ބޮލީވުޑު ފިލުމު މޭކަރ ވިވެކް އަގްނިހޮތުރީ ބޮލީވުޑުގެ އަނދިރި ފަރާތް ހިއްސާކޮށްފިއެވެ.

ވިވެކް ޓުވިޓާގައި މި ޕޯސްޓު ހިއްސާ ކޮށްފައިވަނީ ''ދަ ކަޝްމީރު ފައިލްސް'' އޮސްކާގެ ނޮމިނޭޝަންގައި ހިމެނުމުން އަނޫރާގް ކަޝްޔަޕް ކޮށްފައިވާ ކޮމެންޓަކަށް ޖަވާބުދާރީވުމަށެވެ.

ވިވެކްގެ މި ޕޯސްޓުގައި އަސްލު ބޮލީވުޑަކީ ކޮބައިކަމާއި އަދި އޭގެ އަނދިރި ފަރާތް ވަނީ ހިއްސާ ކޮށްފައެވެ.

''ބޮލީވުޑު އިންޑަސްޓްރީ ދަސްވާހާ ދުވަހު މި އިންޑަސްޓްރީގައި އުޅެވިއްޖެ. މީހުންނަށް މި ފެންނަނީ އަސްލު ބޮލީވުޑެއް ނޫން. އަސްލު ބޮލީވުޑަކީ އަނދިރި އަދި ހަނި މަގުތަކެއް. މި އަނދިރިކަމަކީ އާދައިގެ މީހަކަށް ކެތް ކުރެވޭނެ ވަރުގެ އަނދިރި ކަމެއް ނޫން. މި އަނދިރި އަދި ހަނި ގޯޅިތަކުގެ ތެރޭގައި ވަނީ ވިއްސިވިހާލިވެފައިވާ ހުވަފެންތަކާއި ވަޅުލެވިފައިވާ ހުވަފެންތަކެއް. ބޮލީވުޑަކީ ހުނަރުގެ މިޔުޒިއަމްއެއް. ހަމައެގޮތަށް އެއީ ހުނަރުގެ ގަބުރުސްތާނެއް'' ވިވެކްގެ ޕޯސްޓުގައި ވެއެވެ.

މީގެ އިތުރުން ވިވެކް ލިޔެފައިވަނީ މީހަކަށް އެއްވެސް ގަދަރެއް ނެތް ތަނެއްގައި އުޅުމަކީ އުނދަގޫ ކަމެއް ކަމަށެވެ. ބޮލީވުޑަކީ މީހުންނަށް އެއްވެސް ގަދަރެއް ނެތް ތަނެއް ކަމަށް ބުނެފައިވެއެވެ.

މެދު ފަންތީގެ އާއިލާއަކުން އިންޑަސްޓްރީއަށް އަންނަ ޒުވާނަކު މި އިންޑަސްޓްރީގައި އުޅޭނެ ހާލު ވިސްނާލުމަށް ވެސް ވިވެކްގެ ޓުވީޓުގައި ވެއެވެ.

އެތައް ދަތި އުނދަގުތަކާއި ހުރަސްތަކަށް ފަހު ކާމިޔާބުވާ ފަންނާނެއް ވެއްޖެޔާ މަސްތުވާ ތަކެތި ފަދަ ދިރިއުޅުން ހަލާކުކޮށްލާ ކަންކަމާއި ގާތްވާ ކަމަށާއި އަދި އެކަމަށްޓަކައި ފައިސާ ހޯދުމަށް ނުރަނގަޅު ގޮތްތައް އިހުތިޔާރު ކުރާ ކަމަށް ވެސް ވިވެކް ބުނެފައިވެއެވެ.

ވިވެކްގެ މި ޓުވީޓް ނިންމާލަމުން ބުނެފައިވަނީ ކޮންމެ މީހަކު ވެސް ފެންނަނީ ތަރިއެއްގެ ގޮތުގައި ކަމަށާއި ޕާޓީ ކުރަނީ ވެސް ތަރިއެއްގެ ގޮތުގައި ކަމަށެވެ. އެކަމަކު އެމީހުންނަކީ ތަރިން ނޫން ކަމަށް ބުނެފައިވެއެވެ.