އެއީ އަހަރެންގެ އެންމެ ޒުވާން ދުވަސްވަރެވެ. އަހަރެންގެ މައިންބަފައިންގެ ހުންނަނީ އަހަރެން އެކަންޏެވެ. އެހެންކަމުން އަހަރެންގެ މައިންބަފައިން އަހަރެން ދެކެ ވަރަށް ލޯބިވާނެއެވެ. އަަހަރެންގެ މައިންބަފައިންނަކީ ތަނަވަސް ބައެއް ކަމުން އަހަރެން ދިރިއުޅެމުން އައީ ވަރަށްވެސް ފުދިގެން ތަނަވަސް ދިރިއުޅުމެކެވެ. ދުވަހުގެ ބޮޑު ބައެއް ހޭދަ ކުރަނީ ކުޅިވަރާއި މަޖަލާއި ސަކަރާތުގައެވެ. މިހެން އުޅޭއިރު ނަމާދު ކުރުމަށް އަހަރެން އެއްވެސް ފަރުވާލެއް ނުބަހައްޓަމެވެ. ގިނަ ފަހަރު ހުކުރަށްވެސް ދަނީ އެހެން ރަށްޓެހިން ދާތީއެވެ.

މިގޮތުގައި ދުވަސްތައް ފާއިތުވަމުން ގޮސް އަހަރެން ކައިވެނީގެ ގޮތުން މީހަކާ ގުޅުމަށް ނިންމީމެވެ. އެއީ އަހަރެން ބޭނުންވެގެންނެއް ނޫނެވެ. އެހެނަސް އަހަރެންގެ މައިންބަފައިން އަހަރެން ކައިވެނިކުރަން ކުއްޖަކު ހޯދައިފައިވުމުން އެކަމާ އިންކާރު ނުކުރުމުގެ ގޮތުންނެވެ. އެހެން ކަމުން ކައިވެނީގެ ކުރިން އަހަރެން ކައިވެނި ކުރަން އުޅޭ ކުއްޖާއާއި ބައްދަލުކުރަން ފެށީމެވެ. ކުޑަކޮށް އެކަކު އަނެކަކު ދަސްކުރުމުގެ ނިޔަތުގައެވެ. އަހަރެމެންގެ ބައްދަލުވުންތައް އެކި ދުވަހު އެކި ތަންތާގައި ކުރިއަށް ދިޔައެވެ.

އަހަރެމެން ބައްދަލުކުރަން ފެށިތާ ހަފްތާއެއް ނުވަނީސް އަހަރެމެންގެ ކައިވެނި ކުރެވުނެވެ. އަދި ކައިވެންޏަށް ފަހު އަހަރެމެން ބައްޕަ ހަދިޔާއެއްގެ ގޮތުގައި ދިން ގެއަށް ބަދަލު ވީމެވެ. ބައްޕައަކީ އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ ހީވާގި ހިންގުންތެރިއެވެ. އެހެންކަމުން ފުރަ މާލޭގައި ބައްޕަގެ ހިއްސާ އޮންނަ ގޭގެ ވަރަށް ގިނަ ވާނެއެވެ.

ކައިވެންޏަށް ފަހުވެސް އަހަރެންގެ ކުރީގެ އުޅުމަކަށް ކުޑަވެސް ބަދަލެއް ނައެވެ. ހަމަ ސަކަރާތާއި މަޖަލުގައެވެ. ރޭގަނޑު ގެއަށް އަންނަނީވެސް އެހާ ލަހުންނެވެ. މިކަމާއި އަހަރެންގެ އަންހެނުން ހިތްހަމަނުޖެހި އެކަން އެގޮތަށް ނުކުރުމަށް އަހަރެންނަށް ނަސޭހަތްތެރިވިއެވެ. އަދި ކުޅިވަރާއި މަޖަލުގައި އުޅުމަށް ވުރެން އަޅުކަންތައް ކުރަން އަހަންނަށް އެންގިއެެވެ. ނަމަވެސް އަންހެނުންގެ އެ ނަސޭހަތުގައި އަހަރެން ކޮޅުފައިން ޖެހީމެވެ. އަޅުކަން ކުރަންޏާ ކަލޭ ކުރާށޭ ކިޔާ އަނބީމީހާ ދެރަ ކޮށްލީމެވެ.

