އިނގިރޭސި ރަސްގެފާނު ޗާލްސް ފިލިޕް އާރތަރ ޖޯޖް އިނގިރޭސިވިލާތުގެ ރަސްކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ބާއްވަވާ ތާޖު އެޅުމުގެ މުނާސަބާ ފާހަގަކުރުމަށް ބޭއްވޭ ކޮންސެޓްގައި އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ ކޭޓީ ޕެރީއާއި ލިޔޮނަލް ރިޗީ ލަވަ ހުށަހަޅައިދިނުމަށް ހަމަޖައްސައިފިއެވެ.

މި ކޮންސެޓް 7 މެއި ގައި ވިންޑްސަރ ކާސަލްގެ ގޯތިތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، 20،000 އަށް ވުރެ ގިނަ މީހުން ކޮންސެޓްގައި ބައިވެރިވާނެ އެވެ. ކޭޓީއާއި ލިޔޮނަލްގެ އިތުރުން އިޓަލީގެ އޮޕެރާ ލަވަކިޔުންތެރިޔާ އެންޑްރިއާ ބޮސެލީ އާއި ވެލްޝްގެ ބެސް-ބެރިޓޯން ސަރ ބްރިން ޓާފެލް އަދި ފްރޭޔާ ރައިޑިންގްސް ވެސް މި ކޮންސެޓްގައި ބައިވެރިވާނެ އެވެ.

މި ޝޯ ކުރިއަށް ގެންދާނީ "ލޯތްބާއި އިހުތިރާމާއި، އޮޕްޓިމިޒަމް"، މި ޝިއާރުތަކުގެ މައްޗަށެވެ.

މުޅި ދުނިޔޭގައި އޭނާގެ 57 މިލިއަން އަލްބަމް ވިކިފައިވާ ކޭޓީ ޕެރީއަކީ ކިންގް ޗާލްސްގެ ރުހުން ލިބިފައިވާ ލަވަކިޔުންތެރިއެކެވެ. ޗާލްސް ވަނީ 2020 ވަނަ އަހަރުގައި ކޭޓީ ބްރިޓިޝް އޭޝިއަން ޓްރަސްޓަށްވެސް އައްޔަންކުރައްވާފައިއެެވެ.

އަދި ލިޔޮނަލް ރިޗީއަކީ މި ޓްރަސްޓްއަށް ހަމަޖެހުނު ފުރަތަމަ ގްލޯބަލް އެމްބެސެޑަރއެވެ.

މި ފަންނާނުންގެ އިތުރުން މި ކޮންސަޓްގައި 300 މެމްބަރުންގެ ކޮޔަރއަކުން ހުށަހެޅުންތައް ގެނެސްދިނުމަށް ހަމަޖެހިފައިވެއެވެ. މި ކޮޔަރ ހުށަހެޅުން ގެނެސްދޭނީ އެމޭންޑާ ހޯލްޑެން އަދި މޮޓްސީ މެބިއުސްގެ އިރުޝާދުގެ ދަށުންނެވެ. އަދި ހަމައެއާއިއެކު، ކޮމަންވެލްތްގެ ކޮޔަރ ގްރޫޕެއްވެސް ހުށަހެޅުމެއް ގެނެސްދިނުމަށް ހަމަޖެހިފައިވެއެވެ. ނަމަވެސް. ކޮމަންވެލްތް ގްރޫޕްގެ ހުށަހެޅުން ގެނެސްދޭނީ ވާޗުއަލްކޮށް ކަމަށް އިނގިރޭސި މީޑިއާ ބީބީސީއިން ރިޕޯޓްކޮށްފައިވެއެވެ.

ލައިވްކޮށް ގެނެސްދިނުމަށް ހަމަޖެހިފައިވާ މި ކޮންސެޓްގެ ޕްރޮޑިއުސަރުންނަށް ހަމަޖެހިފައިވަނީ ބީބީސީއެވެ.