅޭ އެކަމަކު އެކަލޭގެޔައް ކިޔަނީ

  3. ބަރަބޯ

    ޢެއީ ޕީޖީ ކަމުނުދަނީ / އުންސުރު ހަމަނުކުރާތީވެ ވަކީލުން އޭވެފައިދާ ނަގަން ލިބެނީ /

    3
    1