އިންޑިޔާގެ ވެރިކަންކުރާ ދިއްލީ ސަރަޙައްދުގެ ރޭލްވޭ ސްޓޭޝަނެއްގެ ތެރޭގައި، މީހުންގެ ޖީބުން ފޯނު ފޭރެމުން ދިޔަ ބަޔަކު ހުއްޓުވުމުގެ މަސައްކަތް ކުރި ޒުވާން ދެމަފިރިއަކަށް ހަމަލާ ދީފިއެވެ. މި ދެމަފިރިންގެ ތެރެއިން ފިރިހެންމީހާއަށް ވަޅިން ހަމަލާ ދީފައިވެއެވެ.
"އިންޑިޔާ ޓައިމްސް" ނޫހުން ބުނެފައިވާ ގޮތުގައި ވަޅި ހެރުމުން އަނިޔާވި މީހާއަށް ކިޔަނީ އަމަރްޖީތެވެ. އަދި، އޭނާގެ އުމުރަކީ 25 އަހަރެވެ.
ކަން ހިނގި ގޮތް ބަޔާންކޮށް، އެނޫހުގައި ބުނެފައިވަނީ، އަމަރްޖީތުގެ ދެމަފިރިން ރޭލު ސްޓޭޝަނަށް ގޮސްފައިވަނީ ދިއްލީ ޒޫ ބަލާލުމަށްފަހު އެނބުރި ގެއަށް ދިޔުމަށްކަމަށެވެ. އަދި، ސްޓޭޝަން ތެރޭގައި ހަތަރު މީހަކު ގުޅިގެން، މީހުންގެ ޖީބުން ފޯނު ފޭރެމުންދިޔަ ބަޔަކު ފެނުމުން، އެކަން ހުއްޓުވަން ދެމީހުން ވެގެން މަސައްކަތް ފެށީކަމަށެވެ. އެގޮތުން، ދެމަފިރިންގެ މަސައްކަތުން، ފޭރެމުން ދިޔަ ދެމީހަކު ހުއްޓުވިކަމަށާއި އެވަގުތު، އެތަނުން މީހަކު ޖީބުން ވަޅިއެއް ނަގާ އަމަރްޖީތުގެ މެޔަށް ހަރާލިކަމަށްވެއެވެ. ހަމައެހެންމެ، އެތަނުން، އަމަރްޖީތުގެ އަންހެނުންނަށްވެސް އަނިޔާތަކެއްވިއެވެ.
އަނިޔާވެފައިވާ ހާލުގައިވެސް، ފޭރޭ މީހުންގެ ފަހަތުން އެމީހުން ދުވިކަމަށްވެސް އެނޫހުން ބުނެފައިވެއެވެ.
އަމަރްޖީތުގެ ދެމަފިރިންނަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދެވުނު އިރު، ޖެހިގެން އައި ދުވަހުގެ ހެނދުނު، އަނިޔާތަކާ ގުޅިގެން އަމަރްޖީތުވަނީ މަރުވެފައެވެ.
ފޭރެމުން ދިޔަ ހަތަރު މީހުންގެ ތެރެއިން ތިން މީހަކު މިހާރު ހައްޔަރުކޮށްފައިވާކަމަށްވެސް އިންޑިޔާ ޓައިމްސްގައި ބުނެފައިވެއެވެ. މިކަން ހިނގާފައިވަނީ މި ހަފްތާގެ އާދީއްތަ ދުވަހުއެވެ.
އަމަރުޖީތަކީ ގައުމީ ބަޠަލެއް.
ކަލޭ މެން ތީ ބޭރު ގައުމު ތަކުގަ ނެރޭ ނޫސް ތަށް ދިވެހި ބަހަަށް ތަރުޖަމާ ކުރާ ބަޔަކީތަ. މީހަކު ހޭބަލިވާނެ..