ޕިއްޒާއަކީ އަހަރެމެންގެ ތެރެއިން ވަރަށް ގިނަ މީހުންނަށް ކަމުދާ އެއްޗެކެވެ. އިޓަލީގެ މަޝްހޫރު ކެއުމެއް ކަމަށް ޕިއްޒާއަށް މުޅިދުނިޔޭގައިވެސް ބޮޑު މަގުބޫލުކަމެއް ވަނީ ލިބިފައެވެ. އަދި ދުނިޔޭގެ ކޮންމެ ތަނެއްގައި ހުއްޓަސް، އެތަނަކުން ޕިއްޒާ ލިބޭނެއެވެ.

އެމެރިކާގެ މަލްޓިނެޝަނަލް ރެސްޓޯރެންޓް ޗެއިން، ޕިއްޒާ ހަޓް އިން މިވަނީ ޕިއްޒާއަށް އޮތް ލޯބި ހާމަކުރުމަށް އެއް ފިޔަވަޅު ކުރިއަށް ޖެހިލާ، ދުނިޔޭގެ އެންމެ ބޮޑު ޕިއްޒާ ތައްޔާރު ކުރުމުގެ މަސައްކަތް ފަށާފައެވެ.

ރޮއިޓާސް އިން ބުނެފައިވާ ގޮތުގައި ރިކޯޑްތައް މުގުރާލާނެ މި ޕިއްޒާ ނިމޭއިރު ބޮޑު މިނުގައި 14100 އަކަފޫޓު ހުންނާނެއެވެ. އަދި 68000 ފޮތި މި ޕިއްޒާގައި ހިމެނޭނެއެވެ.

މި ޕިއްޒާ ހެއްދުމަށްޓަކައި ދިގުއަކައިގެ ބައްޓަމަށް ހުންނަ ޕިއްޒާ ފުށްގަނޑުގެ ފޮތިތައް ތިރީގައި އަތުރާފައިވެއެވެ. އަދި އެއަށްފަހު ޕިއްޒާ ސޯސް އާއި ޗީސް އާއި ޕެޕަރޯނީ އޭގެ މައްޗަށް އަޅާނެއެވެ. މިހާ ބޮޑު ޕިއްޒާއެއް ފިހެވޭނެ އަވަނެއް ނުހުންނާނެތީ، މި ޕިއްޒާ ފިހާނީ، ކައްކާ އާލާތެއް ޕިއްޒާ ފޮތި ތަކުގެ މަތީގައި ދއުރުކޮށްގެންނެވެ.

އެމެރިކާގެ ލޮސް އެންޖެލިސްގެ ކޮންފަރެންސް ސެންޓަރުގައި މި ޕިއްޒާ ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށް އެބަ ދެއެވެ. ޕިއްޒާ ހަޓް ކުންފުނީގެ ރައިސް ޑޭވިޑް ގްރޭވްސް ބުނެފައިވަނީ އެއްވެސް ކާނާއެއް ބޭކާރު ނުވާނެ ކަމަށާއި، ރެކޯޑް ހެދުމަށް ފަހު ޕިއްޒާ ފޮތިތައް އެ ސަރަހައްދުގެ ފުޑް ބޭންކުތަކަށް ޑޮނޭޓް ކުރެވިގެން ދާނެ ކަމަށެވެ.

ގްރޭވްސް އިތުރަށް ބުނީ ޕިއްޒާ ހަޓަކީ އެންމެ ފުރަތަމަ ކަންތައްތައް ކުރުމުގެ ތާރީހެއް އޮތް ތަނެއް ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ޕިއްޒާ އެއް ޑެލިވަރ ކޮށް، އިންޓަނެޓްގެ ޒަރީއްޔާއިން ޕިއްޒާގެ އޯޑަރެއް އެންމެ ފުރަތަމަ ނެގީވެސް ޕިއްޒާ ހަޓުން ކަމަށް އޭނާ ބުނެފައިވެއެވެ.

ޕިއްޒާ ހަޓްގެ ގޮފިތައް ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ހުރެއެެވެ.