އިނގިރޭސިވިލާތަށް ނިސްބަތްވާ މަސްވެރިއެއް 30 ކިލޯއަށްވުރެ ބަރު ގޯލްޑް ފިޝްއެއް ބާނައިފިއެވެ.

އެންޑީ ހެކެޓް ނަމަކަށް ކިޔާ މި މަސްވެރިޔާ ބަރުދަނުގައި 30 ކިލޯއަށްވުރެ ބަރު ގޯލްޑް ފިޝްއެއް ބާނާފައި ވަނީ ފްރާންސްގައި މަސްވެރިކަން ކުރަމުން ދަނިކޮށެވެ.

ޗެމްޕޭންގެ ބްލޫ ވޯޓާ ލޭކްގައި މަސްވެރިކަން ކުރަމުންދިޔަ އެންޑީއަށް ބޭނުނު މި މަހަކީ އެ ފެންގަނޑަށް މީގެ 20 އަހަރު ކުރިން ލީ މަހެއް ކަމަށް ވެއެވެ. އޭނާ މި ބަސް ބޭނުމަށް 25 މިނިޓް ހޭދަ ކުރި ކަމަށް ވެއެވެ.

އޭނާ ބުނީ، މި މަސް އެ ފެންގަނޑު ތެރޭގައި އޮންނަކަން ކުރިންވެސް އެނގޭ ކަމަށާއި، އެކަމަކު އޭނާއަށް މި މަސް ބޭނިދާނެ ކަމަށް ހީ ނުކުރާ ކަމަށެވެ.

އެގޮތުން އެ މަސް ބުޅީގައި ޖެހުމާއެކު، އެއީ ބޮޑު މަހެއްކަން އޭނާއަށް އެނގުނު ކަމަށް ބުންޏެވެ. އެއީ އެ މަހުގެ ހަރަކާތްތައް ހުރިގޮތުން ކަމަށްވެސް އޭނާ ބުންޏެވެ. އަދި އޭނާގެ ނަސީބު ރަނގަޅީ ކަމަށް ހިތައް އެރި ކަމަށްވެސް ބުންޏެވެ.

މިއީ 2019 ވަނަ އަހަރު އެމެރިކާ ރައްޔިތެއް ކަަމަށްވާ ޖޭސަން ފުގެޓް ބޭނި މި ވައްތަރު މަހަށްވުރެ ބަރުދަނުގައި 13 ކިލޯ ބަރު މަހެއް ކަމަށް ވެއެވެ. އެއިރު އެ މަހަކީ ދުނިޔޭގެ އެންމެ ބޮޑު ގޯލްޑް ފިޝްގެ ލަގަބް ހޯދި މަހެވެ.

ހެކެޓް ވަނީ އެ މަހާއެކު ފޮޓޯ ނެގުމަށްފަހު، އަލުން އެ މަސް އެ ފެންގަނޑަށް ދޫކޮށްލާފައެވެ.

ދަ ފިޝަރީ މެނޭޖަރ ބުނީ، އެ މީހުން އެ ފެންގަނޑަށް މި މަސް ލީ މީގެ 20 އަހަރު ކުރިން ކަމަށެވެ. އަދި އޭތި ބޮޑުވަމުން ދިޔައިރު، މީގެ ކުރިން އެއްވެސް އިރެއްގައި މީހަަކަށް މި މަސް ބޭނިފައި ނުވާ ކަމަށް ބުނެފައި ވެއެވެ.