"ޑްރެގަންސް ބްރެތް" ނުވަތަ ޑްރެގަންގެ ނޭވާގެ ގޮތުގައި މަޝްހޫރުވެފައިވާ ކާނާ ކެއުމުގެ ސަބަބުން 20 ކުދިންނަށް ސިއްހީ ގެއްލުންތަކެއް ލިބުމުން، ލިކުއިޑް ނުވަތަ ދިޔާ ނައިޓްރޮޖެން ކެއުމާއި ދެކޮޅަށް އިންޑޮނޭޝިއާއިން އާންމުންނަށް އިންޒާރު ދީފިއެވެ.

މި ޑްރެގަންސް ބްރެތް ކާނާ ކެއުމަކީ މިހާރު ވައިރަލްވެފައިވާ ވީޑިއޯ ޓްރެންޑެކެވެ.

އެކި ކުލައިގެ މި މެޓާތައް ކެއުމަށްފަހު، ކުދިންގެ ހަންގަނޑު ފިހި، ވަރަށް ބޮޑަށް ބަނޑުގައި ރިއްސާ، ކާނާ ވިހަވެފައިވާ ކަމަށް އިންޑޮނޭޝިއާގެ ސިއްހަތާއި ބެހޭ ވުޒާރާއިން މައުލޫމާތު ދީފައިވެއެވެ. މިކަމާއި ދޭތެރޭ ސަމާލުވުމަށް އެ ވުޒާރާއިން ވަނީ ބެލެނިވެރިންނަށާއި، ޓީޗަރުންނަށާއި، ސިއްހީ އިދާރާތަކަށް ގޮވާލާފައެވެ.

މި މެޓާތައް ކާއިރު، އަނގައިން ދުން އެރުވުމަށްޓަކައި، ދިޔާ ނައިޓްރޯޖެން އަށް ލައެވެ. ކުޑަކުދިންގެ މެދުގައި މިއެއްޗެހި ވަރަށް މަގުބޫލުވެފައިވާއިރު، އެ ކެއުމަށްފަހު، އަނގައިންނާއި، ނޭފަތުންނާއި، ކަންފަތުން ދުން އަރުވާ މަންޒަރު ފެންނަ އެތައް ވީޑިއޯއެއް ޓިކްޓޮކްގައި ވަނީ އާންމު ކޮށްފައެވެ. މަގުމަތީގައި ކާއެއްޗެހި ވިއްކާ ފަރާތަކުން މި ލުއިކެއުން ތައްޔާރުކުރާތަން ފެންނަ ވީޑިއޯއެއް، ގާތްގަނޑަކަށް 10 މިލިއަން ފަހަރު ވަނީ ބަލާފައެވެ.

މި ބާވަތުގެ ކާ އެއްޗެހި ކެއުމުން ގާތްގަނޑަކަށް 25 ކުދިންނަށް ސިއްހީ ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި، އޭގެ ތެރެއިން ދެ ކުއްޖަކު ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހިފައިވާ ކަމަށްވެސް ސިއްހަތާއި ބެހޭ ވުޒާރާގެ ޑިރެކްޓަރު މެކްސީ ރެއިން ރޮންޑޯނުވޫ މައުލޫމާތު ދެއްވާފައިވެއެވެ. އޭގެ ތެރޭގައި 4 އަހަރުގެ ކުއްޖަކުވެސް ހިމެނެއެވެ.

މިކަމާއި ގުޅިގެން އެއްވެސް ކުއްޖަކު މަރުވެފައިވާ ކަމެއް ރިޕޯޓް ކޮށްފައެއް ނުވެއެވެ.

ދިޔާ ނައިޓްރޯޖެން ކާއެއްޗެހި ތައްޔާރުކުރުމުގައި ބޭނުންކުރުމަކީ ގާނޫނާއި ހިލާފު ކަމެއް ނޫނެވެ. މަޝްހޫރު ޝެފުންވެސް ކާ އެއްޗެހި ރީތި ގޮތްގޮތަށް ހުށައެޅުމަށްޓަކައި ދިޔާ ނައިޓްރޮޖެން ބޭނުން ކުރެއެވެ.

ދިޔާ ނައިޓްރޮޖެންގައި އެއްވެސް ކުލައެއް ނުވަތަ ވަހެއް ނުހުރެއެވެ. ދިޔާ ނައިޓްރޮޖެން އާންމުކޮށް ބޭނުންކޮށް އުޅެނީ ސިއްހީ ދާއިރާގައި އާއި، ކާއެއްޗެހި ގަނޑު ކުރުމަށެވެ.

ނަމަވެސް އެކަށީގެންނުވާ ގޮތަށް ބޭނުންކުރާނަމަ، މިއީ ވަރަށް ގެއްލުންވެސް ވެދާނެ މާއްދާއެކެވެ.

މެކްސީ ވިދާޅުވީ މީގެން ހަމައެކަނި ގެއްލުންވަނީ ކެއުމުން ނޫންކަމަށާއި، އޭގެން އަރާ ދުންތައް މާގިނައިން ހަށިގަނޑުގެ އެތެރެއަށް ގޮސްފިނަމަ، ނޭވާލާން ދަތިވުންވެސް އެކަށީގެންވާ ކަމަށެވެ.

ދިޔާ ނައިޓްރޮޖެން އިން ލިބޭ ގެއްލުންތައް ސުކޫލުތަކުން، ކުދިންނަށް ކިޔައިދޭން ޖެހޭ ކަމުގައި ވެސް މެކްސީ ވަނީ ވިދާޅުވެފައެވެ.

ދިޔާ ނައިޓްރޮޖެން ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ތަކެތި ކެއުމުން، ސީރިއަސް ގެއްލުންތަކެއް ވެދާނެ ކަމުގެ އިންޒާރު، އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީންވެސް 2018 ވަނަ އަހަރު ވަނީ ނެރެފައެވެ.

ސިންގަޕޫރުގެ ޑޮކްޓަރެއްކަމަށްވާ ކްލެރެންސް ޔެއޯ ވިދާޅުވީ ދިޔާ ނައިޓްރޮޖެން އަކީ ނުރައްކާތެރި އެއްޗެއް ކަމަށެވެ. އަދި އޭގެ ބަނޑަށް އުނދަގޫވެ، އަނގަޔާއި ކާ އެއްޗެހި ދާ ހޮޅި ފިހުން ފަދަ ކަންތައްތައް ވުން އެކަށީގެންވާ ކަމަށެވެ. އަދި ކުޑަކުދިންނަށް މީގެ އަސަރު ބޮޑަށް ކުރާ ކަމަށާއި، އެއްވެސް މީހަކު އެ ކެއުމަށް ލަފާ ނުދެއްވާނެ ކަމަށްވެސް ކްލެރެންސް ވިދާޅުވިއެވެ. ކްލަރެންސް އިތުރަށް ވިދާޅުވީ އޭގެ ސަބަބުން ގުނަވަންތަކަށްވެސް ގެއްލުން ލިބުން އެކަށީގެންވާ ކަމަށެެވެ.