ބޮލީވުޑުގެ ފިލުމުތައް ބޮއިކޮޓް ކުރުމަށް ގޮވާލާ ޓުވިޓާގައި އެތައް ބަޔަކު ދަނީ ޓުވީޓު ކުރަމުންނެވެ. މި ކަމުގެ ސަބަބުން ބޮލީވުޑުގެ ފިލުމުތައް ދަނީ ބޮޑުތަނުން ނާކާމިޔާބު ވަމުންނެވެ.

އެގޮތުން އާމިރު ޚާނާއި ކަރީނާ ކަޕޫރު ޚާންގެ ފިލުމު ''ލާލް ސިންގް ޗައްޑާ'' އާއި އަކްޝޭ ކުމާރުގެ ފިލުމު ''ރަކްޝާ ބަންދަން'' އަކީ ބޮއިކޮޓް ޓްރެންޑްގެ ޝިކާރައަށްވެ ބޮކްސް އޮފީހުގައި ނާކާމިޔާބުވި ބައެއް ފިލުމު ތަކެވެ.

އެންމެ ފަހުން ބޮއިކޮޓް ފިލުމު ތަކުގެ ލިސްޓަށް އިތުރުވެފައި މިވަނީ ޝާހުރުކް ޚާންގެ ކުރިއަށް އޮތް ފިލުމު ''ޕަތާން'' އެވެ. މި ފިލުމު ބޮއިކޮޓް ކުރުމަށް ގޮވާލާ ޓުވިޓާގައި ޕޯސްޓުތައް ކުރަން ފަށާފައިވަނީ ޝާހުރުކްގެ ކުރީގެ ވީޑިއޯއަކާއި ގުޅިގެންނެވެ.

މި ވީޑިއޯގައި ޝާހުރުކް ބުނެފައިވަނީ އިންޑިއާގެ އެއިރު ހާލަތު އޮތީ ބޮއްސުން ލާފައި ކަމަށާއި ހާލަތު ދަނީ އިތުރަށް ގޯސްވަމުން ކަމަށެވެ.

މި ވީޑިއޯ ޓުވިޓާގައި ހިއްސާކުރި ފަރާތުން ބުނެފައިވަނީ ހާލަތު ގޯސްވެފައިވާ ގައުމެއްގައި ޝާހުރުކް އެ އުޅެނީ ކީއްވެތޯއާއި އޭނާގެ ފިލުމު ''ޕަތާން'' ބޮއިކޮޓް ކުރުމަށް ގޮވާލާ ކަމަށެވެ. އަދި އެކަމަށް ތާއީދު ކުރާ ފަރާތްތަކުން ޓުވީޓު ރީޓުވީޓު ކުރުމަށް ވެސް އެދިފައިވެއެވެ.

މިއާއި އެކު އެތައް ބަޔަކު ވަނީ މި ޓުވީޓު ރީޓުވީޓުކޮށް ''ޕަތާން'' ބޮއިކޮޓް ކުރުމަށް ގޮވާލާފައެވެ.

ނަމަވެސް ޝާހުރުކްގެ ސަޕޯޓަރުން ވަނީ ''ޕަތާން'' ފިލުމަށް އިންތިޒާރު ކުރާ ކަމަށް ބުނެ ޓުވިޓާގައި އާ ޓްރެންޑެއް ފަށާފައެވެ. ''ޕަތާންއަށް އިންޑިއާ އިންތިޒާރުކުރަނީ''، ''ފުރަތަމަ ދުވަސް ފުރަތަމަ ޝޯ'' ގެ ނަމުގައި ޓްރެންޑްތައް ދަނީ ޓުވިޓާގައި ދައުރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ސޯޝަލް މީޑިޔާ ނެތް އިރު ހިންދީ ފިލްމް ތައް މުޅި ދުނިޔޭގަ ހިނގާ ސިނަމާ ތަކުގަ! ރާއޖޭގަ ވެސް އޭރު ސިނަމާ ހުރި ހިންދީ ފިލްމް ދައްކާ އެކަމަކު ސިނަމާ ތަކަށް މީހުން ނުދާތީ ސިނމާ ހުއްޓުނީ އިނޑިޔާ ގަ ވެސް މިހާރު ސިނަމާ ތަކަށް މީހުން ނުގޮސް ޗެނަލް ތަކުން ނޫނީ އޮންލައިން ކޮށް ފިލްމް ބަލަނީ! އިންޓަނެޓް އައިސް ސިނަމާ ވިޔަފާރި މުޅިން ހުލި ކޮށްލަނީ! މިހާރު ތަރިން ވެސް ކުރިން ތަރިން އެކްސްޕީރިއަންސް ކުރި ސްޓަރޑަމް ގެ ފޯރި ނުފެނޭ..! ސޭޑް

    4
    1