އަބޫދާބީގައި ބޭއްވި އެމެރިކާގެ އަންހެނެއްގެ ޖަނާޒާގައި އެތައް ސަތޭކަ ބަޔަކު ބައިވެރިވެއްޖެއެވެ.

މި ޖަނާޒާގައި އެމިރޭޓްސްގެ ގިނަ ބަޔަކު ބައިވެރި ވުމުން ޔޫއޭއީގެ މިނިސްޓަރު ވަނީ "އިސްލާމްދީނުގެ އެއްބައިވަންތަކަމަށް" ތައުރީފު ކުރައްވައި ވާހަކަ ދައްކަވާފައެވެ.

މިއީ ޔޫއޭއީގެ މިނިސްޓަރ އޮފް އިންޓީރިއާ ލެފްޓިނެންޓް ޖެނެރަލް ޝެއިޚް ސައިފް ބިން ޒައިދު އަލް ނަހްޔާން ހިތްޕުޅު ހަމަޖެއްސެވި ހިތްގައިމު ވާހަކައެކެވެ. މިދިޔަ އާދީއްތަ ދުވަހު އޭނާ ވަނީ އިސްލާމް ދީން އެންމެން އެއްބައިވަންތަކޮށް، އަންހެނުން ތަރުބިއްޔަތުކުރާ ގޮތުގެ ވާހަކަ ދައްކާ "މަޖީދު" ނަމަކަށް ކިޔާ މީހަކު ފެންނަ ވީޑިއޯއެއް ހިއްސާކޮށް ކުރައްވާފައެވެ.

އެ ކްލިޕްގައި މަޖީދު ބުނީ އެ އަންހެން މީހާއަކީ އުމުރުން 93 އަހަރުގައި ނިޔާވި އަލަށް އިސްލާމްވި މުސްލިމެއް ކަމަށެވެ. އޭނާ އަބޫދާބީގައި ދިރިއުޅެމުން ދިޔައީ ދަރިފުޅާއެކު ކަމަށް އޭނާ ބުންޏެވެ.

ވަޓްސްއެޕް މެދުވެރިކޮށް އޭނާ އަވަހާރަވި ޚަބަރު ފެތުރުމާ އެކު އެތައް ސަތޭކަ ބަޔަކު ވަނީ އޭނާގެ ޖަނާޒާއަށް ގޮސް އޭނާއަށް ހެޔޮ ދުއާ ކޮށްފައެވެ.

އެ ވީޑިއޯގައި މަޖީދު ވަނީ މިސްކިތް ފުރި، ޕާކިން ލޮޓާ ހަމައަށް ދިގުލައިގެން ތިބި ފިރިހެނުންގެ ފޮޓޯތައް ހިއްސާކޮށްފަ އެވެ.

"އޭނާގެ ޖަނާޒާގައި ގާތްގަނޑަކަށް 1000 އެއްހާ ފިރިހެނުން ބައިވެރިވި އިރު، އެމީހުންނަށް ވެސް އޭނާ ނޭނގެ. މިއީ އިސްލާމްދީން،" އޭނާ ބުންޏެވެ.

ޝައިޚް ސައިފް ބިން ޒައިދު އަލް ނަހްޔާން ވަނީ މަޖީދު އެ ވާހަކަ ހިއްސާކުރުމުން ޝުކުރު އަދާކުރައްވައި "ޕޮޒިޓިވް އެމިރާތީ ސިޓިޒަންޝިޕް" ދެއްކުމަށް ތައުރީފް ކުރައްވާފައެވެ.