އެއްދުވަހެއްގެ މެންދުރުގެ ވަގުތެވެ. ނިދިން ހޭލައިގެން އަހަރެން އިނީ ސޯފާގައެވެ. ކުއްލިއަކަށް އަހަރެންެގެ ފޯނު ރިންގްވާން ފެށިއެެވެ. ގުޅީ އަހަރެންގެ މަންމައެވެ. އެއިރު އަހަރެންމެ މަންމަގެ އަޑުގައި ކެކުޅުން ހުއްޓެވެ. "ދަރިފުޅާ.. ބައް. ބައް، ބައްޕަ ނިޔާވެއްޖެ..." މަންމަ އެހެން ބުނުމާއި އެކު އަހަރެންގެ އަތުން ފޯނު ދޫވިއެވެ. އަދި ބައްޕާއޭ ކިޔާ ދެފަޔަށް ބާރުލާފައި ހޮސްޕިޓަލާއި ދިމާއަށް ދުއްވައި ގަތީމެވެ. އަހަންނަށް ހޮސްޕިޓަލަށް ދެވުނު އިރު އެނތާގައި ގިނަ އަދަދަކަށް ބައްޕަގެ ތިމާގެ މީހުންނާއި ރައްޓެހިން ތިއްބެވެ. އެއިރު އަހަރެންގެ މަންމަ ހުރީ ތިމާގެ މީހެއްގެ ކޮނޑުގައި ބޯ އަޅައިގެން ރޯށެވެ. އަހަރެން މަންމަ ކައިރިއަށް ގޮސް ބައްޕައަށް ވީގޮތް އެހުމުން ކުއްލިއަކަށް ހުރެފަ މަރުވީ ކަމަށް ބުންޏެވެ.

3 ގަޑިއިރު ހޮސްޕިޓަލުގައި ބައްޕަ ބޭއްވުމަށް ފަހު އާސަހަރާއަށް ގެންގޮސް ކަށުކަމާކެމީގެ ކަންތައް ކުރުމަށްފަހު ވަޅުލެވުނެވެ.

އެރެއެެވެ. އަހަންނަށް އެއްގޮތަކަށްވެސް ނުނިދުނެވެ. ހަމަ ނިދޭއިރަށް ފެންނަނީ ބިރުވެރި ސިފައެއްގައި ހުންނަ އެއްޗެކެެވެ. އެ އެތި އަހަންނަށް އިސްލާހުވާން އަންގައެވެ. ދެން އެއަށްފަހު ގެެއްލެނީއެެވެ.

ބައްޕަ ނިޔާވި ރެއަށްފަހު ކޮންމެ ރެއަކުވެސް މިފަދައިން އަހަންނަށް ހުވަފެން ފެނެއެވެ. އެގޮތުން މިއީ އެ ހުވަފެން އަހަންނަށް ފެންނަތާ ފަސްވަނަ ރެއެވެެ. ހަމަ އެއް ހުވަފެނެކެވެ. އެއް ވާހަކައެކެވެ. އަހަންނަށް އެ ހުވަފެން ފެންނާތީ އަހަރެންގެ އަންހެނުންނާއި އެވާހަކަ ހިއްސާކުރީމެވެ. ނަމަވެސް އަންހެނުންގެ ފަރާތުން އަހަންނަށް ލިބުނީ އަހަރެން ހީވެސް ނުކުރާ ފަދަ ޖަވާބެވެ. އަންހެނުން އަހަންނަށް ބުނީ ނަމާދުކޮށް ޤްރުޢާން ކިޔެވުމަށާއި މާތް ﷲ ޒިކުރު ކުރުމަށެވެ. އަންހެނުން އެހެން ބުންޏަސް އަހަރެން އެކަން ކުރާނީ ކިހިނެއް ހެއްޔެވެ؟ އަހަންނަކީ އެންމެ ކުޑައިރުއްސުރެއްވެސް ނަމާދަށް ފަރުވާކުޑަކުރި މީހެކެވެ. އެހެންކަމުން މިފަހަރުވެސް އަންހެނުންގެ ބުނުމަށް އަހަރެން ދިނީ ބީރު ކަންފަތެކެވެ.

އޭގެ ދުވަސްކޮޅެއް ފަހެވެ. އަހަރެންގެ އަންހެނުން ވަރަށް ބޮޑަށް ބަލިވިއެވެ. ރާއްޖެއިން ކުރެވުނު ހުރިހާ ފަރުވާއެއް ކުރެވިއްޖެއެވެ. އެހެނަސް އަންހެނުންގެ ބައްޔަށް ކުޑަވެސް ލުޔެއް ނުލިބުނެވެ. ކުޑަމިނުން އަންހެނުންނަށް ވަނީ ކިހިނެއް ކަމެއް ޑަކްޓަރުންނަށް ކިޔާދޭކަށް ވެސް ނޭނގުނެވެ. އެކި ޑަކްޓަރުން ބުނަނީ އެކި ބަހެވެ.

އެއް ދުވަހެއްގެ ހަވީރެވެ. އަހަރެން އިނީ އަންެހެނުން ކައިރީގައެވެ. އޭރު ކޮޓަރީގެ ކަނުގައި ހަރުކޮށްފައިވާ ޓީވީން ދިވެހި ޝެއިހަކު ދީނީ ދަރުހެއް ދެނީއެވެ. އަހަރެންގެ އަންހެނުން ބަލި އަޑަކުން ޓީވީގެ އަޑުގަދަ ކޮށްދިނުމަށް އެދުނީމެވެ. އޭރު އެ ޝެއިހް ވާހަކަ ދައްކަމުން ދިޔައީ ނަމާދާއި ބެހޭ ގޮތުންނެވެ.

