މަތިންދާބޯޓުތަކުގައި، ތަފާތު ކަންތައްތައް ހިނގުމަކީ މިހާރަކަށް އައިސް އާއްމުވެފައިވާ ކަމެކެވެ. ކޮންމެ ހަފްތާއެއްގައި ކަހަލަ ގޮތަކަށް، ކޮންމެވެސް އެއަރލައިން އެއްގެ ކޮންމެވެސް މަތިންދާބޯޓެއްގައި ހިނގި ކަމެއްގެ ވާހަކަ، ނޫސްތަކުގެ ސުރުޚީތަކުން ޖާގަ ހޯދައެވެ.

އެގޮތުން، ދާދިފަހުން، ރަޝިޔާގެ "އެއިރޯފްލޮޓް"ގެ މަތިންދާބޯޓެއްގެ ތެރޭގައި، ފަސިންޖަރަކުވަނީ، ކެބިން ކްރޫ އަކަށް ވަރަށް ބޮޑަށް އަނިޔާކޮށްފައެވެ. ފްލައިޓު ތެރޭގައި ހަރަކާތްތެރިވާ ކެބިން ކްރޫ އިން، އެމީހާގެ އަމިއްލަ ފޯނު އެއްލާލާފައި ބުނެ، އަނިޔާކުރަމުން ދިޔައިރު، އެމީހާ ކޮންޓްރޯލް ކުރުމަށް، އެ މަތިންދާބޯޓުގައި ތިބި އެހެން ފަސިންޖަރުން މަސައްކަތް ކޮށްފައިވެއެވެ.

މި ފިރިހެން މީހާ، ކެބިން ކްރޫ އަށް އަނިޔާކުރުމުގެ އިތުރުން، ކެބިން ކްރޫ އަށް ނިސްބަތްކޮށް ހުތުރު ބަހުންވެސް ވާހަކަ ދައްކާފައިވެއެވެ. އެގޮތުން، އެފަދަ ތަނެއްގައި ބޭނުންކުރަން ނުޖެހޭފަދަ އެތައް ބަހެއް ބޭނުންކޮށްފައިވާކަމަށް، މި ވާހަކަ ގެނެސްދީފައިވާ ބައެއް މީޑިޔާތަކުން ބުނެފައިވެއެވެ. ހަމައެހެންމެ، އެމީހާއަކީ، ވަރުގަދަ ގޭންގް އަކަށް ނިސްބަތްވާ މީހެއްކަމަށް ބުނެ، ކެބިން ކްރޫ އަށް ބިރު ދައްކާފައިވެއެވެ.

ފިރިހެން ކެބިން ކްރޫ އަކަށް މި މީހާ އަނިޔާކޮށް ބިރު ދައްކާފައިވާއިރު، އެމީހާ ބުނެފައިވަނީ އެއީ، ރަޝިޔާގެ މަޝްހޫރު "މާފިޔާ" ގޭންގް އަށް ނިސްބަތްވާ، އެމީހުންނާ ގުޅުން އޮންނަ މީހެއްކަމުގައެވެ. އަދި، ކެބިން ކްރޫ އަށް ގެއްލުން ދޭނެކަމަށް ބުނެފައިވެއެވެ.

ކެބިން ކްރޫ އަށް ހަމަލާ ދެނީ

އެހެންނަމަވެސް، ފަހުން، ފޯނު ހޯދުމަށް ކުރި މަސައްކަތްތަކުން އިތުރަށް އެނގުނު ގޮތުގައި، ކެބިން ކްރޫ، ފޯނު ވަގަށް ނަގާފައި ނުވެއެވެ. އޭގެ ބަދަލުގައި، ފޯނު އޮތީ، މާފިޔާ ގޭންގާ ގުޅުން އޮންނަ މީހާގެ ދަބަހެއްގެ ތެރޭގައިކަން ވަނީ އެނގިފައެވެ. އަދި، އެ ދަބަސް ތެރެއަށް ފޯނު ލައިފައިވަނީވެސް، އެމީހާ އަމިއްލައަށްކަން ހާމަވެފައިވެއެވެ.

މި މަންޒަރުތަކުގެ ވީޑިޔޯ ރިކޯޑުވެފައިވާއިރު، އެވީޑިޔޯ މީސް މީޑިޔާގައި އާއްމުވެފައިވެއެވެ. ފްލައިޓު ޖެއްސުމާއެކު، އެމީހާވަނީ ފުލުހުންނާއި ހަވާލުކޮށްފައެވެ.

މިކަން ހިނގާފއިވަނީ މި ހަފްތާގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު