އިނގިރޭސިވިލާތުގެ އަންހެނަކު މޭކަޕް ކޮށް، ބޮލުގެ އިސްތަށިގަނޑުގައި ކުލަ ޖައްސާ އިސްތަށިގަނޑު ރީތިކުރަން ސެލޫނަކަށް ދިއުމުން އެސޫން އިން އަންހެން މީހާގެ ބޯ ހަފަހަރު ދޮންނި ކަމަށާއި ނަތީޖާއެއްގެ ގޮތުން ސްޓްރޯކެއް ޖެހުނު ކަމަށް ބުނެ އެކަމުގެ ބަދަލު ހޯދަން ކޯޓުގައި ދައުވާ ކޮށްފިއެވެ.

އުމުރުން 47 އަހަރުގެ އެޑެލް ބާން ބުނީ އޭނާގެ އިސްތަށިގަނޑު ހަފަހަރަށް ދޮންނަން ޖެހޭ ސަބަބެއް ނެތް ކަމަށާއި ސެލޫން އިން އެވަރަށް އޭނަގެ އިސްތަށިގަނޑު ދޮންނަން ފެށުމުން އޭނާ އަށް ސްޓްރޯކެއް ޖެހުނު ކަމަށެވެ.

އެޑެލް ވަނީ އޭނާ އަށް ސްޓްރޯކެއް ޖެހުމުން ފަރުވާ ހޯދަން ޚަރަދު ކުރަން ޖެހުނު 200 އެމެރިކާ ޑޮލަރާއި ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެއްމިލިއަން އެމެރިކާ ޑޮލަރު ނަގައި ދިނުމަށް ކޯޓުގައި އެދިފައެވެ.

އެޑެލް ބުނާ ގޮތުގައި އޭނާ އަށް ސްޓްރޯކެއް ޖެހުނީ މާގިނައިން އަވަސް އަވަހަށް ބޯ ފުރަގަހަށް ލެންބުމުންނެވެ. ބޮލުގައި ޝޭމްޕޫ އާއި ކޮންޑިޝަނާ ލުމަށް އެތައް އިރެއް ވަންދެން ބޯ ފުރަގަހަށް ލަންބައިގެން އޮންނަން ޖެހުމުން ލޭ ދައުރުވުމުގައި މައްސަލަ ދިމާވެ ސްޓްރޯކެއް ޖެހުނީ ކަމަށް އޭނާ ބުނެއެވެ.

ސްޓްރޯކަށް ފަހު އެޑެލްގެ ހާލަތު މިހާރު ކޮންމެވެސް ވަރަށް ރަނގަޅު ވެފައި ވީނަމަވެސް އަދިވެސް އޭނާ އަށް ވާހަކަ ދެއްކުމާއި، ލިޔަން އަދި ފޮތްފޮތުގައި ހުންނަ އެއްޗެހި ކިޔަން ދަތިތައް ދިމާވެއެވެ. މިހާރު އޭނާ ގެންދަނީ ފަރުވާ ފުރިހަމަ ކުރުމުގެ މަސައްކަތްކުރަމުންނެވެ.

އެޑެލް އަށް ސްޓްރޯކެއް ޖެހުނީ 2016 ވަނަ އަހަރުގެ އޭޕްރިލް މަހު އެވެ.

އެޑެލް އަކީ ދެކުދިންގެ މަންމަ އެކެވެ. އޭނާ ބުނާ ގޮތުން ކޯޓަށް މައްސަލަ ހުށަހެޅީ އެހެން މީހަކަށް ވެސް މިފަދަ ކަމެއް ދިމާވިޔަ ނުދިނުމަށެވެ.

ކިޔުންތެރިންގެ ހިޔާލު