ބޮލީވުޑުގެ ސުޕަރ ސްޓަރ ޝާހުރުކް ޚާންގެ ދޮށީ ފިރިހެން ދަރިފުޅު މަސްތުވާ ތަކެތީގެ މައްސަލައެއްގައި ހައްޔަރު ކުރުމާއި އެކު ބޮލީވުޑު ފަންނާނުން ޝާހުގެ ގެއަށް ޒިޔާރަތް ނުކުރުމަށް ޝާހުގެ ޓީމުން އެދެފިއެވެ.

ޝާހުރުކް ޚާންގެ ދަރިފުޅު އުމުރުން 23 އަހަރުގެ އާރްޔަން ޚާންގެ މައްސަލައިގެ ތަހުގީގު ކުރިއަށް ދާތީ، ސެކިޔުރިޓީ ސަބަބުތަކަށްޓަކައި އިންޑަސްޓްރީގެ ޝާހުގެ ރަހުމަތްތެރިން ޝާހުގެ ގެ މަންނަތުއަށް ޒިޔާރަތް ނުކުރުމަށް ޝާހުގެ ޓީމުން އެދިފައިވެއެވެ.

މީސް މީޑިޔާގައި ޝާހުގެ އިންޑަސްޓްރީގެ ރަހުމަތްތެރިންނާއި، ސަޕޯޓަރުންނާއި ހެޔޮ އެދޭ ފަރާތްތަކުން އޭނާއަށް ހިތްވަރުދެމުން ދާއިރު ޝާހުގެ ގެއަށް އައިސް އޭނާއާއި ބައްދަލު ކުރުމަށް ވެސް އެތައް ބަޔަކު ތިބީ ތައްޔާރަށެވެ.

ނަމަވެސް ތަހުގީގު އަދި ނުނިމޭތީ، ސެކިޔުރިޓީ ސަބަބުތަކަކަށްޓަކައި ޝާހުގެ ގެއަށް ޒިޔާރަތް ނުކުރުމަށް ޝާހުއާއި އޭނާގެ ޓީމުން އެދިފައިވާ އިރު އެއްވެސް މީހަކާއި ބައްދަލު ކުރަން ވެސް ޝާހު ބޭނުމެއް ނުވެއެވެ.

އާރްޔަން ވަކީލު، ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލުމަށް އެދުނު ނަމަވެސް އިއްޔެ ކޯޓުގައި އޮތް އަޑުއެހުމުގައި ވަނީ އޭނާގެ ބަންދަށް އިތުރު ތިން ދުވަސް ޖަހާފައެވެ.

މައްސަލަ ތަހުގީގު ކުރަމުންދާ އެންސީބީއިން ބުނެފައިވާ ގޮތުގައި މަސްތުވާ ތަކެތި ގަތުމަށް ބޭނުން ކޮށްފައިވަނީ ކްރިޕްޓޯ ކަރަންސީއެވެ. އަދި އާރްޔަންގެ ވަޓްސްއަޕް މެސެޖުތަކުގައި ކޯޑު ލަފުޒުތައް ބޭނުން ކޮށްފައިވާ ކަމަށާއި ފައިސާ މުޢާމަލާތްތައް ކުރުމަށް ވެސް ކޯޑު ލަފުޒުތައް ބޭނުން ކޮށްފައިވެއެވެ.

އާރްޔަން ޚހައްޔަރު ކުރުމާއި އެކު ބޮލީވުޑުގެ އެތައް ފަންނާނުންނެއް ދަނީ ޝާހުރުކް ޚާނަށް ހިތްވަރުދީ، އާރްޔަންގެ އެއްވެސް ކުށެއް ނެތް ކަމަށް ބުނަމުންނެވެ.