މާލޭގެ މަސް މާރުކޭޓުގައި މަސް ތިޔާގިވެ އަގުތަށް ދަށަށް ގޮސްފިއެވެ.

މާރުކޭޓުގައި މިހާރު މަހުގެ އަގުތައް ހުރި ގޮތަށް ބަލާއިރު ކަނޑު މަސް ނުވަތަ ކަޅު ބިލަމަސް ކިލޯއެއްގެ އަގު ހުރީ 25ރ. އާއި 35ރ. އާ ދެމެދުއެވެ.

މީގެ ކުރިން ރޯދަ މަސް ފެށުނު އިރު ކަނޑުމަސް ކިލޯއެއްގެ އަގު ހުރީ 40ރ. އާއި 45ރ. އާ ދެމެދުއެވެ.

ކަނޑު މަސް ތިޔާގިވި ނަމަވެސް ކަންނެލި މަހުގެ އަގު އަދިވެސް ހުރީ އެއްވަރެއްގައި ހިފެހެއްޓިފައެވެ. އެގޮތުން މިހާރުވެސް ކަންނެލި މަސް ކިލޯއެއްގެ އަގު އުޅެނީ 60ރ. އާއި 70ރ. އާ ދެމެދުއެވެ.

"މިހާރު ކަނޑު މަސް ބާނައިގަނެް ދޯނިތައް ހަމަ ވަރަށް ގިނައިން އެބަ އާދޭ. ދެން ކަންނެލި ދޯނިތައް ވެސް މަހަށް ފުރައިފި ދެތިން ދުވަސް ކުރިން. އެހެންވީމާ ކަންނެލީގެ އަގުތައް ވެސް ވެއްޓޭނެ" މާރުކޭޓުގައި މަސް ވިއްކަން އުޅޭ މީހަކު ކިޔައިދިނެވެ.

މާރުކޭޓުން ލައްޓި ރާގޮނޑި ވެސް ގިނަ އަދަދަކަށް ލިބޭ އިރު ކިލޯއެއް އުޅެނީ 10ރ. އާއި 25ރ. ގެ އަގު ތަކެއްގައެވެ.

"މަހުގެ އަގުތައް ދަށްވިޔަސް ވިއްސާރަ ވެއްޖިއްޔާ އަގުތައް މަތިވުމުގެ ފުރުސަތުވެސް އެބަ އޮތް" މާރުކޭޓުގައި މަސް ވިއްކަން އުޅޭ މީހަކު ބުންޏެވެ.