ޝެއިހް ބުނެއެެވެ. ނަމާދު ނުކުރާ މީހުންނަކީ ހަޤީޤީ މުސްލިމުންނެއް ނޫނެވެ. އަދި އެފަދަ މީހުންނަށް ހުރި ވޭނުގެ ވާހަކަ ކިޔާދެމުން ނަމާދު ނުކުރާ ފަރާތްތަކުގެ ދިރިއުޅުން ބަނަ ވާނެކަމަށް ޝެއިހް ބުންޏެވެ. އަދި ދުނިޔެ މަތީގައި ނަމާދު ނުކުރާ މީހުންގެ މުދަލުގައި ބަރަކާތް ކެޑި އަނބިންނާއި ދަރިންނަށް ތަފާތު ބަލިތައް ޖެހުމާއި ތިމާއަށް ބަލިތައް ޖެހުމާއި މިނޫންވެސް އެތަކެއް ކަމެއް ޝެއިހް ބުނަމުން ދިޔައެވެ. އަދި ކުޅިވަރާއި މަޖަލުގައި ތިބުމުގެ ސަބަބުން ނަމާދު އަޅާމީހުންނަށް ހުރި ވޭނުގެ ވާހަކަވެސް ކިޔައިދިނެވެ. އެހިނދު އަހަރެންގެ ސިނކުޑީގައި ހީވީ ބާރު އެތިފަހަރަކުން ޖެހިހެންނެވެ. އަހަންނަށް ހީވާ ކަހަލައެވެ. ޝެއިހުގެ ބަސްތައް އެ ރައްދު ކުރަނީ އަހަންނަށެވެ. ޝެއިހުގެ ދަރުސް ގާތް ގަނޑަކަށް 30 ވަރަކަށް މިނެޓް ފަހުން ނިމުނެވެ. އޭރު އަހަރެންގެ ލޯ ހުރީ ކަރުނައިން ފުރިފައެވެ. އެހިނދެވެ. އަހަރެންގެ އަންހެނުން އަހަރެންގެ އަތުގައި ހިފިއެވެ. އަދި ބަލި އަޑަކުން ނަމާދު ކުރުމަށް ނަސޭހަތް ދިނެވެ. އަންހެނުންގެ ދުލުން އެ ޖުމްލަ ބޭރުވިތާ މާގިނަ އިރެއް ނުވެ މި ވަގުތީ އާލަމާއި އަންެހެނުން އަލްވަދާޢު ކިޔެވެ. އޭރު އަހަންނަށް ހަމަ ރަގަނޅަށްވެސް ރޮވިއްޖެއެވެ. إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ. އަހަރެންގެ އަންހެނުން އަހަންނާއި އަބަދަށް އެވަކިވީއެވެ. ކުރިންވެސް އަދި މަރުވަމުންވެސް އެދިނީ އެއް ނަސޭހަތެކެވެ. ނަމާދު ކުރުމަށެވެ.

އަންހެނުންގެ މަރަށްފަހު އަހަރެން ގަވައިދުން ނަމާދުކުރަމެވެ. އަދި ކުރިން އުޅުނު އުޅުން ދޫކޮށް ހެޔޮކަންކަން ކުރުމުގައި ދުވަސްތައް ހޭދަކުރީމެވެ. މާތް ﷲ ގަންދީބުނަމެވެ. ނަމާދު ކުރަމުން އަހަންނަށް އެލިބޭ ހިތްހަމަޖެހުން އެ ހުރިޙާ ދުވަހު އަހަރެން މަޖާކުރި އިރުވެސް ނުލިބެއެވެ. މިއަދު އަހަރެން މިއީ އެހެން މީހެކެވެ. އަހަރެން އެހެން މީހަކަށް ހަދައި ދިނީ ނަމާދެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަބްދުﷲ

    އަލްޙަމްދު ލިﷲ ، މިފަދަ ޢިބްރަތްތެި ފިލާވަޅުތަކުން ބާރު ލިބިގެން ނަމާދާއި އެހެނިހެން އަޅުކަންތަކަށް ސަމާލުވަމާތޯއެވެ. އޭރުން އާޚިރަތް ބާއްޖަވެރިވުމުގެ އިތުރުން ދުނިޔޭގައިވެސް މާތްﷲ ގެ ރަޙްމަތް ލައްވައި ދިރިއުޅުން ބާއްޖަވެރި ވާނެއެވެ. ހީވެސް ނުކުރާ ގޮތްގޮތުން ރިޒްޤު ތަނަވެސްވެ ބަލިތަކަށް ޝިފާ ލިބޭނެއެވެ. ދުނިޔެއަކީ ވަގުތީ ކުޑަ ހިނދުކޮޅެކެވެ. ދާއިމީ ގޮވެއްޗަށް ދިއުމަށް ތައްޔާރު ނުވެވުނު މީހަކަށް ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ.

    30
    1